އުރީދޫ މޯލްޑިވްސް

ނުވަ އަހަރަށް ފަހު ނިއުޝާދު، އަނެއްކާވެސް އުރީދޫއަށް، މި ފަހަރު ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސްގެ މަގާމަށް

މިންހާ ފާއިޒް ރަޝާދު

ރާއްޖޭގެ އިޝްތިހާރާއި މާކެޓިންގެ ދާއިރާ އަށް ނިއުޝާދު ޝަރީފަކީ އާމޫނެއް ނޫނެވެ.

ނިއުޝާދު އެންމެ ބޮޑަށް ވިދާލީ އެލައިޑް އިންޝޫރަންސްގައި މަސައްކަތް ކުރި އިރު ހެދި ކެމްޕެއިން ތަކުންނެވެ. އެގޮތުން އޭޖެންޓް 1600 ގެ އިޝްތިހާރުތައް ވަކީން ބޮޑަށް ފާހަގަ ކޮށްލެވެއެވެ.

އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސްގެ މަގާމާ ނިއުޝާދު ހަވާލުވީ އިއްޔެއެވެ. އުރީދޫއަކީ މީގެ ނުވަ އަހަރު ކުރިންވެސް ނިއުޝާދު އުޅުނު ކުންފުންޏެވެ. އޭރު އެއީ ވަތަނިއްޔާއެވެ.

މި ދާއިރާއިން ނިއުޝާދު އެންމެ ފުރަތަމަ ފެނިގެން ދިޔައީ ވެސް ރާއްޖެއަށް ވަތަނިއްޔާ ތައާރަފުވި ދުވަސްވަރު އެވެ. ނިއުޝާދު ވަނީ ދިވެހިންގެ މެދުގައި ވަތަނިއްޔާގެ އިތުބާރާއި ލޯބި ހޯދައިދިނުމުގައި ބޮޑު ރޯލެއް ކުޅެފައެވެ. އެގޮތުން ވަތަނިއްޔާއިން އޭރު ތައްޔާރުކުރި ގިނަ އިޝްތިހާރާއި މާކެޓިން ކެމްޕެއިންތަކުގައި ނިއުޝާދު ވަނީ ބައިވެރިވެފައެވެ. ނިއުޝާދު ވަތަނިއްޔާގައި މަސައްކަތް ކުރީ 2006 އިން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށެވެ. 2014 ވަނަ އަހަރު ވަތަނިއްޔާ ވަނީ ކުވެއިތުގެ ކުންފުންނެއް ކަމަށްވާ އުރީދޫ ގްރޫޕުން ގަނެ ރާއްޖޭގައި ރީބްރޭންޑް ކޮށްފައެވެ.

ވަތަނިއްޔާއަށްފަހު ނިއުޝާދު ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޕީއާރު އަދި އެޑްވަޓައިޒިން ކުންފުނި، ތިންކް އެޑްވަޓައިޒިންގައި މަސައްކަތްކޮށްފައެވެ. އެތަނުގެ ބްރޭންޑް ޕްލޭނިން ސީނިއާ މެނޭޖަރުގެ ގޮތުގައި ތިން އަހަރު މަސައްކަތް ކުރުމަށްފަހު ނިއުޝާދު އެލައިޑާ ގުޅުނެވެ.

އެލައިޑް އިންޝޫރަންސް ކޮމްޕެނީ އޮފްދަ މޯލްޑިވްސްގައި ފުރަތަމަ ނިއުޝާދު ފުރި މަގާމަކީ މާކެޓިން ކޮންސަލްޓަންޓްގެ މަގާމެވެ. އެއަށްފަހު މިދިޔަމަހުގެ ނިޔަލަށް އެލައިޑުން ވަކިވުމާ ހަމައަށްވެސް ނިއުޝާދު ހުރީ އެތާނގެ މާކެޓިން މެނޭޖަރުގެ މަގާމުގައެވެ. އެލައިޑްގައި ނިއުޝާދު ވަނީ ހަތަރު އަހަރު ހޭދަކޮށްފައެވެ.

ނިއުޝާދުގެ އިޝްތިހާރުތައް ވަރަށް ތަފާތެވެ. އޭގެ ތެރެއިން ގިނަ އިޝްތިހާރުތަކަކީ އޭނާގެ އަމިއްލަ ކޮންސެޕްޓަށް އުފައްދާ އިޝްތިހާރުތަކެވެ. އެ އިޝްތިހާރުތަކުގެ އަމަލީ ހުރިހާ މަސައްކަތެއްގައި ހުދު ނިއުޝާދުގެ ބައިވެރިވުން އޮވެއެވެ.

މާކެޓިން ދާއިރާގައި 13 އަހަރު ހޭދަކުރައްވާފައިވާ ނިއުޝާދު ވިދާޅުވީ އުންމީދަކީ ރާއްޖޭގެ އިޝްތިހާރާއި މާކެޓިންގެ ދާއިރާއަށް ޒަމާނީ ބަދަލުތައް އައިސް އިތުރަށް ފުޅާވެ ކުރިއަރައިގެން ދިއުން ކަމަށެވެ.