ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދައިފިއެވެ.
ހެންވޭރު ދަނޑުގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މަޖީދިއްޔާ ސްކޫލު އަތުން 2-0ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިއަދު ހަވީރު ބޭއްވި އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ ބައެއް ވެރިންނާއި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވެސް ބައިވެރިވިއެވެ. އެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްފައެވެ.
މުބާރާތުގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދި އިރު، ރަނަރަޕްކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. މުބާރާތުގެ ތިންވަނަ ހޯދީ އިމާދުއްދީން ސްކޫލެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. އަދި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ގާޒީ ސްކޫލުގެ މުހައްމަދު އައިހަމް އިބްރާހީމެވެ.
އެ ވަނަތަކާއެކު ޑްރީމް ޓީމުގައި ހިމެނުނު ނުވަ ކުޅުންތެރިންގެ ނަން ވެސް ވަނީ އިއުލާންކޮށްފައެވެ. އެ ޓީމަށް އަންނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ކަޕުން ފުރުސަތު ލިބިގެންދާނެއެވެ. އެ މުބާރާތުގައި އެޓީމު ވާދަކުރާނީ ރާއްޖޭގެ ގައުމީ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައެވެ. ދުބާއީގައި ބާއްވާ އެ މުބާރާތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް ފަދަ ކްލަބުތަކުގެ އެކަޑަމީތަކުން ބައިވެރިވާނެއެވެ.
ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމުގައި ހިމެނޭ ތިން ކުޅުންތެރިޔަކަށް ރާއްޖެއިން ބޭރުގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އޭގެ ތެރެއިން ދެ ކުޅުންތެރިޔަކަށް ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިގެންދާ އިރު، އެއް ކުޅުންތެރިޔަކަށް ދުބާއީގައި މިޝެލް ސަލްގާޑޯ ހިންގާ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ތިން ކުޅުންތެރިންގެ ނަން ވެސް ވަނީ އިއުލާންކޮށްފައެވެ.