ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްތިހާރު ކުރުމަށް ޔޫކޭގެ ނޫސްވެރިންތަކެއް އައިސްފި

ފަތޯނާ ފާއިޒު

ރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް، އިޝްތިހާރު ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަައިސް ހަރަކާތްތެރިވާން ފަށައިފިއެެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)އިން ބުނީ ޔޫކޭގެ ނޫސްވެރިންގެ ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެ ކަމަށެވެ. އެޓީމުގައި ހިމެނެނީ ލަގްޒަރީ ލައިފްސްޓައިލް މެގަޒިން، ސްޓޯކް ޕާކް، ހައުސް އޮފް ކޮކޯ، ދަ ޓްރެވަލް މެގަޒިން، ހާާބާ ޗެލްސީ ކްލަބްގެ ތަޖުރިބާކާރު ނޫސްވެރިންނެވެ.

އަދި އެނޫސްވެރިން ތިބެނީ ކޮކޯ ބޮޑު ހިތި، ފުރަވެރި ރިސޯޓް އައިލެންޑް އެންޑް ސްޕާ، އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓްގައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް، އެމްއެމްޕީއާރްސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދަތުރުތަކުގެ ތެެރެއިން 14 ވަަނަ ދަތުރެވެ.

އިއްޔެ ރާއްޖެ އައިސްފައިވާ ޔޫކޭގެ ނޫސްވެރިންގެ ޓީމުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި މަޑު ކުރުމަށް ހަމަޖެހިފައިވާއިރު، އެ ޓީމުން ރާއްޖޭގެ ރިސޯޓްތަކުން ސަސްޓެއިނަބަލް ޓުއަރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތާ، ދިވެހި ސަގާފަތާ، ކެއުން އަދި ކަނޑު އަޑީގެ ރީތިކަން ތަޖުރިބާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

އިނގެރޭސިވިލާތަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް މާކެޓެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން 83،089 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްޕީއާރްސީން ބުނީ ޔޫކޭގެ ނޫސްވެރިން ރާއްޖެއަށް ކުރި ދަތުރުގެ ސަބަބުނން، އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެެވެ.