ފުރާނަދަންދެން

ފުރާނަދަންދެން - 39

"ވަރަށް ހެދިލައިގެ ހުރީމަ އީއްކޮ ގޮވައިގެން ރަސްފަންނަށް ދިޔަ ދުވަހެއް. ސައިކަލުގައި އައިސް މަޑުކޮށްލާފައި އިރުކޮޅަކުން މޫދަށް ފުންމާލައިފި. ވަރަށް ގޮވިން. ހީވަނީ ކަމަކާ ވަރަށް ހާޓްވެފަ ހުރިހެން" އީވް ވާހަކަދައްކަމުން ދިޔައިރު ނައިޝީގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ.

"އެކަނިތަ ހުރީ؟" ނައިޝީ އަހައިލިއެވެ.

"އާނ އިތުރުމީހަކު ނެތް ފެންނާކަށް. ވަރަށް ގިނަ މީހުން ބަލަންވެސް ތިބި" އީވް ވާހަކަދެއްކިއެވެ.

"ތިވާނީ އޮފީސް ކުއްޖެއްގެ ބާތްޑޭ ފާހަގަކުރަން ކަމަށް. ނާހިދް ބުންޏޭ" ހީލަމުން ނައިޝީ ބުންޏެވެ. ނަމަވެސް އޭނާ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. ނާހިދް ކަންތައްގަނޑެއް ސިއްރުކުރާކަން އޭނާއަށް ޔަޤީންވިއެވެ.

"އަހަރެން އީވް ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން" ނައިޝީ އީވްއަށް ބަލައިލިއެވެ.

އީވް ނައިޝީގެ މޫނަށް ބަލައިލީ ނައިޝީގެ ވާހަކަދެއްކުމުގައިވި ސީރިޔަސްކަން އޭނާއަށް އިހުސާސްވުމުންނެވެ.

"ކަމެއް އުޅެނީތަ؟" އީވް އަހައިލިއެވެ.

"އަހަރެންނަށް ކުށެއް ކުރެވިއްޖެ" ނައިޝީ ބުނެލިއެވެ. އީވް ގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ.

"ކިހިނެއްވީ؟" އީވް އަހައިލިއެވެ.

"އެއީ...އެއީ... ނާހިދް ބޭބީއަކަށް ޓްރައި ކުރި ދުވަސްތަކުގަ އަހަރެންނަށް....." ނައިޝީ ފަސްޖެހުނެވެ. އެވާހަކަ އޭނާގެ ދުލާ ހަމައަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އީވް ބަލަން އިންގޮތުން އޭނާއަށް އެވާހަކަ ކުރިއަށްގެންދަން އުނދަގޫވަމުން ދިޔައެވެ.

"އަހަރެންނަށް ބޭސްކެވުނީ" ނައިޝީ ބުނެލިއެވެ. ޙަގީގަތުގައި އޭނާ ބުނަން އުޅުނު ވާހަކައަކީ އެއީއެއް ނޫނެވެ. އޭނާ ބޭނުންވީ މާހިލްގެ ވާހަކަ ކިޔައިދޭށެވެ. އެހިތްވަރު އޭނާއަށް ނުލިބުނީއެވެ.

"ކީއްވެ؟ ނާހިދަށް އިނގުނިއްޔާ އޭނަ ކިހާ ދެރައެއްވާނެ" އީވް ބުނެލިއެވެ.

"އޭރު އަހަރެން ރެޑީއެއްނޫން. އެހެންވެ" ނައިޝީ އިސްޖަހައިލިއެވެ.

"ދެން އަޅާނުލާ. ދެފަރާތަށް އެންމެ މަސްލަހަތު ރަނގަޅުގޮތަކީ ތިވާހަކަ އިޝީ އެއްވެސް މީހެއް ގާތުގަ ނުދެއްކުން. އެކަހަލަ ކަމެއް ދެން ނުކޮށް ކުރިއަށްދޭ. ﷲ ގެ އިރާދަފުޅުން އިޝީ ވަރަށް އަވަހަށް ބަނޑުބޮޑުވާނެ" އީވް އަށް ޙަގީގަތް ނޭނގޭ ހާލު ނައިޝީއަށްޓަކައި ހިތާހިތުން ދުޢާ ކުރިއެވެ.

ހެނދުނު ސައި ގަޑިއަށް ނަތާޝާއަށް މޭޒު ކައިރިއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. ބައްޕަ ޔޫސުފް ނޫނީ ބާކި ތިބި ހުރިހާ މީހުން އޭރު ސައިބޯން ފަށައިފިއެވެ. ނަތާޝާ އައިސް އިޝީނީ ޔޫސުފާ ޖެހިގެން ހުހަށް ހުރި ގޮނޑީގައެވެ. ސައިބޮމުން ދިޔައިރު ނަތާޝާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. އޭނާ ބޮޑުވާހަކައެއް ދައްކަން އުޅޭހެން ހީވުމުން ނުޝައިބާގެ ނަޒަރު ނަތާޝާއަށް ހުއްޓުނު ގޮތަށް އެހެން ދިމާލަކަށް ހަރަކާތެއްވެސް ކޮށްނުލިއެވެ.

"އަޅުގަނޑު ވާހަކައެއް ބުނަން ބޭނުން" އެންމެފަހުން ނަތާޝާ ބުނެލިއެވެ. ހުރިހާ މީހުންގެ ނަޒަރު ނަތާޝާއަށް ހުއްޓުނެވެ.

"ކޮންވާހަކައެއް؟ މީހަކާ އިންނަންވީތަ...؟" ނުޝައިބާ އަވަސް އަވަހަށް ބުނެލިއެވެ. ނަތާޝާ ބޮޑުވެއްޖެކަން އޭނާއަށް އިނގިއްޖެއެވެ. އޭނާގެ ކުޑަކުޑަ ދަރިފުޅުގެ ތުންފަތްމަތިން ފެންނަ އާދަޔާޚިލާފް ހިނިތުންވުމާ ގިނައިރު ފޯނުގައި އިންނަ މަންޒަރު މިހާރު އޭނާއަށް އެއްޗެއް ވިސްނައިދީފިއެވެ.

"އެއްކަލަ މަންމަ" ނަތާޝާ ބުނެލިއެވެ.

"ދެން ކޮންވާހަކައެއް؟" ނުޝައިބާ ބުނެލިއެވެ.

"ނަތާ ވާހަކައެއް ބުނަން އުޅުނިއްޔާ އެވީ މީހަކާ އިންނަ ވާހަކައަކަށް. މަންމަ ތިއުޅެނީ ނަތާ މީހަކާ އިނދެގެން މިގެއިން ނުގޮސްގެންތަ؟" ނަތާޝާ ބުނެލިއެވެ. ޔޫސުފް ލޯތްބާއެކު ނަތާޝާގެ ބޮލުގައި ފިރުމާލިއެވެ. ނުޝައިބާ އިނީ ހިނި އައިއްސައެވެ.

"މަންމާ.! ނަތާ ވަރަށް މުހިންމު ވާހަކައެއް ބުނަން މިއުޅެނީ" ނަތާޝާ ސީރިޔަސްވިއެވެ.

"އަވަހަށް ބުނޭ" ފަރީޝާ ބުނެލިއެވެ. އެހެންމަވެސް ނަތާޝާ ފަސްޖެހުނެވެ. ފަރީޝާއާ ޖެހިގެން ހީލައިގެން ކާންއިން އަމީޒާއަށް އޭނާ ބަލައިލިއެވެ.

"ފަރީ... މިދަނީ ފެންވަރަން އިނގޭ" ކާންއިން އަމީޒާ ތެދުވެފައި ބުނެލިއެވެ. ނަތާޝާ ހިތާހިތުން ޝުކުރުކޮށްލިއެވެ. ނޭނގިނަމަވެސް އެވާހަކަދައްކަން އަމީޒާ އެދިނީ ވަގުތެވެ.

"އަމީ އިންދާ ނުބުނެވޭވަރުގެ ވާހަކައެއްތަ؟ އަނެއްކާ ކިހިނެއްވީ؟" ތެދުވެގެން ހިނގައިގަތް އަމީޒާއަށް ބަލައިލުމަށްފަހު ފަރީޝާ އަހައިލިއެވެ. ނަތާޝާ ބޯޖަހައިލިއެވެ. މިވަގުތު ކާމޭޒު ކައިރީގައި ތިބީ ނުޝައިބާގެ ދެމަފިރިންނާ ފަރީޝާގެ ދެމަފިރިން އެކަންޏެވެ.

"މަންމާ! ދޮންދައްތާ! ނަތާއަށް އަމީދައްތަގެ ފެމެލީ ފެނިއްޖެ. އެމީހުން ބޭނުންވޭ އަމީދައްތަ ކައިރިއަށް މިގެއަށް އަންނަން. އެމީހުން ބޭނުންވޭ އަމީދައްތަ ގެންދަން" ނަތާޝާ ވާހަކަދެއްކިއެވެ. ތަނުގައި ތިބި މީހުން ޚައިރާންކަމާއެކު އެކަކު އަނެކަކާ ނަޒަރު ބަދަލުކޮށްލިއެވެ.

"ނަތާއަށް ތި އެންމެންނާ ބައްދަލުވީ ކިހިނެއް؟ ކާކު ކޯޗެއް ކިޔައިދީގެން ތިއުޅެނީ؟" ނުޝައިބާ އަހައިލިއެވެ. ފަރީޝާވެސް ޖަވާބު ބޭނުންވާ ފަދައަކުން ނަތާޝާއަށް ބަލަހައްޓައިގެން އިނެވެ.

"ނަތާއަށް އިނގުނުގޮތް ބުނެފިއްޔާ މަންމަ އެހާ ހިތްހަމައެއްނުޖެހޭނެ. ނަތާ ބޭނުމެއްނޫން މަންމަ ރުޅި އަރުވާކަށް. ނަތާ އެމީހުން ކައިރީގައި ކީކޭ ބުނަންވީ؟" ނުޝައިބާގެ މޫނަށް ބަލައިލަމުން ނަތާޝާ ބުނެލިއެވެ.

"ބުނޭ އަދި ކިރިޔާހޭ ތި އިނގުނީ އަމީޒާ ކިޔާ މީހަކު ދުނިޔޭގައި ހުރިކަން. ހަނދާންނެތުނީހޭ އެމީހުން އެފަކީރަށް ޖެއްސި ހާލު. ލަދެއްވެސް ނުގަނެއެއްނު" ފަރީޝާ ރުޅިގަދަވިއެވެ.

"އެކަމަކު ދޮންދައްތާ! ތިއީ އަދި އެންމެ ރަނގަޅުގޮތެއް ނޫނެއްނު. އަމީދައްތަވެސް ބޭނުންވާނެ ދޯ އަޒް.... އަރޫ އާ ބައްދަލުކުރަން" ނަތާޝާ ބުނެލިއެވެ.

"އަރޫ އޭ. އެމީހުން ކައިރީގަތަ އަރޫ ހުރީ. ތިހެންވިއްޔާ އަމީ ކައިރިއަށް އަރުޝީ ގެންނަވީނުން. އަހަރެން އެއްބަހެއް ނުވާނަން އަމީ އެގެއަށް ގެންދާކަށް. އަމީވެސް ބޭނުންނުވާނެ" ފަރީޝާ ވާހަކަދެއްކިއެވެ.

"އެކަމަކު ފަރީ. ތިވެސް އިނގޭނީ އަމީ ކުރެން އަހާލީމައެއްނު" މުހްސިން ވާހަކަދެއްކިއެވެ.

"މިގޭގަ އަމީ ހުރެގެން އަހަރެން އުނދަގުވެގެން ނޫޅެން. ޔަޤީން އަމީވެސް ބޭނުމެއްނުވާނެ އެމީހުން ކައިރިއަށް ދާކަށް. އަމީ ބޭނުމިއްޔާ އަރޫ މިގެއަށް ގެނެވިދާނެއްނު. އަހަރެން އަމީއަށްޓަކައި އެކަން ކޮށްދީފާނަން" ފަރީޝާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

"ދޮންދައްތަ ބޭނުމެއްނުވާނެ އަރޫ މިގެއަށް ގެންނާކަށް. ދެން މައްސަލައެއްނެތް. އެމީހުން މިގެއަށް އައިސް އަމީދައްތައާ ބައްދަލުކުރީމަ އިނގިދާނެއްނު އަމީދައްތަ ބޭނުންވާގޮތެއް" ނަތާޝާ ވާހަކަދެއްކިއެވެ. ފަރީޝާ އެކަމަށް ދެކޮޅެއް ނަހަދައެވެ. ކައިރީގައި އިން މުހްސިން ފަރީޝާގެ ކޮނޑަށް އަތް އެއްލި އިރުވެސް އޭނާގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.

މާހިލްއާ ބައްދަލުކުރަން ނައިޝީ އެގެއަށް ދިޔައީ މާހިލް އެކަމަށް އެދުމުންނެވެ. ބޭރު ތެރެއިން ބައްދަލުކުރުން ރަނގަޅުނޫންކަން އޭނާއަށް ވިސްނޭތީއެވެ. އަދި މާހިލްއާ ގުޅުން ބަދަހިކޮށްގެން ނޫނީ އެ ފޮޓޯތަކާ ވީޑިޔޯތައް ނުހޯދޭނެކަން އިނގޭތީއެވެ. ބުރުހާނުއްދީން ހުރެދާނެކަމަށް ގޭތެރެއަށް ނުވަދެ އެންމެ ފުރަތަމަ ނައިޝީ ބޯދިއްކޮށްލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އޭނާ މަގުގެ ދެފަރާތް ހޯދާލުމަށްފަހު ގޭތެރެއަށް ދެމިގަތެވެ. ނަމަވެސް ކުރިމައްޗަށް އެރި މީހަކު ފެނި އޭނާ ސިހުނުވަރުން އެއް ފިޔަވަޅު ފަހަތަށް އެޅިއެވެ.

"ޑޯންޓް ޕެނިކް. ޑޭޑް އިޒް ނޮޓް ހިއަރ" އޭނާ ހުރީ ކުރިމަތީގައި ހުރީ މާހިލް ކަން ޤަބޫލުނުކުރެވިފައެވެ. މާހިލް ޙަޤީޤަތުގައިވެސް އޭނާދެކެ ލޯބިވަނީ ހެއްޔެވެ؟ މާހިލްގެ ނިޔަތް ރަނގަޅުބާއެވެ؟

ތުނިކޮށް ކޮށާފައިވާ އިސްތަށިގަނޑާ އެއްވަރަކަށް ތުނިކޮށްލާފައިވާ ތުނބުޅިއާއެކު މާހިލްގެ ޙަޤީޤީ ސޫރަ ހާމަވާން ހުއްޓެވެ. ލައިގެން ހުރި ކެކްޓަސްގްރީން ކުލައިގެ އަތްކުރު ޓީޝާޓުގެ މޭމަތީގައި 'ޖަސްޓް ފޯރ ޔޫ' ޖަހާލައިފައި އިނެވެ. ތިރިން ލައިގެން ހުރި ލައިޓް ބްލޫ ކުލައިގެ ޖީންސުގައި މާހިލްގެ ހައިބަތު އެހެން ހަރުފަތަކަށް ޖެހިލައިފިއެވެ. ޔަޤީނުންވެސް މިހާރު އެއީ ޕާޓޭ މާހިލްއޭ އެއްވެސް މީހަކު ނުބުނާނެއެވެ.

"ޔޫ ލުކް......" ނައިޝީ ބުނަން އުޅުނެވެ.

"ހޭންޑްސަމް ދޯ..." މާހިލް ހީލާފައި ފުރިހަމަކޮށްލިއެވެ. ތުނުބުޅީގައި އަތް ހާކާލަމުން ދުރު ބަލައިލިއިރު އޭނާގެ ތުންފަތްމަތީގައިވީ އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ.

"ނޯ... ޑިފަރެންޓް" ނައިޝީ ދެކޮޅުހެދިއެވެ. އޭނާ މާހިލްއަށް ތަޢުރީފް ކުރާހިތެއް ނެތެވެ.

މާހިލްގެ ފަހަތުގައި ހުރެގެން ހިނގާފައި ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މާހިލްއަށެވެ. އޭނާ ބޭނުންނުވިޔަސް އެހިތުން މާހިލްއަށް ތަޢުރީފްކޮށްފިއެވެ. އޭނާ ޤަބޫލުކުރާގޮތުގައި އަދިވެސް އެހިތުގައިވަނީ މާހިލްއަށްޓަކައި ނަފްރަތެވެ. އޭނާގެ ދިރިއުޅުމާ ކުޅުނީ މާހިލްއެވެ. އެކަމަށްޓަކައި އޭނާ ދުވަހަކުވެސް މާހިލްއަށް މަޢާފެއްނުކުރާނެއެވެ.

ކޮޓަރިއަށް ވަނުމަށްފަހު މާހިލް އެނދުގައި އިށީނީ ދޮރު ހުޅުވާލާފައެވެ. ނަމަވެސް އެގޮތް ނައިޝީ ހިތްހަމައެއްނުޖެހުނެވެ. އޭނާ ތެދުވެގެން ގޮސް ދޮރުލައްޕާ ލޮކްކޮށްލިއެވެ. މާހިލް ހުރީ ޚައިރާންވެފައެވެ.

"އަހަރެންނަށް އިންވިޓޭޝަނެއް ތިފޮނުވާލީ" މާހިލް ހީލަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ.

"ނޫން. އަހަރެން ބޭނުމެއްނޫން މާހިލްގެ ބައްޕައަށް އަހަރެން މިގޭތެރެން ފެންނާކަށް. އަދި އަމުދުން މިހާރު އަހަރެންނަކީ މާހިލްގެ ގާލްފްރެންޑްކަން އިނގޭކަށް. އަހަރެން ނާހިދް ކައިރިން މިނިވަން ވަންދެން މާހިލް ޖެހޭނެ މިކަން ސިއްރުކޮށްދޭން" ނައިޝީ އެނދުގައި އިށީނީ އަނެއް ފަރާތުންނެވެ. މާހިލްއާ ދުރުންނެވެ.

"މައްސަލައެއްނެތް. އަހަރެން އިޝީ ބުނި ކޮންމެކަމެއް ކުރާނަން. ޖޮބެއްވެސް ހޯދައިފިން" މާހިލް ބުނެލިއެވެ.

"ކޮންތާކުން؟" ނައިޝީ އަހައިލިއެވެ.

"މާލޭގަ ހުރި އެންމެބޮޑު އިލެކްޓްރޮނިކް ސާމާނު ހަދާތަނުން. އެތަނުގައި އުޅޭ ފަންސަވީހަކަށް ސްޓާފުން. އަހަރެންނަށް ލިބުނީ މޯބައިލް ފޯނު ހަދާ ޑިޕާޓްމަންޓުން. އެވެސް އެތަނުގެ އެންމެ އިސްމީހާގެ މަގާމު" މާހިލް އޮޅުންފިލުވައިދެމުން ދިޔައެވެ.

"ސެލެރީ" ނައިޝީ އަހައިލިއެވެ.

"ސިކްސްޓީން ތައުޒަން" މާހިލް ބުނެލިއެވެ.

"ޔަޤީންތަ ތިހެދީ ދޮގެއް ނޫންކަން. މިހެން މިބުނީ މާހިލް ހަމަ ވަންނައިރަށް އެންމެ އިސްމީހާގެ މަގާމު ދިނޭ ބުނީމަ. އެތަނުގަ އުޅޭ ކޮންމެ މީހެއް މާހިލްއަށް ވުރެ އަދި ސީނިއަރ ވާނެއްނު" ނައިޝީ ވާހަކަދެއްކިއެވެ.

"އިނގޭ އިޝީއަށް އަދި އަހަރެންނަށް ޓްރަސްޓްކުރަން ދަތިވާނެކަން. އެކަމަކު އައިމް ނޮޓް ލައިންގ. ކުރިން ކަސްޓަމްގަ އުޅުނުއިރުވެސް އެތަނުގެ ބޮޑުމީހާ ވަރަށް ކިއި އެތަނުގަ މަސައްކަތްކޮށްދޭން. އަހަރެން ނުލަފާކަމުން ނުދިޔައީ. އެއީ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް. މިފަހަރު އަހަރެން އަމިއްލައަށް އެދުނީމަ ބުނީ އަވަހަށް އަންނާށޭ" މާހިލް އޮޅުންފިލުވައިދެމުން ދިޔައެވެ.

"ޔޫ ޑޯޏްޓް ބްލީވް މީ ރައިޓް؟ އެތާ ބޮޑުމީހާއަށް ކިޔަނީ ނޫރީ. ނަންބަރަކީ ތިން ނުވައެއް ތިން އަށެއް ސުމެއް. އޭނާގެ ފިރިހެންދަރި ޒޯހަން ވެސް ވަރަށް އަންނާނެ އަހަރެން އިންނަ ގަޑިތަކުގަ. މިހާރު ކުޑަކޮށް ފްރެންޑްވެސް ވެވިއްޖެ. އިޝީ ބޭނުމިއްޔާ އެ ނަންބަރަށް ގުޅާފަ ކޮންފަރމް ކުރޭ" މާހިލް ވާހަކަދެއްކިއެވެ. ނައިޝީ އިތުރަށް ބަހެއް ނުކިޔައެވެ. މާހިލްގެ ވާހަކަތައް އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ.

ދަންވަރު އެކެއް ޖަހަން ގާތްވިއިރު އަޒްކާ ހުރީ ކޮޓަރިން ނިކުމެވޭ ކުޑަ ބެލްކަނިކޮޅުގައެވެ. އޭނާ ނިދަން މަސައްކަތްކޮށްކޮށް ނުނިދުނެވެ. ނާހިދް ފެނުނުފަހުން އޭނާގެ ބަސްނާހާހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެންމެފަހަރަކު ނާހިދާ ވާހަކަދައްކާލަން އޭނާގެ ހިތް އެދެނީއެވެ. ނަމަވެސް އެއީ ނުވާނެކަމެއްކަން އޭނާއަށް އިނގެއެވެ. އެހެންކަމުން އޭނާ މަސައްކަތްކުރަމުން ދަނީ އެހަނދާންތައް، އެވަގުތުކޮޅު ހިތުން ފޮހެލުމަށެވެ. އޭނާ ނާހިދް ފެނުނު ވާހަކަ ނަތާޝާއަށް ކިޔާނުދިނީވެސް އިތުރަށް އެމައުލޫއަށް ވާހަކަދައްކަން ބޭނުންނުވާތީއެވެ. ހިމޭންކަން ވެރިވެފައިވާ ރޭގަނޑުގެ ތެރެއިން އޭނާގެ ނަޒަރު ހާމައަށް އޮތް އުޑަށް ހުއްޓުނެވެ. އޭނާއަށް އުޑުމަތިން ފެނުނީ ސުލްޙްވެރިކަމާ އަމާންކަމެވެ. ހުދު ބޮތްކެއްހެން އުޑު މެދުގައި ދިއްލާފައިވާ ފުރިހަމަ ހަނދު ފެނުމުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އަދި އެހަނދު ވަށައިގެން ކުދިކުދި ޖަވާހިރުކޮޅުތަކެއް ފަދައިން ހިދުމަތްކުރަމުން ދިޔަ ތަރިތައް އެއްވެސް ފޫހިކަމެއްނެތި މަސައްކަތުގައި ދެމިތިއްބެވެ. އެމަންޒަރުން އަޒްކާއަށް ހިނިތުންވެވުނެވެ. އެކަހަލަ ގުދުރަތީ މަންޒަރުތަކަކީ އޭނާ ކަހަލަ ހިތްހަލާކުވެފައިވާ އެކަނިވެރިންނަށް ލިބިގެންވާ ޝިފާއެކެވެ.

އޭނާ ކޮޓަރިއަށް ދެމިގަތީ އެނދުގައި ނިދިފައި އޮތް ޙައްވަ ކެއްސާލި އަޑަށެވެ. ދަންވަރުގެ އެވަގުތުގައި އޭނާ އެތާ ހުރިކަން ޙައްވައަށް އިނގޭކަށް އޭނާ ނޭދޭއެވެ. އެހެންކަމުން އޭނާ އެނދަށް އަރާ ގައިމަތީގައި ކުއިލްޓް އަޅައިލިއެވެ. އަދި ފަހަތުން ޙައްވަ ގައިގައި ބައްދާލުމަށްފަހު ލޯމަރާލިއެވެ.

ފަތިސް ނަމާދުކޮށްގެން ކޮޓަރި ތެރޭގައި ހެނދުނުގެ ޒިކުރުތައް ކިޔަން އިން ނަތާޝާ ގަޑި ބަލައިލިއެވެ. ހައެއްޖަހަން ކުޑަ ވަގުތުކޮޅެއް ހުއްޓެވެ. ޑިއުޓީއަށް ދިޔުމާމެދު އަދި ވަގުތުކޮޅެއް އޮތަތީ އޭނާ ބޭނުންވީ ބަދިގެއަށް ވަދެ ސައި ހެދުމުގައި ބޮޑެތި މީހުންނަށް އެހީވެދޭށެވެ. އޭނާ ނަމާދުކުރަން ބަދަލުކުރި ހެދުން އާދައިގެ ޓީޝާޓަކާ ހަރުވާޅަކަށް ބަދަލުކުރުމަށްފަހު ތިރިއަށްދާން ނިކުތްތަނާ ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އޭނާ ހުޅުވާލިއިރު ކުރިމަތީގައި ތިބީ ނުޝައިބާއާއި ޔޫސުފެވެ.

"މަންމާ!ބައްޕާ!... ނަތާ ބިރުގަނެއްޖެ. މިގަޑީގަ އައިމަ. މިދަނީ ތިރިއަށްދާން އަދި މަންމައަށް ހެލްޕްވާން" ނަތާޝާ ބުނެލިއެވެ. ނުޝައިބާ ޔޫސުފަށް ބަލާލައިފައި ހީލަމުން އަތުގައި ހުރި ހޫނު މައިލޯތަށި ނަތާޝައަތަށް ދިނެވެ.

"އޯ މަންމާ... ތެންކިޔު" ނަތާޝާ ހީލާފައި ބުނެލިއެވެ. ދެމަފިރިން އެކީގައި ނަތާޝާ ފަހަތުން ވަދެ އެނދުގައި އިށީނެވެ.

"ބައްޕަ އަނެއްކާ ފުރަން މިދަނީ. އިރާދަކުރެއްވިއްޔާ ދެން އަންނާނީ ދަރިފުޅުގެ ކައިވެންޏަށް ކަންނޭނގެ" ޔޫސުފް ވާހަކަދެއްކިއެވެ. ލަސްލަހުން މައިލޯތަށި ބޮމުންދިޔަ ނަތާޝާ އިސްއުފުލާ ޔޫސުފަށް ބަލައިލިއެވެ. އޭގެފަހުން އޭނާ ނުޝައިބާއަށް ބަލައިލިއިރު އިނީ ހީލައިގެންނެވެ.

"ބައްޕާ...!! ނަތާ ނޫޅެން އަދި މެރީކުރަން" ނަތާޝާ ބުނެލިއެވެ.

"ޝައިބާ! އަހަރެންގެ ދަރިފުޅަށް ބަލައިގެން އުޅެއްޗެ. ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ މިކުޑަކުޑަ ދަރިފުޅު އެހެން ގެއަކަށް ދާނެ. ބައްޕަގެ ބެލުމުގެ ދަށުން އެހެން މީހެއްގެ ބެލުމުގެ ދަށަށް ދާނެ. ހެޕީ ފޯރ ޔޫ މައި ޑޯޓަރ" ޔޫސުފް ނިކުމެގެން ދިޔައީ ނަތާޝާގެ އަތްތިލައިގައި ހިފާ އުފުލާލުމަށްފަހު އެ އަތުގައި ބޮސްދީފައެވެ.

"މަންމާ!! ބައްޕަ މިއަދު ރަނގަޅުތަ. ކީއްވެ އެކަހަލަ ވިއަރޑް ވާހަކަތަކެއް އެދައްކަނީ" ނަތާޝާގެ ސުވާލު އަމާޒުކޮށްލީ ނުޝައިބާއަށެވެ.

"ފަތިހު ބައްޕަ ފުރާތީ ރޭގަ ވަރަށް ދަންވިފަހުން މިކޮޓަރިއަށް އައި ނަތާގެ މޫނު ދެކިލަން. އޭރު ނަތާ ގޮވީ ރާދުއޭ ކިޔާފަ. ރާދުދެކެ ވަރަށް ލޯބިވެޔޭ ކިޔާފަ" ނުޝައިބާ އޮޅުންފިލުވައިދިނެވެ. ނަތާޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ އިސާހިތަކު އޭނާގެ މޫނުމަތި ލަދުވެތިކަމުގެ ކުލައިން ފެވިގެންދިޔައެވެ. ނުޝައިބާއަށް ބަލައިލަން ނުކެރި އޭނާ އިނގިލީގައި ދަތް އަޅައިލިއެވެ. ސިއްރުން ކުރަމުން އައި ކަންތައް ބޭޒާރުވިގޮތުން އޭނާ ރަތް ފިޔައަކަށް ވެގެން ދިޔައެވެ.

"އަދިވެސް ބުނާނީތަ އެއީ ރާއިދާއޭ" މަލާމާތުގެ ރާގަކަށް ނުޝައިބާ ބުނެލިއެވެ.

ކުއްލިއަކަށް ނަތާޝާ ގޮސް ނުޝައިބާގެ އުނގުގައި ބޯއަޅައިލިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިތުރަށް އޮޅުވާލަން އޭނާ ބޭނުމެއްނުވިއެވެ.

"މަންމާ! އެއީ ރާއިދު. ނަތާގެ ބޯއީފްރެންޑް. ނަތާ ވަރަށް ލޯބިވޭ ރާދުދެކެ. ނަތާ ހީކުރީ މަންމަ ވަރަށް ރުޅި އަންނާނެކަމަށް" ނަތާޝާ ވާހަކަދައްކަމުން ދިޔައެވެ.

"މަންމައަށް އިނގޭ ނަތާވެސް ކޮންމެސް ދުވަހަކުން މީހަކާ ކައިވެނިކޮށްގެން ދާނެކަން. މަންމަ ރުޅިއެއްނާދޭ" ނަތާޝާގެ ބޮލުގައި ފިރުމަމުންދިޔަ ނުޝައިބާ ވާހަކަދެއްކިއެވެ. ޖަޒުބާތީވެވުނު ވަރުން އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ނަތާގެ ކޮންމެ ކަމަކަށް މަންމަގެ ރުހުން ލިބޭނެ. މަންމަ އުންމީދުކުރަން ނަތާވެސް އެއްވެސް ކަމެއް މަންމައަށް އޮޅުވާނުލާނެކަމަށް. މަންމަ ވާހަކައެއް އަހަންތަ؟" ނުޝައިބާ އަހައިލިއެވެ. ނަތާޝާ ބޯހިއްލާލަމުން ނުޝައިބާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ބޯޖަހައިލިއެވެ.

"އަމީދައްތަގެ ފެމެލީ ނަތާއާ ބައްދަލުވީ ކޮންތާކުން؟" ނުޝައިބާ އަހައިލިއެވެ.

"މެޑިކަލް ކޭމްޕް ގަ ދިޔަ ރަށުން" ނަތާޝާ ބުނެލިއެވެ. އޭނާ ދޮގެއް ނަހަދައެވެ.

"ނަތާއަށް ކިހިނެއް އިނގުނީ އެއީ އަމީގެ ފެމެލީކަމައް؟" ދެވަނަ ސުވާލު ނުޝައިބާ ކޮށްލިއެވެ.

"ޙައްވައްތަ ބުނީމަ. ދޮންތަގޭގަ މަސައްކަތުގަ އުޅުނެއްނު ޙައްވައްތައެއް. ޙައްވައްތަ އަކީ އަމީދައްތަގެ މައިދައިތަ" އަޒްކާ ބުނެލިއެވެ.

"އެހެންތަ...!" ނުޝައިބާ ބުނެލިއެވެ.

"އާނ. ޙައްވައްތަ ފެނުނީ އެރަށުން. ޙަމީދުބެވެސް. މިހާރު އެމީހުން އުޅެނީ މިކޮޅަށް ބަދަލުވެގެން. ބޭނުންވަނީ އަމީދައްތައާ ބައްދަލުކުރަން" އަޒްކާ ވާހަކަދެއްކިއެވެ.

"ދެން ބައްދަލުވީމަ ވާއެއްޗެއް އިނގިދާނެތާ" ނުޝައިބާ ބުނެލިއެވެ.

ނުޝައިބާގެ އުނގުގައި ބޯއަޅާލަމުން ނަތާޝާ ވިސްނާލިއެވެ. ހުރިހާ މީހުންގެ ވާހަކަ ބުނިއިރުވެސް އޭނާ އަޒްކާގެ ވާހަކަ ނުބުންޏެވެ. އޭނާ ބުނަން ފަސްޖެހުނީއެވެ. ދެވަނަ ފަހަރަށް ދެ ރަހްމަތްތެރިންގެ ދެމެދުގައި ހުރަހަކަށް ވުމަށް ލޯބިވާ މަންމައަށް ފުރުސަތުދޭން ބޭނުންނުވާތީއެވެ. ނަމަވެސް އެއީ އަބަދު ސިއްރުވެފައި އޮންނާނެ ކަމެއް ނޫންކަން އޭނާއަށް އިނގެއެވެ. އެޙަގީގަތް ކޮންމެސް އިރަކުން އޭނާ ހާމަކުރާނެއެވެ.

މަގުގެ އެއްފަރާތުން ހިނގާފައި އައި ނައިޝީ އައިސް ވަނީ އީވް ދިރިއުޅޭ ގެއަށެވެ. ސިޓިންގްރޫމުން އޭނާއަށް މަރުހަބާ ކިއީ އީވްގެ ދެމަފިރިންނާ މައިދަތެގެ ދެމަފިރިންނެވެ. ނައިޝީ ގޭތެރެއަށް ވަދެގެން ގޮސް ހުއްޓުނީ އީވް ކައިރީގައެވެ.

"މަންމާ! މިއީ އަޅުގަނޑުގެ ބެސްޓްފްރެންޑް ނައިޝީ. މަންމަމެންނަށް އަދި ފުރަތަމަ ފަހަރަށް ކަންނޭނގެ މި ފެނުނީ ދޯ" ސޯފާގައި އިން އިމްރާންގެ މަންމަ ހީނާއަށް ނައިޝީ ތަޢާރަފްކޮށްދިނެވެ. ހީނާއާއި ތަޢުފީގް ނައިޝީއާ ސަލާމްކުރިއެވެ.

"ކަމެއް އޮތީތަ...؟" އީވް ކައިރިއަށް ޖެހިލަމުން ނައިޝީ އަހައިލިއެވެ.

"ރާދުކޮއްކޮ މެރީކުރަން އުޅޭ ކުއްޖާ މިއަދު އެބައާދޭ މިގެއަށް. މަންމަމެން ފުރުމުގެ ކުރިން މީޓްކުރުވަން ވެގެން. އަހަރެން ބޭނުން އިޝީވެސް ހުންނަން. ތިވެސް މިފެމެލީގެ އެއްބައެއްނު" އީވް ވާހަކަދެއްކިއެވެ.

މާގިނައިރެއް ނުވެ ދޮރު ބެލް އަޅާލި އަޑު އިވުނެވެ. އީވް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހެވިފައި ރާއިދު ހުއްޓެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ރަތްކުލައިގެ ކަށި މައްޗާ ހަމައަށް އަންނަ މިޑީގައި ނަތާޝާ ހުއްޓެވެ. ނަތާޝާގެ މޫނުމަތިން ފެންނަން ހުރީ ކަންބޮޑުވުމުގެ އަސަރެވެ.

"އަވަހަށް އާދޭ" ރާއިދު އެތެރެއަށް ވަނުމުން ނަތާޝާގެ އަތުގައި ހިފާ އެތެރެއަށް ވެއްދީ އީވްއެވެ. ނަތާޝާގެ އަތުގައި ހިފައިގެން ގޮސް ބޭންދީ ހީނާއާއި ތަޢުފީގާއި ދެމެދުގައި ހުރި ހުސް ޖާގައިގައެވެ. އެއްވެސް މީހަކު ވާހަކަނުދައްކާ ހިނދުކޮޅެއް ދިޔައެވެ. އެންމެންގެ ތެރޭގައި ނޭވާ ހިފަހައްޓާލައިގެން އިން ނަތާޝާ ކުރިމަތީގައި އިން ރާއިދަށް ސިއްރު ސއްރުން ބަލައިލިއެވެ. އެމަންޒަރު ފެނުމުން ރާއިދު ކައިރީގައި އިން އިމްރާނަށް ހެވުނެވެ. އިމްރާނަށް އީވް ދެލޯ އަޅައިލިއެވެ. ދެން އިވިގެން ދިޔައީ އެންމެންގެ ހުނުމުގެ އަޑެވެ.

"ކީކޭ ބުނާނީ. މަންމަ ނެތް ނަތާއާ ބެހޭގޮތުން މާގިނަ ސުވާލުތަކެއް ކުރާކަށް" ހީނާ ބުނެލިއެވެ.

"ބައްޕަވެސް ނެތް. ބުނަން އޮތީ އެންމެ އެއްޗެއް" ތަޢުފީގް ވާހަކަދެއްކިއެވެ. ރާއިދު އޭނާގެ މައިންބަފައިންނަށް ބަލައިލިއެވެ.

"މަންމަމެން ދަރިއެއްގެ ގޮތުގައި ނަތާ ބަލައިގަނެފިން. ވަރަށް ކަމުދޭ. މާޝާﷲ. ވަރަށް ލޯބިކުއްޖެއް. މަންމަ ބުނާނީ ތިމާގެ ރީތިކަން ފިރިމީހާ ކުރިމަތީގައި ނޫނީ ފާޅުނުކުރާށޭ. އެކަމަކު ނަތާގެ މިނިވަންކަމާ މަންމަމެން ނުބެހޭނަން" ހީނާ އެބުނަނީ ކީކޭކަން ނަތާޝާއަށް ވިސްނުނެވެ. ރާއިދުގެ އެންމެ ބޮޑު ބޭބެގެ އަންހެނުންވެސް ހުރީ ނިގާބު އަޅައިފައެވެ. ރާއިދުގެ މަންމަ މޫނު ނުފޮރުވިއެއްކަމަކު ލައިގެން ހުރީ އަބާޔާ ހެދުމެކެވެ. ފެންނަން ހުރީ ހަމައެކަނި މޫނާއި ދެއަތްތިލަ އެކަންޏެވެ.

"ން...ނަތާވެސް ދޮންބެދައްތަ ގޮތަށް ޑްރެސް ކޮށްފާނަން" ލަސްލަހުން ނަތާޝާ ބުނެލިއެވެ. ހީނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ހައު ކިއުޓް... " އީވް ބުނެލިއެވެ.

"ދަރިފުޅުމެން ޑިސްކަސްކޮށްފަ ދުވަހެއް ކަނޑައަޅާ. މަންމަމެން މިދަތުރު ނިންމާލާފައި އައިސް ހުރިހާ ވަގުތެއް ތިދެކުދިންގެ ކައިވެންޏަށް ހުސްކުރާނަން" ހީނާ ވާހަކަދެއްކިއެވެ.

ރޭގަނޑުގެ ކެއުން އާއިލާ ހުރިހާ މެންބަރުން އެއް ސުފުރާއިން ނިންމާލިއެވެ. ނަތާޝާއާ އެގޭ މީހުންނާ ދެމެދުގަ އޮތް ދުރުކަން ކޮންމެސް ވަރަކަށް ފިލައިގެން ދިޔައެވެ.

"ނަތާ...! މިއީ ދޮންބެދައްތަގެ ބެސްޓްފްރެންޑް އިނގޭ. ދޮންބެދައްތަ ފެނިއްޖިއްޔާ އިޝީ ވެސް އެތަނަކުން ފެންނާނެ" އީވް ހީލާފައި ވާހަކަދެއްކިއެވެ.

"ނަތާގެ ބެސްޓްފްރެންޑް އަޒްކީވެސް އެއްދުވަހަކުން މީޓްކޮށްލަން ގެންނާނަން އިނގޭ މިގެއަށް. ވަރަށް ސްވީޓްވާނެ" ނަތާޝާ ބުނެލިއެވެ.

ރާއިދާއެކު ނިކުމެ ނަތާޝާ ސައިކަލަށް އެރި ވަގުތު އެގޭ ކައިރިއަށް ސައިކަލުގައި ނާހިދް މަޑުކޮށްލިއެވެ. އެއާއެކު ރާއިދުގެ ފަހަތުގައި އިން ނަތާޝާގެ ލޮލާއި ނާހިދުގެ ލޮލާ އަމާޒުވެގެން ދިޔައެވެ.

(ނުނިމޭ)