ޔޫއެފާ ޗެމްޕިއަންސް ލީގު

ސުއަރޭޒްގެ ދެ ލަނޑުން ފަހަތުން އަރައި އިންޓަ އަތުން ބާސާ މޮޅުވެއްޖެ

އަލީ ރިފްޝާން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސުއަރޭޒްގެ ދެ ލަނޑުން ފަހަތުން އަރައި ސްޕެއިންގެ ޗެމްޕިއަން ބާސާ އިން އިޓަލީގެ އިންޓަ މިލާން ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އެފް"ގެ މެޗުގައި އިންޓަ އަތުން ބާސާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިތާ ތިން މިނެޓުގެ ތެރޭ އިންޓަ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން އިންޓައަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓިނޭޒެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ގޯލުގެ ތިރީ ކަނަކަށެވެ.

އިންޓަ އިން ލީޑު ހޯދުމާއެކު ބާސާ އިން ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒަމަނަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ސާޖިއޯ ރޮބާޓޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ގްރީޒްމަން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އިންޓަ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ވެސް ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސުއަރޭޒް ދިން ބޯޅައަކުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، އިންޓަގެ ކީޕަރު ސާމިރް ހެންޑޮވިޗް ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ އިންޓައަށެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި އިންޓަގެ މާޓިނޭޒަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ބާސާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓޭގަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ބާސާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެސީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އާތުރް ފޮނުވާލި ހަމަލާ ދިޔައީ އިންޓަ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންޓަ ކުރީގައި އޮވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އާޓުރޯ ވިޑާލް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސުއަރޭޒެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިންޓަ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ބާސާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެސީ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސުއަރޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އިންޓަގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

"ގްރޫޕު އެފް"ގެ އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާއި ދެވަނައިގައި އޮތް ބާސާއަށް ވެސް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޑޯޓްމަންޓް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ސްލާވިއާ ޕްރާހާ އާއި އިންޓައަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، "ގްރޫޕު އީ"ގައި ކުޅުނު މެޗުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވީ ހަނި ތަފާތަކުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ލިވަޕޫލް މޮޅުވީ 4-3ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭ އާއި އެންޑްރޫ ރޮބާޓްސަންއެވެ. މެޗުގައި ސަލްޒްބާގްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުވާން ހީ ޗަން އާއި ޓަކުމީ މިނަމިނޯ އަދި އާލިންގް ބްރޯޓް ހަލާންޑެވެ.

ރޭ ކުޅުނު "ގްރޫޕު އެޗް"ގެ މެޗުގައި 2-1ގެ ނަތީޖާއަކުން އިނގިރޭސިވިލާތުގެ ޗެލްސީން ވަނީ ފްރާންސްގެ ލިލް ބަލިކޮށްފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމް އާއި ވިލިއަންއެވެ. އަދި ލިލް އިން ޖެހި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓާ އޮސިމްހެންއެވެ.