ކޮލަމް

ކެޔޮނިރު ކޮލަމް: ޓްރާންސްޕޯޓް މިނިސްޓަރަކީ ނަމޫނާ އެކެވެ، އެހެން މިނިސްޓަރުންވެސް އެމަގުން ހިންގަވާށެވެ!

މުހައްމަދު ބުޝްރީ

ޓްރާންސްޕޯރޓް މިނިސްޓަރު އައިޝަތު ނަހުލާ އަކީ، 2018 ވަނަ އަހަރުގެ ރިއާސީ އިންތިހާބަށް ފަހު އެކަމަނާއާ އެޒިއްމާ ހަވާލު ކުރެވުނު ދުވަހުން ފެށިގެންވެސް ގިނަ ބަޔަކު ފާޑު ކިޔަމުން އައި ބޭކަނބަލެކެވެ. ފުރަތަމަ ފާޑުކީ އެކަމަނާއަކީ މަޝްހޫރު ދިވެހި މަހުޖަނު، ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން ކަމުގައިވުމުން ތަބަކަކަށް ލާފައި މިނިސްޓަރުކަން ދިނީ ކަމަށް ބުނެއެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންތާ އަހަރު ދުވަސް ވާން ކައިރި ވެފައިވާ އިރު އެންމެ ހަރަކާތްތެރި އެއް މިނިސްޓްރީ އަކީ ޓްރާންސްޕޯޓެވެ. ޓެކްސީ ތަކުގެ އަގުގެ މައްސަލާގައި ބޮލަކަށް ކަނދުރާ އަކަށް ބެއްލެވުމެއް ނެތި، ރައްޔިތުންނަށް އަގުހެޔޮކޮށް ޓެކްސީ ދަތުރު ވާނެ ގޮތް އެމިނިސްޓްރީން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. ޓެކްސީ އެޕު ތައާރަފުކުރައްވައިފި އެވެ. މިހާރު ދިވާވެގެން އުޅޭ މައްސަލައަކީ ޓްރާންސްޕޯރޓް މިނިސްޓްރީގެ ގިނަ މުއައްޒަފުންތަކެއް، މަސައްކަތަށް ފަރުވާ ކުޑަ ކުރުމުން މިނިސްޓަރު އެކަމަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތައް ކޮންމެވެސް މުއައްޒަފަކު ރެކޯޑް ކޮށްގެން ލީކް ކޮށްލި މައްސަލައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ނަހުލާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކެއްގެ ރެކޯޑިން މިދިޔަ ހޯމަ ދުވަހު ވަނީ ބައެއް ޓީވީތަކުންނާއި ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ. އޯޑިއޯގައި ނަހުލާ ކަންބޮޑުވުން ފާޅުކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހާލަތާ މެދުގައެވެ. ރައްޔިތުންނަށް ހިދުމަތް ދޭންޖެހޭ ތަނެއްގެ ހާލަތު ދަށް ފެންވަރެއްގައި އޮތް ވާހަކައެވެ. ހާޒިރީއަށް ފަރުވާ ކުޑަކުރުމާއި އޮފީހުގައި ވަގުތު ހޭދަނުކޮށް ކޮފީގައި ތިބުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް އެއޯޑިއޯ އާއްމުކުރީ އެތަނުގެ ހާޒިރީ ރިޕޯޓެއް ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައި ވަނިކޮށެވެ. އެއީ، ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ ޕްލޭންގެ ދަށުން މިނިސްޓަރު ކުރެއްވި ކަމެއްގެ ތުހުމަތާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަންގައި އެދިފައި ވަނީ ނުހައްގުން ވަޒީފާއިން ވަކިކުރުން ހުއްޓުވައި ދެއްވުމަށެވެ.

މި އޯޑިއޯ ލީކްކޮށްލުމާ އެކު ގިނަ ބަޔަކު ވަނީ މިނިސްޓަރު ނަހުލާއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ. ތާއިދުކުރި މީހުންގެ ތެރޭގައި އެމް.ޑީ.ޕީ އަށް ތާއިދުކުރާ މީހުންވެސް ހިމެނެއެވެ. އެމް.ޑީ.ޕީގެ ކުރީގެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ވެސް މިކަމުގައި މިނިސްޓަރު ނަހުލާއާށް ތާއިދު ކޮށް ޓްވީޓް ކުރިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި ގިނައީ ވަރަށް ފަރުވާކުޑަކޮށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި އެފަދަ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަތަސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފަ އެވެ. މިކަމުގައި މިނިސްޓަރު ދައްކަވާފައި އެވަނީ ރައީސް އިބްރާހިމް ނާސިރު ފަދަ ޝަހުސިއްޔަތު ހުންނަ ވެރީންގެ މިސާލެވެ. ސިޔާސީގޮތުން ބައެއް މީހުން ފާޑުކިއަސް މުޅި މުޖުތަމައުގެ ލާބައަށް ނިންމަންޖެހޭ ކަންކަން، ބޮލަކަށް ކަނދުރާއަކަށް ނުބައްލަވައި ނިންމެވުމުގެ މިސާލެވެ.

ހަޤީގަތުގައި ކެބިނެޓްގެ އެހެން މިނިސްޓަރުންވެސް ދައްކަވަންވީ މިފަދަ މިސާލެވެ. ޤައުމު އިސްލާހުކޮށް، ކަންކަން ރަނގަޅު ކޮށް، ތަރައްޤީ ކުރާއިރު، ބައެއް ފަރާތްތަކުން އަންނަ ސިޔާސީ ޕްރެޝަރަށް ބެލުމެއްނެތި، ކެރިގެން، ވަގުތުން ވަގުތަށް ކަންކަން ނިންމުމުގެ މިސާލެވެ. ޓެކްސީތަކުގެ އަގު ކަނޑައެޅި ދުވަސް ވަރު ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުތަކާއި، ޒުވާބުގެ ހުތުރު ބަސްތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވައި، މިނިސްޓަރު ނަހުލާ އެދެއްކެވީ ރައީސް ސޯލިހުގެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން މިސާލަކަށް ނަންގަވަން ޖެހޭ ފަދަ ނަމޫނާ އެކެވެ.

މިދިޔަ މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ދެހާދިސާއަށް ފަހު ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމާއި، ތެޔޮ އުފުލާ ލޮރީތައް ހުޅުމާލެއަށް ބަދަލުކުރުން ފަދަ ކަންކަމުގައި ކަމާބެހޭ ވުޒާރާތަކުން އަމަލު ކުރަންވީ، ޓްރާންސްޕޯޓް މިނިސްޓަރު ނަމޫނާއަށް ބަލައިގެންނެވެ. މީހަކު ބުނާ ބަހަކަށް ނުބަލައި އަވަސް ސްޕީޑްގައި އިސްލާހު ގެނައުމުގެ ނަމޫނާއެވެ. ވިސާ ނެތި އުޅޭ ބިދޭސީންގެ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލާގައި އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީންވެސް ނަމޫނާއަކަށް ބަލަންވީ ޓްރާންސްޕޯޓް މިނިސްޓްރީއެވެ.

އެފް.އޭ.އެމް އާއި ޔޫތު މިނިސްޓްރީއާ ދެމެދު ޖެހުނު މައްސަލާގައި ޔޫތު މިނިސްޓަރު މަހުލޫފް، އެފް.އޭ.އެމް އަށް ދޫދެއްވައި ހަތިޔާރު ބެހެއްޓެވި ގޮތަށް، ޔޫތު މިނިސްޓަރަކަށް އައިޝަތު ނަހުލާ ހުންނެވި ނަމަ ހަތިޔާރު ބެހެއްޓެވީސްތޯ، މިއީވެސް ހަމަ ސުވާލެކެވެ! މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކްގެ ނަމުގައި އިސްލާމްދީނަށާއި ރަސޫލް (ސ.އ.ވ) އަށް ބަދުބަސް ބުނަމުންދާއިރު އިސްލާމިކް މިނިސްޓަރު ހަނު ހުންނަވާއިރު ހިތަށް އަރާ ސުވާލަކީ އިސްލާމިކް މިނިސްޓަރަކަށް އައިޝަތު ނަހުލާ ހުންނެވިނަމަ އެފަދައިން ހަނު ހުންނަވާނެތޯއެވެ!

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ދެނޭވާ ދޭތެރޭ އިންޓަނެޓް އަގުހެޔޮ ކުރަންޖެހޭ ކަމަށް ވިދާޅުވާތާ އަހަރު ދުވަސް ފުރިގެންދާއިރުވެސް އިންޓަނެޓް އަގުހެޔޮނުވެ އޮތްއޮތުމަށް ނިމުންގެނެސް، އިންޓަނެޓް އަގުހެޔޮ ކުރެވޭނީ ދިރާގާއި އޫރިދޫގެ ބޮޑުން ރުއްސުމުގެ ބަދަލުގައި ޓްރާންސްޕޯޓް މިނިސްޓަރުގެ ސްޓައިލަށް ކަންކަމާ ކުރިމަތި ލައްވައިގެންނެވެ. ރާއްޖެތެރޭގެ ގެސްޓް ހައުސްތަކަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައިވާ، މޯލްޑިވިއަންއިން ބިދޭސީ ޓޫރިސްޓުން އަތުން ނަގާ ޑަބަލް ފެއާގެ މައްސަލަ ހައްލުކޮށް ދިވެހީންނާއި ބިދޭސީން އަތުން އެއް ފެއާއެއް ނަގާގޮތަށް ހެދޭނީ، މިނިސްޓަރު އައިޝަތު ނަހުލާ ޓެކްސީ ޑްރައިވަރުނާ ކުރިމަތި ލެއްވި ގޮތަށް، ޓޫރިޒަމް މިނިސްޓަރުވެސް މޯލްޑިވިއަން އެއާރލައިނާ ކުރިމަތި ލައްވައިގެންނެވެ. ދެން އެ އެއާލައިނަށް އެހެން ގޮތަކަށް ގެއްލުން ވެދާނެ ކަމަށް އެކަމަށް ވެސް ފިޔަވަޅު އަޅުއްވައިގެންނެވެ.

ދަބަރު ޖަހައި ވީރާނާވަމުންދާ ފެލިވަރު ކާރުހާނާ ނަގައި ކޮޅަށް ޖަހައި މަސްވެރީންނަށް ހައްޤު މިންވަރު މަސްވެރީންނަށް ހޯއްދަވައި ދެއްވުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުވެސް މަސައްކަތް ކުރައްވަންވީ ޓްރާންސްޕޯޓް މިނިސްޓަރު ކަންތައްތަކާ ކުރިމަތި ލައްވާ ގޮތަށް ކެރިގެން، ޤައުމީ ޖޯޝުގައެވެ. މީހަކު ބުނެފާނެ ބަހަކަށް ނުބަލައި، ޤައުމީ ފައިދާ އަށެވެ. ހުރިހާ މީހުން އެއް އަޑަކުން ދެ އިރު ދެ ދަޅަޔަށް މަހުގެ ހަމަ އަގޭ މަހުގެ ހަމަ އަގޭ ކިޔަކަސް މައްސަލައަށް ހައްލެއް ނާންނާނެ އެވެ.

މިނިސްޓަރުގެ އަގު ވައްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުއައްޒަފުން ޖެހި މަކަރުވެރި މަޅީގެ ބޭނުމަކީ ކަންނެތްކަމާއެކު، ފަރުވާކުޑަ ކަމާއިއެކު، ކޮފީ ޖަހަޖަހައި އެމީހުންނަށް ތިބެވޭ ގޮތް ހަދަން ޖެހި މަޅިއެކެވެ. އޭގެން އާޚިރުގައި ހާމަވީ މިނިސްޓަރުގެ ގަޓު ހުރި ކަމެވެ. ތެދުވެރިކަން ހުރިކަމެވެ. އިސްލާހު ކުރަން ކެރޭ ކަމެވެ. ލިބިދާނެ ނަމަކަށް ވުރެ ހިންގުންތެރި އަމަލު އިސްކުރާކަމެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަކީ ހަމަ ނަމޫނާ އެކެވެ. އެހެން މިނިސިްޓަރުންވެސް އެމަގުން ހިންގަވާށެވެ. އާޚިރުގައި ރައްޔިތުންގެ ތާއިދު ލިބޭނީ އެފަދަ އިޚުލާސްތެރި ވެރީންނަށެވެ. މޫނަށް ކަނދުރާއަށް ބަލައިގެން ތިމާގެ ވަޔަށް ޓަކައި، ކައިރީގައި ތިބޭ އެންމެން ރުއްސައިގެން ހިހޫތަނުން ކާލައިގެން އުޅޭ ވެރީންނަކަށް ކަންކަމުގައި ނަތީޖާއެއް ނުނެރެވޭނެ އެވެ.