ޓުއަރިޒަމް

ފްރާންސްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ހަރަކާތްތަކެއް ހިންގަނީ

ފަތޯނާ ފާއިޒު

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފްރާންސްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ))އިން ނިންމައިފިއެެވެ.

އެމްއެމްޕީއާރްސީން ބުނީ، ފްރާންސްގެ ޕެރިސްގައި އޮންނަ އައިއެފްޓީއެމް ޓޮޕްރޭސާ ފެއާގައި ބައިވެރިވުމުގެ އިތުރުން ރޯޑްޝޯއެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފްރާންސްގައި ކުރިއަށްދާ ޓޮޕްރޭސާ ފެއާއަކީ މިމަހުގެ އެކަކުން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފެއާއެކެވެ. އެ ފެއާގައި ރާއްޖޭގެ 20 ކުންފުންޏެއް ބައިވެރިވެއެވެ. ފެއާގެ ބައިވެރިން، ފްރާންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ޕްރޮފެޝަނަލް ފަރާތްތަކާ ބައްދަލުކޮށް ގުުޅުން ބަދަހި ކުރުމުގެ އިތުރުން ފްރާންސްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރްސީން ބުނީ ފްރާންސްގައި ކުރިއަށް ގެންދާ ރޯޑް ޝޯ އަކީ "ޖާނީ ޓުދަ ސަނީ ސައިޑް"ގެ ދަށުން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ރޯޑްޝޯއެއް ކަމަށެވެ. ޕެރިސް، ނީސް އަދި ތޫލޫސްގައި މި ރޯޑްޝޯ ކުރިއަަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރު ކުރާ މިރޯޑްޝޯގައި ރާއްޖޭގެ 11 ފަރާތަކުން ބައިވެރިވެއެވެ.

ފްރާންސްގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަސައްކަތް އިތުރު ކުރަމުން އަންނައިރު، އެގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކުރަމުން އަންނަ އެއް ގައުމެވެ.

މިއަހަރުގެ މިހާތަނަށް ފްރާންސްއިން 45،649 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 40.9 އިންސައްތައިގެ ކުރިއެރުމެކެެވެ. ފްރާންސްއަކީ ހަތްވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ގައުމެވެ.