މިނިސްޓަރު އަހުމަދު މަޙުލޫފް

ހެންވޭރު ދަނޑާއި ވިލިމާލެ ދަނޑުގައި ޓާފް އަޅަނީ

އަލީ ރިފްޝާން

ހެންވޭރު ދަނޑާއި ވިލިމާލެ ދަނޑުގައި ޓާފް އެޅުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް އެތަންތަން ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުން މަހުލޫފާ ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބުދިނުމަށް ފެށި "އަހަރެންގެ ސުވާލު"ގެ ފުރަތަމަ ސެޝަންގައި ރޭ ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ކުޅޭނެ ދަނޑެއް ހޯދުމަށް ގިނަ ފައިސާތަކެއް ހޭދަކުރަން ޖެހޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި ދަނޑުތަކުގައި ޓާފް އެޅުމުން އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ހެންވޭރު ދަނޑުގައި މިހާރު މި އޮންނަނީ ވިނަ. ވިނަ އޮންނާތީ، ހެންވޭރު ދަނޑު ބޭނުންކުރެވެނީ ވަރަށް މަދުން. އަޅުގަނޑުމެން ފެން ޖަހައިގެން ވެސް އެކަމަށް ވަރަށް ބޮޑު ހަރަދެއް އެބަ ހިނގާ. އެހެންވީމާ އަޅުގަނޑުމެން ހެންވޭރު ދަނޑު އެބަ ބަދަލުކުރަން ޓާފަކަށް. އެފްއޭއެމްއާއެކު މިކުރެވޭ މަސައްކަތުގެ ތެރެއިން ވަރަށް އަވަހަށް މާފަންނުގައި މިއޮތް ވެލި ދެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށޭނެ. އެފްއޭއެމުން އެތަންތަން ނިންމުމުން ވެސް ވަރަށް ގިނަ ބަޔަކަށް އެތަނަށް ކުޅެން ދިއުމުގެ ފުރުސަތު ލިބިގެންދާނެ. ހަމައެހެންމެ، ވިލިމާލޭގައި އޮތް ދަނޑުގައި ވެސް ޓާފެއް އެޅުމުގެ މަސައްކަތް ކުރަމުންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ޓާފް ދަނޑުތައް ބަލަހައްޓާނެ ފަރާތްތައް ކުރިން ކަނޑައެޅިފައިވަނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށާއި އެ މައްސަލައަށް ކުއްލިއަކަށް ހައްލެއް ހޯދަން އުނދަގޫވާ ކަމަށެވެ. އަދި ޔޫތު މިނިސްޓްރީގެ ވިސްނުމަކީ ދަނޑެއް ހޯދުމަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް އުސޫލެއް ކަނޑައެޅުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަން ކުރާނީ ވަކި އުސޫލެއް ހަދައިގެން، އެއް ހަމައެއްގައި. ހަގީގަތުގައި ވަރަށް ގިނަ ފައިސާ، އެތައް ބައެއްގެ އަތުން އެބަ ނަގާ. މިހާރަށް އެކަމަށް އަޅުގަނޑުމެންނަށް ގެންނަން މިއުޅޭ ހައްލަކީ އުސޫލެއް ކަނޑައަޅާފައި، އުސޫލުގެ ތެރެއިން އެ ނަގާ ފައިސާއަކީ ރައްޔިތުންނަށް ވީހާވެސް ލުއިވާނެ އަދަދެއްގެ ފައިސާއަށް ބަދަލުކޮށް، އަދިވެސް އެހެން ކޮންޓްރޯލްތަކެއް ގެނައުން،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ މާލެ، ވިލިމާލެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފައިސާދީގެން ވެސް ކުޅެން ދަނޑެއް ނުލިބޭ ކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށާއި ނަމަވެސް އެ މައްސަލައެއް ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.