ބޮލީވުޑް

އެކްޓްރަސްއަކުން ލަވަކިޔުންތެރިއަކުން ޕްރޮޑަކްޝަންއަށް، ދެން ބޭނުން ވަނީ ޑައިރެކްޓް ކުރަން: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްރާ ޖޯނާސް (ޕީސީ) އަކީ ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ކާމިޔާބު ބަތަލާއެކެވެ.

އެކްޓްކުރުމުގެ އިތުރުން ޕީސީ ވަނީ ލަވަކިޔުމާއި ފިލްމު ޕްރޮޑިއުސް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް ޑައިރެކްޓް ކުރުމަކީ އޭނާ އަބަދުވެސް ޖެހިލުންވާ ކަމެކެވެ.

މިސް ވޯލްޑްގެ ތާޖު ހޯދުމާއެކު 2003 ވަނަ އަހަރު ޕީސީ ބޮލީވުޑަށް ނުކުތީ "ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައެވެ. މީގެ އިތުރުން ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ވެސް ވަނީ ކޮށްފައެވެ. މިމަހުވެސް ޕީސީ ޕްރޮޑިއުސް ކުރާ ފިލްމެއް ކަމަށްވާ "ދަ ސްކައި އިސް ޕިންކް" ރިލީސް ކުރާނެ އެވެ. އެ ފިލްމުގައި ލީޑު ބަތަލާއަކަށް ޕީސީ ފެނިގެންދާނެއެވެ.

ފިލްމީ ދާއިރާގެ މުހިންމު ހުރިހާ ކަމެއް ޕީސީއަށް މިހާރު ކުރެވިފައިވާ އިރު ބާކީ އޮތީ ޑައިރެކްޝަނެވެ. ނަމަވެސް އޭނާ އެކަން ކުރަން ޖެހިލުންވެ އެވެ.

ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕީސީ ބުނީ ޑައިރެކްޝަނަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. ނަމަވެސް އެކްޓް ކުރުމުން މަޑުމަޑުން ޕްރޮޑަކްޝަނަށް ވަދެވިފައިވާ ކަމަށާއި ދެން ބޭނުން ވަނީ ޑައިރެކްޓް ކުރަން ކަމަށްވެސް އޭނާ ބުންޏެވެ.

"ކޮންމެވެސް އެއް ދުވަހަކުން ފިލްމެއް ޑައިރެކްޓްވެސް ކުރާނަން" ޕީސީ ބުނިއެވެ.

"ދަ ސްކައި އިސް ޕިންކް" އަކީ އަންހެން ޑައިރެކްޓަރެއްގެ ހުނަރު ޕީސީގެ ފިލްމަކުން ފެނިގެންދާ ދެވަނަ ފިލްމެވެ.

ޕީސީ ބުނި ގޮތުގައި އަންހެނަކަށް ވުމަކީ އެއްވެސް ކަމެއް ނުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް އެމީހުންގެ ގޮތުގައި ކޭޕަބަލް ކަމަށާއި އެމީހެއްގެ ހުނަރުވެރިކަން ހުރި ދާއިރާއަކުން ކުރިއަށް ދިއުން ކޮންމެ ޖިންސެއްގެ މީހަކަށްވެސް އޮންނާނެކަމަށެވެ. ފިލްމުގައި ޝޮނާލީއާ އެކު މަސައްކަތް ކުރަން ލިބުމަކީ ފަހުރެއް ކަމަށް ބުނަމުން ޕީސީ ބުނީ ޝޮނާލީ އަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށެވެ. އަދި އަންހެނަކަށް ވުމުން އޭނާގެ އެ ހުނަރު ކުޑަވެގެން ނުދާކަމަށް ޕީސީ ބުނެފައި ވެއެވެ.

މިވަގުތު ފިލްމުގެ ޕްރޮމޯޝަންގައި ޕީސީ އަވަދިނެތި އުޅޭއިރު ފިލްމު ރިލީސްކުރަން ހަމަޖެހިފައި ވަނީ މިމަހު 18ގައެވެ.