މަގުބޫލު ރީޓެއިލް ޗެއިން، ފޮރެވާ 21 ބަނގުރޫޓުވިކަން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު ކަސްޓަމަރުންނަށް ފޮނުވި ސިޓީއެއްގައެވެ.
178 ފިހާރައެއް ބަންދު ކުރަން ނިންމާފައިވާކަންވެސް މި ސިޓީގައި ވަނީ ހާމަކޮށްފައެވެ.
ފޮރެވާ 21ގެ ފަރާތުން އެތަނުގެ ކަސްޓަމަރުންނަށް ފޮނުވި ސިޓީގައި ބުނީ ބަންދުކުރަން ނިންމާފައިވަނީ ކޮންކޮން ގައުމުތަކެއްގައި ހުރި ކޮން ފިހާރަތަކެއްކަމެއް އަދި މުޅިއަކުން ނުނިންމާ ކަމަށާއި ނަމަވެސް ބައެއް ފިހާރަތައް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ކުންފުނީގެ ނައިބު ރައީސް ލިންޑާ ޗެންގް ޔޫއެސްއޭ ޓުޑޭއަށް ދިން އިންޓަވިއުގައި ބުނީ ކުންފުނި ބަނގުރޫޓުވި ކަމަށް ނިންމަން ޖެހުނީ ކުންފުނީގެ ކުރިމަގަށްޓަކައި ކަމަށެވެ. އަދި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކުންފުންޏަށް ބަދަލު ތަކެއް ގެނެސް ރީޕޮޒިޝަންކޮށް ރީބްރޭންޑް ކުރެވިގެންދާނެ ކަމަށްވެސް ލިންޑާ ބުންޏެވެ.
ކުންފުންޏަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އޮންލައިން ޝޮޕިންގެ ކޮމްޕެޓިޝަން ބޮޑުވުމާއި ފިހާރަތަކުގެ ކުލި ބޮޑުވެ ހަރަދުތައް ކަނޑާފައި މަންފާ ނުލިބުމެވެ.
1984 ގައި ލޮސް އެންޖެލްސް ގައި ފޮރެވާ 21 ފެށީ އާންމުކޮށް ލާ ހެދުންތަކަށް ހާއްސަ ޑިޕާންޓްމަންޓް ސްޓޯރެއްގެ ގޮތުގައެވެ. ފޮރެވާ 21ގެ 800 ފިހާރައެއް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެއެވެ.
ފޮރެވާ 21 އިން ބުނީ ފިހާރަތައް ބަންދު ކުރިކަމުގައިވިއަސް މިހާތަނަށް ފިހާރަތަކުން ދޫކޮށްފައިވާ ގިފްޓް ކާޑާއި ހެދުންތައް ބަދަލު ކުރުމުގެ ޕޮލިސީ އަދި އެކްސްޗޭންޖް ޕޮލިސީއަށް އެމީހުންގެ ފަރާތުން އެއްބާރުލުން ލިބިގެންދާނެކަމަށެވެ.