މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 43

އަބްދުﷲ ފާރޫގް ހަސަން

2

(28 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ޒަމާނާއެކު ބޭސްވެރިކަމަށް އައި ތަރައްޤީގައި ޖުޒާމްބަލީގެ މީހުން އެހެން މީހުނާ ވަކިކުރުން ހުއްޓައިލެވުމުން މަލިކުގެ ޖުޒާމްބަލީގެ މަރުކަޒުވެސް ވަނީ އުވައިލެވިފައެވެ. މިހާރު އެތާނގައި ހުރީ ނަވޯދިޔާ ބޯޑިންގ ސްކޫލެވެ. މަލިކުގެ ތަޢުލީމާ ބެހޭގޮތުން ލިޔުނު ބާބުގައި އަޅުގަނޑުވާނީ އެސްކޫލާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

އިންޑިޔާ ކަނޑުގެ ޖަޒީރާތައް އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތްއިރު 91-1890 ގައި އިނގިރޭސީން މަލިކުގައި ޑިސްޕެންސަރީއެއް ހުޅުވިއެވެ. ނަމަވެސް ޑޮކްޓަރީބޭހަށް ޢާންމު ތަރުޙީބު ނުލިބުމުގެ ސަބަބުން އެޑިސްޕެންސަރީ ލަކުޑިދީބުގެ އަންދުރޯތަށް ބަދަލުކުރެވުނެވެ. އެރަށުގައިވެސް ޑިސްޕެންސަރީ ނުހިނގުމުން 1905 ގައި ޑިސްޕެންސަރީ ބަންދުކުރީއެވެ.

މަލިކުގެ ޑިސްޕެންސަރީ ބަންދު ކުރެވުނުތާ އަހަރުތަކެއްގެ ފަހުން 1920 ވަނަ އަހަރު އިނގިރޭސިސަރުކާރުން މަލިކުގައި ސާރވޭއެއް ކުރިއެވެ. ޒަމާނީ ބޭސްވެރިކަމާމެދު މީހުން ދެކޭގޮތް ބެލުމަށްޓަކެއެވެ. އެސާރވޭ ކުރި އޮފިސަރަކީ އާރު.އެޗް. އިލިސެވެ. އޭނާ ބަޔާންކުރި ގޮތުގައި މަލިކުމީހުންވެސް ޒަމާނީ ބޭސްވެރިކަމަށް މަރުޙަބާ ކިޔާނެއެވެ. އެހެންކަމުން މަލިކަށްވެސް ޞިއްޙީ ޚިދުމަތް ދޭންފެށުން ބޭނުންކަމަށް އޭނާ ބަޔާންކޮށްފައި ވެއެވެ. ނަތީޖާއެއްގެގޮތުން ބޭސްވެރިކަމާބެހޭ ކަންތައް ބަލަހައްޓާނެ މީހަކު މަލިކަށް ޢައްޔަން ކުރެވުނެވެ. އެއީ 1926 ވަނަ އަހަރުއެވެ.

މަލިކުގައި ދެވަނަ ފަހަރަށް ޑިސްޕެންސަރީއެއް ހުޅުވުނީ ކުރީގެ ޑިސްޕެންސަރީ ބަންދުކުރިތާ 26 އަހަރު ފަހުންނެވެ. އެ ޑިސްޕެންސަރީ 1960 ގައި ވިހި އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވުނެވެ. މިހާރު މަލިކު ހޮސްޕިޓަލް ހިނގަމުންދާ ޢިމާރާތަށް ހޮސްޕިޓަލް ބަދަލު ކުރެވުނީ 1964 ގައެވެ. އޭރު ހޮސްޕިޓަލުގައި ތިބެނީ ދެ ޑޮކްޓަރުންނާއި، ބޭސްދޫކުރާ މީހަކާއި، ތިން ނަރުހުންނާއި، މީހުން ވިއްސުމާބެހޭ އެހީތެރިޔަކާއި ހެލްތު އިންސްޕެކްޓަރުންނެވެ.

އަޅުގަނޑުމެން މަލިކަށް ދިޔައިރު މަލިކު ހޮސްޕިޓަލަށްވަނީ ލެބޯޓަރީއަކާއި އެކްސްރޭޔުނިޓެއް އިތުރު ކުރެވިފައެވެ. އޭރު މަލިކު ހޮސްޕިޓަލުގައި ސީނިއަރ މެޑިކަލް އޮފިސަރަކާއި، ސާރޖަނަކާއި، ހޭނައްތާ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި ދެ ޖޫނިއަރ ޑޮކްޓަރުން ތިބެއެވެ.

1990 ގައި މަލިކުގެ ސީނިއަރ މެޑިކަލް އޮފިސަރ އިންޗާޖްގެ މަޤާމުގައި ހުންނެވީ ގޮއިދުގޯތީ ޑޮކްޓަރ މުޙަންމަދު ޙުސައިނެވެ. މަލިކުގެ ޢާންމު ޞިއްޙަތާބެހޭ ހުރިހާކަމެއް ބަލަހައްޓަވަނީ އޭނާއެވެ. އޭނާ ހުންނަވަނީ ކަވަރައްތީގައި ހުންނަ ލަކްޝަދީބު މެޑިކަލް ޑައިރެކްޓްރޭޓް ދަށުގައެވެ.

މަލިކުގެ ހަސްފަތާލުން ފަރުވާ ނުދެވޭފަދަ ބައްޔަކަށް އަވަސް ފަރުވާދޭން ޖެހިއްޖެނަމަ އެމީހަކު ކޮއްޗެއަށް ގެންދެވޭގޮތަށް ހެލިކޮޕްޓަރުގެ ޚިދުމަތް ހަމަޖެހިފައި އޮވެއެވެ.

1990 ގައި މަލިކުގެ ހަތްމީހަކު ޑަކްޓަރީކަން ކިޔަވައިގެން ތިއްބެވެ. އޭގެތެރެއިން ބައެއްމީހުން ޚިދުމަތްކުރަނީ ރަށުން ބޭރުގައެވެ. ފާރމަސީގެ ރޮނގުން ޑިޕްލޮމޯ ނަގާފައިވާ މީހަކުވެސް ހުއްޓެވެ.

1912 ވަނަ އަހަރުން ފެށިގެން މަލިކުގައި ވިހާމަރުވާ މީހުންނާބެހޭ ތަފާސްހިސާބު ބެލެހެއްޓެމުންދެއެވެ. މިހާރަކަށްއައިސް އަލަށް އުފަންވާ ހުރިހާ ކުދީންނަށް ވެކްސިން ދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. ނަތީޖާއެއްގެގޮތުން ޅަފަތުގައި މަރުވާ ކުދީންގެ ޢަދަދުވަނީ މަދުވެފައެވެ.

މަލިކުގައި ފާޚާނާއާއި ބޯފެނުގެ ނިޒާމު އަދިއޮތީ ރާއްޖޭގެ އަތޮޅުތަކުގައިވެސް އޮތް ފެންވަރުގައެވެ. ޢާންމުކޮށް ގިނަމީހުން ބޯން ބޭނުންކުރަނީ ވަޅުފެނެވެ.

(ނިމުނީ)

ނިންމައިލުން


އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިންގެ ޒަމާނުގައި އަޅުގަނޑުމެންގެ ވޮޑެގިރާ ރާއްޖޭގެ ސަރަހައްދަކީ މަލިކައްޑޫ ދެމެދެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ނަޒަރުގައި އެދެމެދު އޮންނަންވާނީ އެއްކޮށެވެ. އެސަރަޙައްދުން އަނެކަކަށް ބައެއްލިބުން ހައްޤުވެގެންނެއް ނުވެއެވެ. މަލިކައްޑޫ ދެމެދުގައި ދިރިއުޅޭ އެންމެންނަކީ ދިވެހީންނެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ހަންހާރަވެތި ދަރީންނެވެ. ކާބަފައިންގެ ދީނާއި ސަގާފަތާއި ތާރީޚު އެއް ހައިސިއްޔަތަކުން ހިއްސާކުރަންޖެހޭ މީހުންނެވެ. އެކަންކަމަށް ރައްކާތެރިވުމުގައި އެންމެންގެ ޒިންމާ އެއްވަރު މީހުންނެވެ. އާދޭހެވެ. ދިވެހިންނެވެ. ދިވެހީން މިއީ އަޅުގަނޑުގެ ނަޒަރުގައި ގައުމެއްގެ ރައްޔިތުންގެ ނަމެއްނޫނެވެ. ނަސްލެއްގެ މީހުންގެ ނަމެކެވެ.

ދިވެހި ރާއްޖެއާ ވަކިވެ އަލީ ރާޖާގެ އަޅުވެތިކަމުގެ ތެރެއިން އިންޑިޔާގެ ދަށަށް ނަގުލުވެފައިވާ ކައިރި ނަމަވެސް... ދުރުގައިވާ މަލިކާއި މަލިކުގައި ދިރިއުޅޭ ދިވެހީންނާ ބެހޭގޮތުން އަޅުގަނޑު ވަން އޮންލައިންގައި ޝާއިޢުކުރަމުންގެންދާ ސިލްސިލާ މިހައިތަނުން ނިމުނީއެވެ. މިސިލްސިލާގައި އަޅުގަނޑުވަނީ މަލިކާ ބެހޭގޮތުން އެކަށީގެންވާ މައުލޫމާތުތަކެއް ހުށަހަޅައިލެވޭތޯ މަސައްކަތްކޮށްފައެވެ. އެހެންކަމާ އެކުވެސް ވިދާޅުވަމުންގެންދަވާ ބޭފުޅުންގެ ހިތްޕުޅުތަކުގައި މަލިކާއި މަލިކުގައި ދިރިއުޅޭ އަޅުގަނޑުމެންގެ އަޚުން އުޚުތުންނާ ބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކަށް ޖަވާބުނުދެވި ހުރުމަކީ އެކަށީގެންވާކަމެކެވެ. އަޅުގަނޑު މިސިލްސިލާ ލިޔުނީ މީގެ ތިރީހަކަށް އަހަރުކުރިންނެވެ. ދުވަސްވަރަކީ ކޮމްޕިއުޓަރު ފަދަ ޒަމާނީ ވަސީލަތްތަކާއި މޯބައިލްފޯނުފަދަ ފަސޭހަތައް ލިބެންހުރި ދުވަސްވަރެއްނޫނެވެ. އެދުވަސްވަރުގެ ހާލަތު ހުރިގޮތަށް ބަލާއިރު އެއްކުރެވުނު މައުލޫމާތާ މެދު އަޅުގަނޑު ހިތްހަމަޖެހެއެވެ. މިޒަމާނުގައި މިފަދަކަންކަމަށް ލިބިފައިވާ ފަސޭހަތައް އެދުވަސްވަރު އަޅުގަނޑުމެންނަށް ލިބުނުނަމަ މިއަށްވުރެ މުއްސަނދި މައުލޫމާތުތަކެއް ހުށަހެޅޭނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތެވެ. ކޮންމެ ގޮތެއްގައި ވެސް އިންސާނީ އެއްވެސް މަސައްކަތަކީ އެންމެ ފުރިހަމަ މަސައްކަތަކަށް ނުވާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

އަޅުގަނޑަށް މިމަސައްކަތް ކޮށް ނިންމައިލެވުނީ ހުސްޠާހިރުވަންތަ މާތްﷲ ދެއްވި ހެޔޮ ތައުފީގުގެ ސަބަބުންނެވެ. އެހެންކަމުން އެކަލާންގެ ރަސްކަންފުޅަށް ހަމްދާއި ޝުކުރުދަންނަވަމެވެ. މިސިލްސިލާ ލިޔުމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށާއި މިސިލްސިލާ ވިދާޅުވި ހުރިހާފަރާތްތަކަކަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރަމެވެ.

އަބްދުﷲ ފާރޫޤް ޙަސަން
ގ. ކޮއްކިރި