ޔޫއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި ޓޮޓެންހަމް އަތުން ބަޔާނަށް ފަސޭހަ މޮޅެއް

އަލީ ރިފްޝާން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ އަތުން ފަސޭހަކަމާއެކު ޖަރުމަންގެ ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ޓޮޓެންހަމް އަތުން ބަޔާން މޮޅުވީ 7-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 12 ވަނަ މިނެޓުގައި މޫސާ ސިސޯކޯ ދިން ބޯޅައަކުން ސޮން ހިއުން މިން ވަނީ ޓޮޓެންހަމްއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވަނީސް، މެޗުގެ 15 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ހޯދައިފައެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ތެރޭގައި ކައިރިކައިރީގައި ސާޖް ގްނަބްރީ ވަނީ ބަޔާނަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ގްނަބްރީ ކާމިޔާބުކުރި ލަނޑަކީ ބެންޖަމިން ޕަވާޑް ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން ގްނަބްރީ ކާމިޔާބުކުރި ލަނޑަކީ ކޮރެންޓިން ޓޮލީސޯ ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ޓޮޓެންހަމްއަށް އެ ޕެނަލްޓީ ލިބުނީ ބަޔާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑެނީ ރޯސްއަށް ކިންގްސްލީ ކޯމަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ޓޮޓެންހަމަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް، ބަޔާނުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ތިއާގޯ އަލްކެންޓަރާ ދިން ބޯޅައަކުން ގްނަބްރީ، އޭނާގެ ހެޓްރިކް ފުރިހަމަކުރި އިރު، މެޗުގެ 87 ވަނަ މިނެޓުގައި ފިލިޕް ކުޓީނިއޯ ދިން ބޯޅައަކުން ބަޔާންގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލެވަންޑޯސްކީއެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ޓޮލީސޯ ދިން ބޯޅައަކުން ބަޔާންގެ ގްނަބްރީ ވަނީ އޭނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

"ގްރޫޕު ބީ"ގެ އެއްވަނައިގައި އޮތް ބަޔާނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ސާބިއާގެ ކާވޭނާ ޒެވެޒްޑާއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމް އާއި ފުލުގައި އޮތް އޮލިމްޕިއާކޯސް، އެއިން ކޮންމެ ޓީމަކަށް ވެސް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ޓޮޓެންހަމް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އިޓަލީ ޗެމްޕިއަން ޔުވެންޓަސް އިން ވަނީ ޖަރުމަންގެ ބަޔާ ލެވަކޫސަން އަތުން 3-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު "ގްރޫޕު ޑީ"ގެ އެ މެޗުގައި ޔުވެންޓަސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއައިން އާއި ފެޑެރިކޯ ބާނާޑެސްކީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ 2-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އާއި ފިލް ފޮޑެންއެވެ.