މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

ގައުމީ ތަރައްގީގައި ދިރާގުން ވަނީ މުހިންމު ހިއްސާއެއް އަދާކޮށްފައި: މިނިސްޓަރު މަލީހު

ފަތޯނާ ފާއިޒު

ރާއްޖޭގެ ގައުމީ ތަރައްގީގައި ދިރާގުން ވަނީ މުހިންމު ހިއްސާއެއް އަދާކޮށްފައި ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މުއާސަލާތީ ކުންފުނި ދިރާގަށް 31 އަހަރު ފުރޭ މުނާސަބަތުގައި މިނިސްޓަރު މަލީހު ދެއްވި ހިތާބުގައި ވިދާޅުވީ މީގެ 31 އަހަރު ކުރިން އެކެއް އޮކްޓޫބަރު 1988ގައި ދިރާގު އުފެދުން އެއީ ރާއްޖޭގެ މުއާސަލާތީ ދާއިރާގައި ކުރިއަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މުއާސަލާތީ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ކުރިއަރުވައި، އެ ހިދުމަތްތައް އަގުހެޔޮކޮށް، ރައްޔިތުންނަށް ޒަމާނީ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ރައީސް ސޯލިހު، ޓެލެކޮމް މިނިސްޓްރީ އުފައްދަވާފައިވަނީ ރައްޔިތުންނަށް މުއާސަލާތީ ހިދުމަތުގެ ދާއިރާއިން ލުއިފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ދިނުމުގެ ގޮތުން ކަމަށްވެސް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މިނިސްޓަރުގެ ހިތާބުގައި ވަނީ ދިރާގަށް 31 އަހަރު ފުރުމާ ގުޅިގެން އެކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ހިދުމަތްތައް ފާހަގަކުރައްވައި، ޝުކުރާއި ތަހުނިޔާ ދަންނަވައިފައެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުގައި ހިދުމަތް ކުރެއްވި ހިންގުންތެރި ހީވާގި ވެރީންނާއި މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގެ ތަހުނިޔާއާ ޝުކުރު ދަންނަވަމެވެ. ރާއްޖޭގެ ގައުމީ ތަރައްގީގައި ދިރާގުން ވަނީ ވަރަށް މުހިންމު ހިއްސާއެއް އަދާކޮށްފައިކަން އަޅުގަނޑު ފާހަގަކުރަމެވެ..،" މިނިސްޓަރު މަލީހުގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުރަތަމަ މުއާސަލާތީ ހިދުމަތް ދޭން ފެށި ކުންފުންޏެވެ. އެކުންފުނި ރަޖިސްޓްރީ ކުރީ 1988 ވަނަ އަހަރުގެ މެއިމަހުގެ 16 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކުންފުނީގެ ހިދުމަތް ދޭން ފަށާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.