ދުނިޔެ

ޗާޖަށް ޖަހާފައި އޮތް ފޯނެއް ގޮވައި، 14 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ

ފަތޯނާ ފާއިޒު

ޗާޖަށް ޖަހާފައިވާ ފޯނެއްގެ ބެޓެރި ގޮވުމުގެ ސަބަބުން ކަޒަކިސްތާނުގެ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މެއިލް އޮންލައިންއިން ރިޕޯޓް ކުރާ ގޮތުގައި އެ ހާދިސާ ހިނގީ އެ އަންހެން ކުއްޖާ ލަވަ އަޑުއަހަން އޮވެފައި، ފޯނު ޗާޖަށް ޖެހުމަށްފަހު، އެ ފޯނު ބާލީސް ދަށުގައި ބާއްވައިގެން ނިދުމުންނެވެ. އަނެއް ދުވަހު ހެނދުނު އެކުއްޖާގެ ފޯނުގެ ބެޓްރި ގޮވީ، މާގިނައިރު ޗާޖަށް ޖަހާފައި ބޭއްވުމުގެ ސަބަބުން، ބެޓްރި މާބޮޑަށް ހޫނު ވުމުންނެވެ.

އެކުއްޖާގެ އާއިލާ މީހުން ސިއްހީ ފަރުވާ ދޭ ބަޔަކަށް ގުޅައިގެން ގެނެސް އެކުއްޖާގެ ހާލަތު ބެލިއިރުވެސް އޮތީ މަރުވެފައެވެ. ކައިރީގައި އޮތް ސްމާޓް ފޯނު ގޮވުމުގެ ސަބަބުން އެކުއްޖާގެ ބޮލަށް ގިނަ ޒަހަމްތަކެއް ވަނީ ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން އެ އަންހެންކުއްޖާގެ އާއިލާއާ ގާތް ރައްޓެހިން ހިތާމަ ފާޅު ކުރަމުން އަންނައިރު، ގޮވާފައިވަނީ ކޮން ބްރޭންޑެއްގެ ފޯނެއް ކަމެއް މީޑިއާތަކުން ހާމައެއް ނުކުރެއެވެ.

"އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ. ތީ ހަމަ ބެސްޓް. އަހަރުމެން ކުޑައިރުންސުރެ އުޅުނީ އެއްކޮށް. ވަރަށް މިސްވޭ. ތި ދިޔައީ އަހަރެން އަބަދަށްވެސް ދޫކޮށްލާފައި" މަރުވި އަންހެން ކުއްޖާގެ އުމުރުން 15 އަހަރުގެ ބެސްޓްފްރެންޑް މީސްމީޑިއާގައި ލިޔުނެވެ.