ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ކޮމިޓީއާ ދެމެދު އޮތް މައްސަލައަކީ ޔޫތު މިނިސްޓަރާ ބެހޭ ކަމެއް ނޫން ކަމަށާއި އެއީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ ސަލީމް)ގެ ކަމެއް ކަމަށް މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހުލޫފު އެހެން ވިދާޅުވެފައިވާ އިރު، މިދިޔަ ޖޫން މަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ ވީއޭއެމްގެ މައްސަލަތައް ބެލުމަށާއި އާ އިންތިހާބެއް ބޭއްވުމަށް އެ އެސޯސިއޭޝަން ހިންގުމުގެ ބާރު ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ.
ވީއޭއެމްގެ މައްސަލައިގައި އެފްއައިވީބީން ނިމިދިޔަ މަހު ބުނެފައިވަނީ އެ ފެޑެރޭޝަނުން ބަލައިގަންނަނީ އިންތިހާބީ ކޮމިޓީ ކަމަށާއި އަލުން އެ އެސޯސިއޭޝަންގެ ހިންގުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު ވެސް އެފްއައިވީބީން ވަނީ ދީފައެވެ.
"ވޮލީގެ މައްސަލައަކީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. ސްޕޯޓްސް ކޮމިޝަނުން ކުރާ ކަމެއް. ވޮލީގެ މައްސަލައަކީ އަޅުގަނޑު ކުރާ ކަމެއް ނޫން. ސްޕޯޓްސް ކޮމިޝަނަރަކީ އިންޑެޕެންޑެންޓްކޮށް މަސައްކަތްކުރާ ބޭފުޅެއް. ސްޕޯޓްސް ކޮމިޝަނަރު މައްސަލަ ބަލަން ނޯމަލައިޒޭޝަން ކޮމިޓީއެއް ހެދުމުން، ލިޔުންތަކެއް އައިކަން އަޅުގަނޑަށް ވެސް އެނގޭ،" އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރު އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީން ވީއޭއެމްގެ އިންތިހާބު ބޭއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އާ އިންތިހާބެއް ބޭއްވުމުން އެފްއައިވީބީއާ ދެމެދު އޮތް މައްސަލައަށް ވެސް ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މިދިޔަ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު ވޮލީބޯޅަ ކުލަބަކަށް ފުރުސަތު ދީފައި އެއޮތީ އެމީހުން ކޮންގްރެސްއެއް ބާއްވައިގެން، އެމީހުން އިންތިހާބެއް ބޭއްވީމަ އަޅުގަނޑު ގަބޫލުކުރަނީ އެ މައްސަލައެއް ހައްލެއް ލިބޭނެ ކަމަށް. ރާއްޖޭގެ މުޅި ވޮލީ ކޮމިއުނިޓީ އޮތީ، މިހާރު އެ ދާ ކަންތަކަށް ސަޕޯޓުކޮށްގެން. އަޅުގަނޑު ގަބޫލުކުރަނީ އިންތިހާބެއް ބޭއްވުމުން އެފްއައިވީބީއާ ދެމެދު އޮތް މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ އެފްއައިވީބީން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި ސަރުކާރުން ވޮލީގެ ކުރިއެރުމަށް ކުރާ މަސައްކަތް އެ ފެޑެރޭޝަނުން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އިތުރަށް މައްސަލަ ގޯސްވާކަމަށްވާ ނަމަ، މިނިސްޓްރީން ވެސް އެކަމުގެ ތެރެއަށް ވަންނާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް، ރައީސްކަމުގެ ހައިސިއްޔަތު ބޭނުންކުރަމުންދާތީ އޭނާގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާކުރަން ފޮނުވާނެ ކަމުގެ އިންޒާރު، ދާދި ފަހުން ސްޕޯޓްސް ކޮމިޝަނަރު ވަނީ ދީފައެވެ. ލަތީފަށް ސްޕޯޓްސް ކޮމިޝަނަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ނޯމަލައިޒޭޝަން ކޮމިޓީ އުކުލަވާލުމާއެކު ރައީސްގެ ހައިސިއްޔަތު ލަތީފަށް ގެއްލިފައިވުމުން، ވީއޭއެމް ލެޓާހެޑާއި ރިފަރެންސް ނަމްބަރު ބޭނުންކޮށްގެން މުއާމަލާތު ކުރުމުގެ ރަސްމީ ހައިސިއްޔަތު އޭނާއަށް ލިބިފައިނުވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ލަތީފް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރު ފޮނުއްވި އެއްވެސް ސިޓީއެއްގައި މަގާމު ގެއްލިފައިވާކަން އަންގާފައި ނުވާ ކަމަށެވެ.
ލަތީފް ވަނީ އެ ސިޓީތަކުގެ ކޮޕީއެއް ވެސް ހިއްސާކުރައްވައިފައެވެ. އޭގެ ތެރެއިން ވީއޭއެމްގެ މަސްއޫލިއްޔަތުތައް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރިކަން އެންގުމަށް ފޮނުވި ސިޓީ އެޑްރެސް ކުރައްވާފައިވަނީ "ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލްފާޟިލް މުހައްމަދު ލަތީފު" ޖައްސަވައިފައެވެ.
ޖޫން މަހުގެ 11ގައި ލަތީފަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ ވީއޭއެމްގެ ޒިންމާތައް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެސޯސިއޭޝަންގެ އޮފީހާއި އެންމެހައި ލިޔެކިޔުންތަކާއި އަދި އެހެނިހެން ސާމާނާއި ވަސީލަތްތަކާއި ތަކެތި ހަވާލުކުރުމަށް ވެސް އަންގާފައިވެއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ، އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އާއި އެ ކޮމިޓީގެ ނައިބު ރައީސް އަހްމަދު އިސްމާއީލާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމާއި މަރިޔަމް ޖުމާނާ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދެވެ.