19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިން

ފުރަތަމަ މެޗުގައި ތަޖިކިސްތާނުން ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހައިފި

އަލީ ރިފްޝާން

ނަވާރަ އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ތަޖިކިސްތާން އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

މިއަދު ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ. ކޮލިފައިންގެ "ގްރޫޕު ސީ"ގެ މެޗުތައް ކުރިއަށްދަނީ ތަޖިކިސްތާނުގައެވެ.

މިއަދު ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ތަޖިކިސްތާނުން ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އެޓީމުން ވަނީ ރާއްޖެ ކޮޅަށް ތިން ލަނޑު ޖަހައިފައެވެ.

މެޗުގައި ތަޖިކިސްތާންގެ ޝަހްރޮމް ސަމިޔޭވް ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ. ތަޖިކިސްތާނުގެ ޝަރިފްބެކް ރަހުމަތޯވް އާއި އިސްލޯމް ޒައިރޯވް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރި އިރު، މަނޫޗެހެރް ސަފަރޯވް އާއި އިބްރާހިމް ދައިސަމް ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.

އެ ގްރޫޕުގައި މިއަދު ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ ސީރިއާ އާއި ލުބުނާނެވެ. އެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ސީރިއާއަށް އަމަރް ރަމަދާން ލީޑު ހޯދައިދިން ނަމަވެސް، ދެވަނަ ހާފުގެ ތެރޭގައި ކަރީމް މެކައޯއޫ ވަނީ ލުބުނާނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ރާއްޖެއާއެކު "ގްރޫޕު ސީ"ގައި ހިމެނެނީ ތަޖިކިސްތާނާއި ސީރިއާ އަދި ލުބުނާނެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނަން ޖެހޭނީ ސީރިއާއާ ދެކޮޅަށެވެ. ގްރޫޕުތަކުގެ އެއްވަނަ ހޯދާ ޓީމުތަކަށް އަންނަ އަހަރު އުޒްބަކިސްތާނުގައި ބާއްވާ 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕުން ފުރުސަތު ލިބޭނެއެވެ. އޭގެ އިތުރުން ގްރޫޕުތަކުގެ ރަނަރަޕް ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމަކީ ނިމިގެންދިޔަ މަހު ނޭޕާލުގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ހޯދި ޓީމެކެވެ. އެޓީމުން ވަނީ އެ މުބާރާތުގެ ތިންވަނަ ހޯދައިފައެވެ. އެއީ މިހާތަނަށް އެ މުބާރާތުން ރާއްޖެއިން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.