ޖޯގުރަފިކަލް އިންފޮމޭޝަން ސިސްޓަމް (ޖީއައިއެސް) ގެ ސްޕެޝަލް އެޗީވްމަންޓް އެވޯޑު (ސެގް އެވޯޑު) ރާއްޖޭގެ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލިބިއްޖެއެވެ.
މިއީ ޒަމާނީ ޓެކްނެލޮޖީގެ އެހީގައި ރަށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަނާތީ ދެވޭ އެވޯޑެކެވެ. އެޗްޑީސީން އަންނަނީ ހުޅުމާލެ މޮނިޓަރ ކޮށް ތަރައްގީ ކުރުމުގެ މަސައްކަތުގައި ޖީއައިއެސް ބޭނުން ކުރަމުންނެވެ.
އެޗްޑީސީން ބުނީ މި އެވޯޑަކީ އެޗްޑީސީގެ ޖީއައިއެސް ޑިވޮލޮޕްމަންޓް ޓީމުން ޖޯގުރަފިކަލް އިންފޮމޭޝަން ސިސްޓަމް ކުރިއަރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ދީފައިވާ އެވޯޑެއް ކަމަށެވެ. އަދި މިއީ މި އެވޯޑު އެ ކުންފުންޏަށް ލިބުނު ދުރަތަމަ ފަހަރު ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.
ޔޫއެސްއޭގެ ކެލެފޯނިއާގައި އޮތް އެސްރި ޔޫސަރ ކޮންފަރެންސަގައި ޔޫއެސްގެ ކުންފުނިތަކުގެ އިތުރުން އެހެން ގައުމު ތަކުގެ 87 ކުންފުންޏަކަށް ސެގް އެވޯޑު ލިބިފައި ވެއެވެ. މިކަމާ ބެހޭގޮތުން އެސްރި އިން ނެރިފައިވާ ރިޕޯޓުން ދައްކާ ގޮތުގައި މި އެވޯޑު ލިބިފައިވާ ރާއްޖޭގެ ހަމައެކަނި ކުންފުންޏަކީ އެޗްޑީސީއެވެ.