ސިއްހަތު

ދެ ދިވެއްސަކު ކިޑްނީ ހަދިޔާ ކުރަން ބޭނުން ކަމަށް އިއުލާނުކޮށްފި، އިންސާނިއްޔަތުކަމުގެ ފުރިހަމަ މިސާލެއް!

ފަތޯނާ ފާއިޒު

އިންސާނިއްޔަތަށްޓަކައި ތިބާގެ ގުނަވަނެއް ހިލޭ މީހަކަށް ދީފާނަން ހެއްޔެވެ؟ ތީގެ ތެރެއިން ގިނަ މީހުން އެކަން ކުރަން ފަސްޖެހޭނެކަން ޔަގީނެވެ. މުޅި ދުނިޔޭގައިވެސް އެފަދަ ކަމެއް ކުރާނެ މީހަކު ވަރަށްވެސް މަދެވެ.

އިންސާނިއްޔަތަށްޓަކައި މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަމަކީ އެމީހެއްގެ ގުނަވަނެއް އެއްވެސް އަގަކާ ނުލައި ދިނުން ކަމަށްވާއިރު، ކިޑްނީ ހަދިޔާ ކުރަން ދެ ދިވެއްސަކު މިހާރު ހުރީ ތައްޔާރަށެވެ.

އެއީ ކުރިން ލަވަތަކުންނައި ފިލްމުތަކުން ފެނުނު އަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އައްޑޫ ސިޓީ ހުޅުދޫގެ ޒުވާނެއް ކަމަށްވާ އަހުމަދު ފިރާޒެވެ.

ފިރާޒު ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ކިޑްނީ ބޭނުންވެގެން އުޅޭ މީހުންގެ ހާލު ފެނި އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި ކިޑްނީ ދޭން ނިންމީ ދުނިޔޭގެ އެއްވެސް އެދުމެއް ނެތި ކަަމަށާއި، އެއީ އިންސާނިއްޔަތަށްޓަކައި ކުރަން ނިންމި ކަމަށެވެ.

"މިކަން ކުރަން ނިންމީ ކޮންމެ ދުވަހަކު ކިޑްނީއަށް އެދި އެކި މީހުން އާދޭސް ކުރާތަން ފެނުނީމަ ހިތަށް ކެތް ނުވެގެން." ފިރާޒު ބުންޏެވެ. އޭނާ ވަނީ ކިޑްނީ ބޭނުންވާ މީހުން އޭނާގެ މޮބައިލް ނަމްބަރު 7949404 އަށް ގުޅުމަށް އެދިފައެވެ.

ކިޑްނީ ދޭން ބޭނުންވާކަން ފިރާޒް އިއުލާން ކުރުމާއެކު، އޭނާއަށް އެތައް ބަޔަކު ތައުރީފު ކުރަމުން އެބަދެއެވެ. ފިރާޒްގެ ހިތްވަރުން ހިތްވަރު ލިބިގަނެގެން އެންމެ ފަހުން ސްޓެޕް އައްޔަވެސް ވަނީ އޭނާއާ ކްރޮސްމެޗު ދިމާވާ ކޮންމެ މީހަކަށް ކިޑްނީ ދޭން ތައްޔާރު ކަމަށް ބުނެފައެވެ.

"ކްރޮސްމެޗު ދިމާވަންޏާ ކިޑްނީ ދޭން ތައްޔާރު، މާދަމާވެސް މަރުވެދާނެ، އިންސާނިއްޔަތަށްޓަކައި ކިޑްނީ ހަދިޔަ ކުރުން އުފަލަކަށް ހަދަމާތޯ. މާތްﷲ ވޮޑިގެންވަނީ އިހްސާންތެރިންނާއެކު" ސްޓެޕް އައްޔަގެ ފޭސްބުކް ޕޯސްޓުގައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކިޑްނީ ދިނުމަކީ އާންމު ކަމެކެެވެ. އެހެންނަމަވެސް ހިލޭ ކިޑްނީ ދޭނީ އިނގިލިކުރިން ގުނާލެވޭހާ މަދު މީހެެކެވެ. އެފަދަ މީހުންނަކީ ހަމަ ޔަގީނުންވެސް ހެޔޮ ހިތްތަކެއްގެ ވެރި ބައެކެވެ.

އިންސާނެއްގެ ދެ ކިޑްނީ ހުންނައިރު، އެންމެ ކިޑްނީއަކުންވެސް ދިރި ހުރެވެއެވެ. ދެ ކިޑްނީ ފެއިލްވެއްޖެނަމަ، ދެން އެމީހަކަށް ދިރިހުރެވޭނީ އިތުރު ކިޑްނީއެއް ލިބުމުންނެވެ.

ކިޑްނީ ވިއްކައިގެން މާލީގޮތުން ކުއްލި ތަނަވަސްކަން ހޯދަން ބޭނުންވާ މީހުން ގިނަވެފައިވާ މި ޒަމާނުގައި ދެ ދިވެއްސަކު ކިޑްނީއެއް ހަދިޔާ ކުރަން ނިންމި ނިންމުމަކީ އިންސާނިއްޔަތުކަމަށް ދިވެހިން ލޯބިކުރާ މިންވަރު ދައްކުވައިދޭ ފުރިހަމަ މިސާލެކެވެ.