އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑް އަތުން ޕޮއިންޓެއް ހޯދައި، އާސެނަލް ގަދަ ހަތަރަކަށް

އަލީ ރިފްޝާން

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޕޮއިންޓެއް ހޯދައި، އާސެނަލް ގަދަ ހަތަރަކަށް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފަޑްގައި ރޭ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގެ 28 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑޭވިޑް ލުއިޒް ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން އަންދްރޭސް ޕެރޭރާ ފޮނުވާލި ހަމަލާ، އާސެނަލްގެ ކީޕަރު ބާންޑް ލެނޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި ޔުނައިޓެޑުގެ މާކަޝް ރަޝްފާޑަށް ލިބުނު ފުރުސަތު، އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މެޗުގެ 44 ވަނަ މިނެޓުގައި އާސެނަލަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބުކަޔޯ ސަކާ ފޮނުވާލި ހަމަލާ، ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން މެޓިއޯ ގުއެންޑޫޒީ ފޮނުވާލި ހަމަލާ ވެސް ޑެ ހެއާ ވަނީ މަތަކޮށްފައެވެ.

ޔުނައިޓެޑުން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރަޝްފާޑު ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސަކާ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕިއެރޭ އެމެރިކް އޮބަމަޔާންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޯޅަ ހިފައިގެން ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޔުނައިޓެޑަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މެގުއާ ފޮނުވާލި ހަމަލާ، އާސެނަލްގެ ކީޕަރު ލެނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އެ ނަތީޖާއާއެކު ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލި އާސެނަލަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ޔުނައިޓެޑު އޮތީ ކުޅުނު ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ ދިހަ ވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.