ކިޑްސް ފުޓްބޯލް ފިއެސްޓާ

ރާއްޖޭގެ ދެ ކުޅުންތެރިޔަކު ސެލްޓަ ވިގޯގެ ޓްރެއިނިންގަށް، އެއް ކުޅުންތެރިޔަކު ސަލްގާޑޯއާއެކު ޓްރެއިނިންގަށް

އަލީ ރިފްޝާން

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ޓްރެއިނިން ހެދުމުގެ ރަނުގެ ފުރުސަތެއް ލިބިއްޖެއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ ކިޑްސް ފުޓްބޯލް ފިއެސްޓާ ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ ބައެއް ވެރިންނާއި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވެސް ބައިވެރިވިއެވެ.

ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިފައިވާ ތިން ކުޅުންތެރިންނަކީ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމުގައި ވެސް ހިމެނޭ ތިން ކުޅުންތެރިންނެވެ. އޭގެ ތެރެއިން ދެ ކުޅުންތެރިޔަކަށް ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިގެންދާ އިރު، އަނެއް ކުޅުންތެރިޔާއަށް ދުބާއީގައި މިޝެލް ސަލްގާޑޯ ހިންގާ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބުނު ދެ ކުޅުންތެރިންނަކީ މުހައްމަދު އައިހަމް އިބްރާހީމާއި ހުސައިން އާއިޝް އަބްދުލް ވާހިދެވެ. އަދި ސަލްގާޑޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބުނު ކުޅުންތެރިޔަކީ 11 އަހަރުން ދަށުގެ ކުޅުންތެރިއެއް ކަމަށްވާ އީތަން އިބްރާހިމް ޒަކީއެވެ. ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ ހަގު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ އީތަންއަށް ސަލްގާޑޯގެ އެކަޑަމީގައި އެއް މަސް ދުވަހުގެ ޓްރެއިނިންއެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެ ފުރުސަތުތަކުގެ އިތުރުން އެ ތިން ކުޅުންތެރިން ޑްރީމް ޓީމުގައި ވެސް ހިމެނޭތީ އެޓީމާއެކު އަންނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މުބާރާތުގައި އެޓީމު ވާދަކުރާނީ ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައެވެ. ދުބާއީގައި ބާއްވާ އެ މުބާރާތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް ފަދަ ކްލަބުތަކުގެ އެކަޑަމީތަކުން ބައިވެރިވާނެއެވެ.