ބޭންކް އޮފް މޯލްޑިވްސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ''ފެތުން ތަރިން'' ގެ ނަމުގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް މިއަދު މާލެ އާއި ހުޅުމާލޭގައި ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެކުންފުނިން އިސް ނަގައިގެން އިފްތިތާހުކުރި ''ފެތުން ތަރިން'' ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

މި ޕްރޮގްރާމަކީ އަލަށް ފަތަން ދަސްކުރަން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން، ބީއެމްއެލް އާއި ސްވިމިން އެސޯސިއޭޝަނާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވިގޮތުގައި ހަމަހަމަ ފުރުސަތުތަކެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ލިބި އިތުރު ހުނަރެއް އެކުދިންނަށް ދަސްވެގެންދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

އެއާއެކު، ''ފެތުން ތަރިން'' ޕްރޮގްރާމަށް މި ލިބުނު ތަރުހީބު ފާހަގަކޮށް، އެކުންފުނީގެ އުންމީދަކީ ސްވިމިންގ އެސޯސިއޭޝަނާއި ކްލަބް ތަކުގެ ތަޖުރިބާކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށްގެންދެވި މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިއުން ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ، ބާރުވެރިކުރުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއެކު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.