ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

ފޮރިން މިނިސްޓަރު އިސްތިއުފާދެއްވަން ވިމް އިން ވެސް ގޮވާލައިފި

1

ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ މިނިސްޓަރު ޑރ. މުހައްމަދު އާސިމް ކަމަށް ވާތީ އެ މައްސަލައިގެ މިނިވަން ތަހުގީގަކަށް ޖާގަ ދިނުމަށް ޓަކައި އެމަނިކުފާނު އިސްތިއުފާދެއްވަން ޖެހޭ ކަމަށް ވުމެން އިން މެނޭޖްމެންޓް (ވިމް)ގެ ރާއްޖޭގެ ގޮފިން ބުނެފި އެވެ.

ވިމް އިން އެހެން ބުނީ އެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގަ އެވެ.

ވިމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފޮރިން މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. ވަކީން ޚާއްސަކޮށް މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތަކީ ސީދާ ފޮރިން މިނިސްޓަރު ކަމަށް ވުމީ، މި ކަންބޮޑުވުން އިތުރުވާ ސަބަބެެއް ކަމަށް ވިމްގެ ބަޔާނުގައި ބުނެފައި ވެއެވެ. މުއައްސަސާ ތަކުގައި އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުންނަކީ އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަހި މާހައުލެއް އޮތްކަން ކަށަވަރުކޮށްދޭން ޖެހޭ ފަރާތްތައް ކަމަށް ވިމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުންނާއި އެ މިނިސްޓްރީގައި މި ފަދަ މައްސަލަތައް ބަލަން ޖެހޭ ކޮމެޓީ ކަމަށްްވާ "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ" އިން ބަލަމުން އަންނަ މި ހާލަތުގައި، ފޮރިން މިނިސްޓަރު އޭނާގެ މަގާމުން އިސްތިއުފާ ދެއްވުން ނުވަތަ ރަސްމީ މަސައްކަތުގެ މަސްއޫލިއްޔަތުން އެއްފަރާތަށް ޖެހިވަޑައިގަތުން އެއީ ކޮންމެހެން ކުރައްވާން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވިމް އިން ދެކެމެވެ." ވިމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، މިނިސްޓަރު އިސްތިއުފާ ނުދެއްވާ ނަމަ މި މައްސަލައިގެ އެންމެ އިންސާފުވެރި އަދި މިނިވަން ތަހުގީގެއް ފޮރިން މިނިސްޓްރީން ވެސް އަދި ދައުލަތުގެ ކަމާ ބެހޭ އެހެން މުއައްސަސާ ތަކުން ހިންގިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރަކީ އަންހެނުންނަށް ރައްކާތެރި ފުރިހަމަ މިނިވަން ކަމާ އެކު މަސައްކަތް ކުރެވޭ މާހައުލެއްކަން ކަށަވަރުކޮށްދިނުމަށް އެންމެހައި ފަރާތްތަކަށް ވިމްގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި ވަޒީފާގެ ބާޒާރުގައި އަންހެނުންނާ މެދު ހިންގޭ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ފަސޭހައިން ބަލައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއްގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.