ކިޑްސް ފުޓްބޯލް ފިއެސްޓާ

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމަށް ދުނިޔޭގެ ވަރުގަދަ ކްލަބުތައް ބައިވެރިވާ މުބާރާތަކުން ފުރުސަތެއް

އަލީ ރިފްޝާން

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމަށް ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބުތަކުގެ އެކަޑަމީތައް ބައިވެރިވާ އިންޓަ ކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި ބާއްވާ އެ މުބާރާތުން ފުރުސަތު ލިބުނު ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމު ވާދަކުރާނީ ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައެވެ. ދުބާއީގައި ބާއްވާ އެ މުބާރާތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް ފަދަ ވަރުގަދަ ކްލަބުތަކުގެ އެކަޑަމީތަކުން ބައިވެރިވާނެއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ ކިޑްސް ފުޓްބޯލް ފިއެސްޓާ ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޑްރީމް ޓީމު ވަނީ ހޮވައިފައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ ބައެއް ވެރިންނާއި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވެސް ބައިވެރިވިއެވެ.

ޑްރީމް ޓީމުގައި އެކި ސްކޫލުތަކަށް ނިސްބަތްވާ ޖުމްލަ ނުވަ ކުޅުންތެރިން ހިމެނެއެވެ. އެ ކުޅުންތެރިންނަކީ އެކި މަގާމުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އެޓީމުގައި ގޯލްކީޕަރަކާއި ދެ ސެންޓްރަލް ޑިފެންޑަރުންނާއި ދެ ފުލް ބެކާއި ހޯލްޑިންގ މިޑްފީލްޑަރަކާއި އެޓޭކިންގ މިޑްފީލްޑަރެއްގެ އިތުރުން ދެ ސްޓްރައިކަރު ހިމެނެއެވެ. އެ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަކީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގާޒީ ސްކޫލުގެ ކުޅުންތެރިންނެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމު:

  • ގޯލްކީޕަރު – އިސްމާއިލް އިނާން ހަމްޒާ
  • ސެންޓްރަލް ޑިފެންޑަރުން – އިސްމާއިލް އުލްވީ ސޯދިގު، ނަޝީމް އަހްމަދު ޝިހާމް
  • ލެފްޓް ބެކް – އަހްމަދު ކައިމް ގަޔާޝް
  • ރައިޓް ބެކް – މުހައްމަދު އައިލަމް އިބްރާހިމް
  • ހޯލްޑިންގ މިޑްފީލްޑަރު – ހުސައިން އާއިޝް އަބްދުލް ވާހިދު
  • އެޓޭކިންގ މިޑްފީލްޑަރު – އީތަން އިބްރާހިމް ޒަކީ
  • ސްޓްރައިކަރުން – ޝާއިން އިބްރާހިމް ރަމީޒް، މުހައްމަދު އައިހަމް އިބްރާހިމް