ކޮލަމް

ކެޔޮނިރު ކޮލަމް: އައްޑޫގެ ތަރައްޤީ، އޮންޔޯމާރކް! ގެޓް ސެޓް! ރެޑީ! ގޯ!

މުހައްމަދު ބުޝްރީ

1

އައްޑޫސިޓީގައި ޓޫރިޒަމްގެ ބޭނުމަށް 4000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ދޫކުރަން އަންނަ އޮކްޓޯބަރު މަހު އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލުން މި އާދީއްތަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ. މިކަން އިއުލާން ކުރި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިކަމަކީ އައްޑޫ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައީސްގެ ވައުދާ އެއްގޮތަށް 8000 އެނދު އައްޑޫއަށް އިތުރު ކުރުން ކަމަށެވެ. ފުރަތަމަ 4000 އެންދު ނިމުމުން އަނެއް 4000 އެންދު އައްޑޫއަށް އިތުރުކުރުމުގެ މަސައްކަތް ފައްޓާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ މަހު މިކަން އިއުލާން ކުރުމުގެ ކުރީން ބިން ދޫކުރާނެ ސަރަހައްދުތަކާއި، ތަރައްގީކުރާނެ ކޮންސެޕްޓްތައް ކަނޑައަޅައި، އެސަރަހައްދު އޮންނާނެ ގޮތުގެ ލޭންޑްސްކޭޕް ޑިޒައިންކޮށް، އަދި ބީޗް ތަރައްގީ ކުރުމުގެ މަސައްކަތްވެސް މިހާރުން މިހާރަށް ފައްޓާނެކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ދަށުން އައްޑޫގެ ހަރަށަކުން ބިން ދޫކުރެވޭނެއެވެ. އަދި އެގޮތުން ދޫކުރެވޭނީ ގެސްޓްހައުސް އަޅަން 5000 އަކަފޫޓް އަދި ސިޓީ ހޮޓާ އަޅަން 10،000 އަކަފޫޓުގެ ބިމެވެ. ގެސްޓް ހައުސް އާއި ސިޓީ ހޮޓާ އެޅުމަށް ބިން ކަނޑައަޅާފައި ވަނީ މުޅިންވެސް ބީޗާއި ކައިރި ރީތި ސަރަހައްދުތަކުން ކަމަށް މޭޔަރ ވިދާޅުވިއެވެ.

މި ބިޑްތައް ކާމިޔާބު ކުރާ ފަރާތްތަކުގެ ތެރެއިން ކުދި، ލުއި ލޯނު ބޭނުންވާ ކުދި ވިޔަފާރިތަކަށް 2 ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކަށް ލޯނު ދޫކުރަން، ޖުމުލަ 80 މިލިއަން ރުފިޔާގެ ބަޖެޓެއް، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް، ކަނޑައަޅާފައިވާ ކަމަށް ވެސް މިބައްދަލުވުމުގައި އައްޑޫގެ މޭޔަރ މައުލޫމާތު ދެއްވިއެވެ.

އައްޑޫގެ ތަރައްޤީއަށް މި މުހިއްމު މަޝްރޫއު އިއުލާން ކުރެވުނު ދަނޑިވަޅުގައި، އައްޑޫގެ ތަރައްޤީގެ ކުރު ތަސައްވަރެއް މި ރިޕޯރޓްގެ ފަހުބައިގައި ބަޔާން ކުރާނަމެވެ. އެގޮތުން ތަފާތު 24 ކަމެއް ތަރައްޤީގެ މިލިސްޓުގައި ހިމެނިފައި ވާނެއެވެ:

1. ފުރަތަމަ ކަމަކީ އައްޑޫސިޓީގެ ހުރިހާ މަގެއްގައި ތާރު އަޅައި، ތާރުއެޅި ހުރިހާ މަގެއްގެ ޕާރކިންގް ޒޯން ތަކުގައި ހިޔާދޭ ބޮޑެތި ގަސް ޖެހުމެވެ. އައްޑޫސިޓީ އަކީ ދިވެހިރާއްޖޭގެ ބަގީޗާ ސިޓީއަށް ހަދާނެކަމަށް ރައީސް ސޯލިހުގެ ރިއާސީ ވައުދުތަކުގެތެރޭ ހިމެނިފައި ވިއަސް މިހާތަނަށް ސަރުކާރުގެ އެއްވެސް ފަރާތަކުން، ނުވަތަ ސިޓީ ކައުންސިލުންވެސް އައްޑޫގެ މަގުތައް ފިނިކޮށް، ތިމާވެށި ރީތި ކުރުމަށް ގަސްއިންދުމުގެ އެއްވެސް ވާހަކައެއް ދައްކާ އަޑެއް ނީވެއެވެ.

2. ދެވަނަ ކަމަކީ އައްޑޫގެ ޕާރކް ތަކާއި ހުސް ބިންތަކުގައި އަނބު، ޖަންބު، ޖަނބުރޯލު، ސައްކެޔޮ، ބަނބުކެޔޮ، ފޭރު، އަންނާރު، ކުންނާރު ފަދަ ހިޔާދޭ މޭވާ ގަސް އިންދުމެވެ. އައްޑޫ އަކީ މުޅި ރާއްޖޭގެ ނިސްބަތުންވެސް ބިންގަނޑު ރަނގަޅު، ހުސްބިން ގިނަ އަތޮޅެކެވެ. ހުރިހާ މަގެއްގައި ތާރު އަޅައި، މަގުތަކުގައި ހިޔާދޭ ބޮޑެތި ގަސް އިންދުމުގެ އިތުރުން ޕާރކް ތަކާއި ހުސް ބިންތަކުގައި ހިޔާދޭ މޭވާ ގަސް ހެއްދިއްޖެ ނަމަ އޭގެން ކައުންސިލަށާއި ރައްޔިތުންނަށް މާލީ ފައިދާ ތަކެއް ވެސް ކުރާނެއެވެ. އަދި ސިޓީގެ ތިމާވެށި ހިތްގައިމުވެފައި ފިނިވާނެއެވެ.

3. ތިންވަނަ ކަމަކީ ސިޓީގެ މައި މަގު ތަކުގެ ދެފަރާތުގައި، ދުވާރުމަތީގައި އަތުރާފައިވާ ބޮޑެތި ސިމެންތި މުށިތަކުގައި ބޯގަންވިލާ ގަސް އިންދައި "ބަގީޗާ ސިޓީ" ގެ ތީމަށް އައްޑޫ ތަރައްގީ ކުރުމެވެ. މިފަދަ އެތައް މުށިގަނޑު ތަކެއް ސިޓީ ކައުންސިލުން މިހާރުވެސް ގުދަން ކޮށްފައިވެސް އެބަހުއްޓެވެ. އެހެން ކަމުން އެމުށިތައް ނެރެ، މަގުތަކުގައި އަތުރާ، އެމުށިތަކުގައި ބޯގަންވިލާ ގަސް އިންދައި، ސިޓީގެ މާހައުލު އާރޯކޮށްލުމަކީ ވަރަށް ފަސޭހައިން، ހަރަދެއް ނުގޮސް ކުރެވިދާނެ ކަމެކެވެ. މި މުށި ތަކުގައި ބޯގަންވިލާ ހައްދައި، ގަސްކާނާ އަޅައި، ރަނގަޅަށް ފެންދީގެން ބެލެހެއްޓިއްޖެނަމަ ސިޓީގެ މައިމަގުތަކުގެ އެއްކޮޅުން އަނެއް ކޮޅަށް ބޯގަންވިލާ ހެދިފައި ހުންނަ އިރު ނުހަނު ރީތިވާނެއެވެ.

4. ހަތަރުވަނަ ކަމަކީ އައްޑޫގެ ރަސްމީ މާ ކަމުގައިވާ ފިނިފެންމާ މުޅި ސިޓީގައި އާލާކޮށް، ހުރިހާ ރަށެއްގެ ބަނދަރު ސަރަހައްދުގައި ބޮޑެތި، ހިޔާދޭ ގަސް ޖަހައި، އައްޑޫސިޓީއަކީ ހިތްފަސޭހަ، ފިނި، ޗާލު، ނަލަ، ބަގީޗާ ސިޓީ އަކަށް ހެދުމެވެ. މިއީ މާބޮޑު ހަރަދެއް ނުކޮށް ހަތް މެމަބަރުންނާއި ކައުންސިލާ ގުޅިގެން ކުރެވިދާނެ ކަމެކެވެ.

5. ފަސްވަނަ ކަމަކީ ހަންކެޑެ ބީޗް ސަރަހައްދު ދިވެހީންނަށް ހާއްސަ ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކޮށް، ބާބެކިއު އޭރިއާ، ޗޭންޖިންގް ރޫމް، ފާހާނާ، އޯޕަންއެއަރ ޝަވަރ، އަދި ކެފޭއެއްވެސް ހިމެނޭ ގޮތަށް ތަރައްޤީ ކުރުމެވެ. އަދި ހުޅުމީދޫ ސަރަހައްދުގައިވެސް ހަންކެޑެ ފަދަ ޕިކްނިކް-ބީޗް ސަރަހައްދެއް ތަރައްޤީ ކުރުމެވެ.

6. ހަވަނަ ކަމަކީ މަރަދޫ އާއި ހިތަދޫއާ ދެމެދު އެތަކެއް ދިވެހީން ނާއި، ވަޒީފާއަށްދާ މީހުންނާއި ފަތުރުވެރީން ސައިކަލާއި، ކާރާއި، ޕިކަޕާއި، ލޮރީއާއި، ބައިސިކަލް ފަދަ ތަކެތީގައި ދަތުރު ކުރާއިރު އެފަރާތަތަކަށް ހިދުމަތް ދިނުމަށް މަރަދޫ އާއި ހިތަދޫއާ ދެމެދު ލިންކް ރޯޑުގެ ތަފާތު ދެ ހިސާބެއްގައި ގާޑިޔާ-ކެފޭ، ފާހާނާ، ރެސްޓް އޭރިއާ އާއި ފިނިމައިޒާން ހިމެނޭ ގޮތަށް ދެސަރަހައްދެއް ހެދުމެވެ.

7. ހަތްވަނަ ކަމަކީ ސިޓީގެ ހުރިހާ ރަށެއްކަމުގައިވާ ހިތަދޫ، މަރަދު-ފޭދޫ އަދި ހުޅުމީދޫގެ ކަޅިބިއް ފަރާތު ބީޗު ދެމެހެއްޓެނިވި ގޮތެއްގައި ސާފުކޮށް ބޭއްވޭނެ އިންތިޒާމެއް ކައުންސިލައި ސަރުކާރާ ގުޅިގެން ހަމަޖައްސައި، ކަޅިބިއްފަރާތުގައި ގެސްޓް ހައުސް ހެދުމަށް ބާރުއަޅައި، ދިވެހީންނަށް ކަޅިބިއްފަރާތު ބީޗު ބޭނުންކުރެވޭނެ ގޮތް ފަހިކޮށްދީ، ކަޅިބިތުގެ އެކި ހިސާބުތަކުގައި ފިނި މައިޒާން ހަދައި، ގާޑިޔާތަކުގެ ވިޔަފާރި ކަޅިބިތަށް ގެނެސް ހިދުމަތްތައް ލިބޭނެ ގޮތްހެދުމެވެ. ބޭނުމަކީ އެސަރަހައްދުތަކުގައި މިހާރު އޮންނަ ފަޅުކަން ކަނޑުވާލައި، ރޭގަނޑު ވެސް އަދި ދުވާލު ގަޑީގައި ވެސް މީހުން ގިނަ، މުނި ފޫހި ފިލުވޭ، ލުއި ވިޔަފާރިތައް ހިނގާ ސަރަހައްދު ތަކަކަށް އައްޑޫގެ ރަށްރަށުގެ ކަޅިބިއްތައް ހެދުމެވެ. އަދި ހިތަދޫ، މަރަދޫ، ފޭދު އަދި ހުޅުމީދޫގައިވެސް ކަޅިބިއްފަރާތުގައި މޫދުގައި ޑެކް ޖަހައިގެން "ސަންސެޓް" ރެސްޓޯރެންޓް ހެދުމަކީވެސް ކުރެވިދާނެ ކަމެކެވެ.

8. އަށްވަނަ ކަމަކީ އައްޑޫގެ އެކި ރަށްރަށުގައި މިހާރު ހުރި، ވީރާނާ ވަމުންދާ ކުޑަކުދީންގެ ޕާރކްތައް މަރާމާތުކޮށް މިހާރަށްވުރެ ރަނގަޅަށް އެތަންތަން ބެލެހެއްޓޭނެ ގޮތް ހެދުމެވެ.

9. ނުވަވަނަ ކަމަކީ އައްޑޫ ސިޓީގެ ހުރިހާ ރަށެއް އެއްފަސް ކުރުމުގެ ގޮތުން ހިތަދޫން މީދޫއަށް ބްރިޖަކުން ގުޅާލާލުމެވެ. ދައުލަތުން ލޯލާރިއެއްވެސް ހަރަދު ނުކޮށް، ސިނަމާލެ ބްރިޖަށް ވުރެ ކުޑަ ބަޖެޓަކުން ހިތަދޫ-މީދޫ ބްރިޖް އެޅިދާނެއެވެ. އައްޑޫސިޓީގެ އެމް.ޑީ.ޕީ ހަތް މެމްބަރުންނާއި ކައުންސިލަރުން އެންމެ ބޮޑަށް ވަކާލާތު ކުރާންޖެހޭ އެއް ކަމަކީ ހިތަދޫ-މީދޫ ބްރިޖުގެ މަޝްރޫއެވެ. މިބްރިޖަކީ މައިގަނޑުގޮތެއްގައި ހިތަދޫ ފަޅުތެރެއިން، ފަރު މަތިން ބިން ހިއްކައިގެން އެޅޭނެ ބްރިޖެކެވެ. ކަނޑު ހުރަސްކޮށް ބްރިޖް އަޅަން ޖެހޭނީ ވަރަށް ކުޑަ ތަންކޮޅެއްގައެވެ. އެއީ ކަނޑިހެރަގެ ދެފަރާތުން އޮތް ދެ ކަނޑުއޮޅި މަތިން އެކަންޏެވެ. ބްރިޖްގެ އަނެއްބަޔަކީ ހަޤީގަތުގައި ބްރިޖެއް ނޫނެވެ. އެއީ ބިން ހިއްކައިގެން އަޅާ ހައިވޭ އެކެވެ.

10. ދިހަވަނަ ކަމަކީ ބްރިޖްގެ މިމަޝްރޫއާއި އެކުއެކީގައި މީދޫ އާއި ހިތަދޫގެ ފަޅުން ބިން ހިއްކައިގެން ކޮންޓެއިނަރ ބަނަދަރެއް ހަދައި، ހިއްކި ބިމުގައި ރިސޯރޓާއި ހޮޓެލް އަދި ގެސްޓް ހައުސް އާއި ތަފާތު ފެކްޓަރީތައް ހެދުމެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ބީލަމަށް ލައިގެން އަމިއްލަ ފަރާތެއް ލައްވައި ތަރައްޤީ ކުރެވިދާނެ މަޝްރޫއު ތަކެކެވެ. ދައުލަތުން މާބޮޑު ހަރަދެއް ނުގޮހެވެ. މިކަން ހަޤީގަތަކަށް ހެދުމަށްޓަކައި ހަތް މެމްބަރުންނާއި ކައުންސިލަރުން މިނިސްޓަރުން އަރިހަށް ގޮސް އާދޭސް ދަަންނަވައި، ރައީސް އަރިހަށް ގޮސް އާދޭސް ދަންނަވައި، އަދި ކަމާ ގުޅޭ އެހެނިހެން މުއައްސަސާތަކަށް ގޮސް އާދޭސްކޮށް، އަދި ބޭރުގެ އިންވެސްޓަރުން ގެނެސް ސަރުކާރާ ގުޅުވައިދީގެން ވިއަސް މިކަން ކުރުވަން ޖެހެއެވެ.

11. އެގާރަވަނަ ކަމަކީ އައްޑޫގެ ރަށްރަށުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމެވެ. މިތެއް ކިލޯމީޓަރެއް ނޫނެވެ. ހުރިހާ މަގެކެވެ. ހަންޏެއް ފުޅަލެއް ބެލުމެއްނެތި އައްޑޫސިޓީގެ ހުރިހާ މަގުތަކުގައި ތާރު އެޅުމަކީ ސަރުކާރާއި ސިޓީކައުންސިލާ ގުޅިގެން، ބޭރުގެ ކޮންޓްރެކްޓަރ ފައިނޭންސްވެސް ބޭނުންކޮށްގެން ކުރެވިދާނެ ކަމެކެވެ. އައްޑޫސިޓީގެ ގަމަކީ ރާއްޖޭގައި އެންމެ ފުރަތަމަ ތާރުއެޅި މަގުތައް ހުރި ރަށް ކަމަށްވެފައި އައްޑޫސިޓީގެ އެއްވެސް ރަށެއްގެ އެއްވެސް މަގަކީ ތާރުއެޅުމުގެ ތަރައްޤީން މަހްރޫމް ވާން ޖެހޭ މަގެއްނޫނެވެ.

12. ބާރަވަނަ ކަމަކީ އައްޑޫސިޓީގެ ވެރިކަން ކުރާ ރަށް ހިތަދޫގައި، މަދުވެގެން 2000 މިހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް ތަރައްޤީ ކުރުމެވެ. މި އިސްލާމީ މަރުކަޒުގައި އިސްލާމިކް ލައިބްރަރީ އަކާއި، ޤުރުއާނާ ބެހޭ މަރުކަޒެއްވެސް ހިމެނެން ޖެހެއެވެ. އަދި މާލޭގެ އިސްލާމީ މަރުކަޒުގައިވާ ފަދަ ކޮންފަރެންސް ހޯލެއްވެސް މިތަނުގައި އޮންނަން ޖެހެއެވެ.

13. ތޭރަވަނަ ކަމަކީ އަތޮޅުގެ ޒުވާނުން މަސްތުވާ ހިކި ތަކެއްޗާއި ދިޔާ ތަކެތިން ސަލާމަތްކޮށްދިނުމަށް ޓަކައި ޒަމާނީ ފެންވަރުގެ ރީހެބިލިޓޭޝަން ސެންޓަރެއް އައްޑޫސިޓީގައި ތަރައްޤީ ކުރުމެވެ. މި ރިހެބިލިޓޭޝަން ސެންޓަރ ވާންޖެހޭނީ ސަރަހައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭފަދަ ޒަމާނީ ވަސީލަތްތައް ހުރި ތަނަކަށެވެ. އަދި އެތަނުން ފަރުވާ ހޯދަން މާލޭސިޓީ އާއި ރާއްޖޭގެ އެހެން އަތޮޅުތަކުން މީހުން އަންނަ ވަރުގެ ފެންވަރު ރަނގަޅު ޑީޓޮކްސް ސެންޓަރަކަށެވެ.

14. ސާދަ ވަނަ ކަމަކީ އެއް އިމާރާތަކުން، ފަސޭހަ ކަމާއި އެކު، އައްޑޫގެ ރައްޔިތުންނަށް ހިދުމަތް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ދިހަބުރީގެ އުސް އޮފީސް އިމާރާތެއް އައްޑޫ ސިޓީ ކައުންސިލާ އިންވެގެން އޮތް ބިމުގައި ހަދައި ތަރައްޤީ ކުރުމެވެ. އައްޑޫގެ ތާރީހާ ގުޅުވައިގެން މި އޮފީސް އިމާރާތުގެ ނަމަކަށް "މާރނގަ" ވެސް ކިއިދާނެއެވެ!

15. ފަނަރަވަނަ ކަމަކީ އެއަރބަސް އޭ-380 ގެ ބިޔަ މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކޮށް، ކަނަޑަށް ޖައްސާ މަތިންދާ ބޯޓުގެ ސީޕްލޭން ބޭސް އެއް ގަމުގައި ތަރައްޤީކޮށް، އައްޑޫސިޓީ އާއި ފުވައްމުލަކާއި ހުވަދޫގެ ރިސޯރޓްތައް ސީޕްލޭން ވިއުގައަކުން ގުޅާލުމެވެ. މީގެ އިތުރުން ގަން އެއެއަރޕޯރޓްގައި ޒަމާނީ ފެންވަރުގެ އިންފްލައިޓް ކޭޓަރިންގެ ހިދުމަތްދޭނެ ތަނަކާއި އެއަރޕޯރޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް ހަދައި ދުވާލަކު މަދުވެގެން ބައިނަލްއަޤްވާމީ ޝެޑިއުލް ފަސް ފްލައިޓް ގަމަށް ޖެއްސޭވަރަށް ގަން ތަރައްޤީކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

16. ސޯޅަވަނަ ކަމަކީ ގަމުގައި ހަތަރު ތަރީގެ ފެންވަރުގެ ސިޓީ/އެއާރޕޯރޓް ހޮޓަލެއް ތަރައްޤީ ކުރުމެވެ. އަދި ބޮޑެތި ފަސިންޖަރު ލައިނަރ ގާތް ކުރެވޭ ވަރުގެ ކްރޫސް ޝިޕް ޓަރމިނަލެއް ގަމުގައި ހެދުމެވެ.

17. ސަތާރަވަނަ ކަމަކީ އަގުހެޔޮކޮށް ދަތުރުކުރާ "ބެކްޕެކާރސް" ފަތުރުވެރީންނަށާއި އެތެރޭގެ ލޯކަލް ޓޫރިޒަމަށް ޓާރގެޓްކޮށްގެން 3 ތަރީގެ ހޮޓަލެއްގެ ގޮތުގައި ގަމުގެ ދޫގެސް ތަރައްޤިކޮށް، އެތަން "ގޭން ބެކްޕެކާރސް މެރިނާ ހޮޓެލް"، މި ތީމަށް ތަރައްޤީ ކުރުމެވެ.

18. އަށާރަވަނަ ކަމަކީ މިހާރު ގަމުގައި ހިންގަމުން އަންނަ ފްލައިންގް ސްކޫލްގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އެއަރކްރާފްޓް އިންޖިނިއަރިންގް އެންޑް ޕައިލެޓް ޓްރެއިނިންގް ކޮލެޖެއް، ކެމްޕަސް އެކަމަޑޭޝަންއާއި އެކު، ގަމުގައި ތަރައްޤީ ކުރުމެވެ.

19. ނަވާރަވަނަ ކަމަކީ އައްޑޫ ސިޓީގެ ހިތަދޫއާއި މީދޫ ފަޅު ގުޅޭ ސަރަހައްދުގައި ބިންހިއްކައިގެން ތަރައްޤީ ކުރާ ސަރަހައްދުގައި ހެދޭ ކޮންޓެއިނަރ ބަނދަރު ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނަދަރަކަށް ކުރިމަގުގައި ބަދަލު ކުރުމެވެ. އައްޑޫ މިއޮތް ސަރަހައްދަކީ ގިނައަދަދަކަށް ބައިނަލްއަޤްވާމީ ކޮންޓެއިނަރ ބޯޓު ދަތުރުކުރާ ސަރަހައްދަކަށް ވުމުން މި ދެންނެވި ޓްރާންސްޝިޕްޕެންޓް ބަނދަރާ އިންވެގެން ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ހިދުމަތްދެވޭ ފެންވަރުގެ ޑްރައިޑޮކިން ނުވަތަ ބޯޓު އެހެލައިގެން މަރާމާތު ކުރެވޭ ތަނެއް ތަރައްޤީ ކުރުމަކީ ވެސް އައްޑޫ އާއި، މުޅި ދިވެހި ޤައުމުގެ އިގްތިސޯދީ ތަރައްޤީއަށް ނުހަނު މުހިއްމު ކަމެކެވެ.

20. ވިހިވަނަ ކަމަކީ އެމް.އާރ.އައި އަދި ސީ.ޓީ.ސްކޭން ފަދަ ޒަމާނީ މުހިއްމު ހިދުމަތްތަކާއި، ޒަމާނީ ޑެންޓަލް ހިދުމަތާއި، ކެންސަރު ބައްޔާއި ކީޑްނީބަލި އަދި ޑައިބެޓިކްސްގެ އެންމެ ޒަމާނީ ފަރުވާ އާއި ހަމުގެ ޒަމާނީ ފަރުވާ ފަދަ ހިދުމަތްތައް ހިމެނޭގޮތަށް އައްޑޫ ސިޓީގައި ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމެވެ. މިދެންނެވި ހޮސްޕިޓަލް ކަމުގައި ވެގެންދާނީ މިހާރު ކޮންވެންޝަން ސެންޓަރގައި ތަރައްގީ ކުރެވެމުންދާ ހޮސްޕިޓަލެވެ. މިތަނުގައި ޒަމާނީ ފެންވަރުގެ ޓްރޯމާ ސެންޓަރަކާއި ނަފުސާނީ ބަލިތަކަށް ފަރުވާދެވޭނެ ވަސީލަތްތަކާއި ޕެރަމެޑިކްސް އާއި އެކު ޒަމާނީ އެމްބިއުލޭންސްގެ ހިދުމަތް ލިބެން ހުންނަން ޖެހެއެވެ. ހަމަ އެފަދައިން ހިތަރޫ ރީޖަނަލް ހޮސްޕިޓަލް (އެޗް. އާރ.އެޗް) ޕްރައިވެޓައިޒްކޮށް އޭ.ޑީ.ކޭ ނުވަތަ ޓްރީޓޮޕް ނުވަތަ ފޭދޫ މެޑިކެއާރ ފަދަ އަމިއްލަ ކުންފުންޏަކުން ހިންގާ ގޮތަށް ދުކޮށްލުމަކީ ސިޓީގެ ސިއްހީ ދާއިރާއަށް އިންޤިލާބެއް ގެނުވާނެ ކަމެކެވެ.

20. ވިހިވަނަ ކަމަކީ ޒަމާނީ، ފުރިހަމަ ސްޕޯރޓްސް އެރީނާއެއް އައްޑޫސިޓީގައި ތަރައްޤީކުރުމެވެ. މި ސްޕޯރޓްސް އެރީނާގައި ޒަމާނީ ފެންވަރުގެ އެތުލެޓިކްސް ޓްރެކަކާއި ވޮލީ ކޯޓް، ބާސްކެޓް ކޯޓް، ޓެނިސް ކޯޓް ފަދަ ކޯޓް ތަކާއި، ފުޓްބޯޅަ ދަނޑު ފަދަ ދަނޑުތަކާއި، ޖިމް އާއި، ބޭރުގެ ފްޓްބޯޅަ ޓީމްތަކަށް ކޭމްޕް ކުރެވޭފަދަ އެކަމަޑޭޝަން އާއި ފެސިލިޓީސްތައް ހުންނާން ޖެހެއެވެ. އަދި ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި "ސްވިމިންގ ޕޫލް ކޮމްޕްލެކްސް" އެއް ވެސް މިތާގައި ހުރުން ވަރަށް މުހިއްމެވެ.

21. އެކާވީސް ވަނަ ކަމަކީ އައްޑުސީޓީގެ ފޭދޫގައި އޯޕަން އެއާ އެންޓަރޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއް ހިމެނޭގޮތަށް މުނިފޫހިފިލުވުމުގެ ސްޓޭޑިއަމްއެއް ހަދައި، ބޭރުގެ ޝޯތައްވެސް އަދި މާލޭގެ ފަންނާނުންގެ ޝޯތައްވެސް މިތާގައި ބޭއްވިގެން ދިއުމެވެ. އަދި މި އެންޓަރޓެއިންމެންޓް ސެންޓަރާ އިންވެގެން ސަރަހައްދީ ފެންވަރުގެ ޝޮޕިންގް މޯލެއް ބިނާ ކުރުމެވެ.

22. ބާވީސް ވަނަ ކަމަކީ ލޯކަލް ޓޫރިޒަމަށް ޓާރގެޓްކޮށް، ހާއްސަކޮށް އައްޑޫގެ ރައްޔިތުން އަދި އާއްމުކޮށް ދިވެހި ހުރިހާ ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް، "ދިވެހި ރިސޯރޓެއް" އައްޑޫގައި ތަރައްޤީ ކުރުމެވެ. އެތަން ވާން ޖެހޭނީ ދިވެހީންނާއި ބިދޭސީ ވޯރކްޕާރމިޓް ހޯލްޑަރުންނަށް ޗުއްޓީ ހޭދަ ކުރެވޭ ގޮތަށް އައްޑޫސިޓީގައި ދެތަރީގެ ފެންވަރަށް ހަދާ 50 ކޮޓަރީގެ "ދިވެހި ރިސޯރޓް" އަކަށެވެ. އެތަނުގައި ކެފޭ އަކާއި ރެސްޓޯރެންޓެއް އަދި ވޯޓަރ ސްޕޯރޓްސް އާއި ޑައިވިންގް ސެނެޓަރެއްވެސް ހުންނާންޖެހެއެވެ.

23. ތޭވީސްވަނަ ކަމަކީ އައްޑޫ ސިޓީއަށް މަދުވެގެން 8000 ޓޫރިސްޓް އެނދު ނުވަތަ 4000 ޓޫރިސްޓް ކޮޓަރި އިތުރު ކުރުމެވެ. އެމަޝްރޫއުގެތެރޭގައި ހެރެތެރޭގެ ދެކުނުން އެރަށާ އެއްފަޅެއްގައި އޮތް "މުލިކެޑެ" ގައި 300 ކޮޓަރީގެ ރިސޯރޓެއް ހެދުމާއި، މީދޫފަޅުން ހިއްކާ ބިމުގައި ހަދާ ރިސޯރޓް/ހޮޓެލް ފަދަ ތަންތަން ހިމެނެއެވެ. ރިސޯރޓް، ގެސްޓް ހައުސް، މެރިނާ ހޮޓެލް ފަދަ ތަންތަން ތަރައްޤީ ކޮށް އައްޑޫސިޓީ އަށް 4000 ޓޫރިސްޓް ކޮޓަރި އިތުރު ކުރަން ޖެހެނީ އައްޑޫގައި މިހާރު ހުރި ކަނޑިހެރެ، މުލިކެޑެ ފަދަ ރަށްތަކުގެ އިތުރުން ފަޅުން ބިން ހިއްކައިގެން ނެވެ. 4000 ކޮޓަރި އިތުރު ކުރުމުގެ ގޮތުން އައްޑޫސިޓީގެ މީހުން އުޅޭ ހުރިހާ ރަށެއްގައި "ޓޫރިޒަމް ޒޯން" ތަކެއް ކަނޑަ އަޅައި، އެޒޯން ތަކުގައި ވެލިއަޅައިގެން ބީޗް ހަދައި، ސިޓީހޮޓެލް، ގެސްޓް ހައުސް، މެރިނާ ފަދަ ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމް ކުރާނީ ގަމުގެ ވައިގެ ބަނދަރާއި ގަމުގައިވާ ސީޕްލޭން ބޭސް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ވާނެ ފަދަ ގޮތަކަށެވެ.

24. ސައުވީސް ވަނަ ކަމަކީ މާހެރެ، ކޯހެރެ، ދީރޮނޑި ފަދަ، ހިތަދޫ ފަޅުތެރޭގައިވާ ރަށްރަށް ލަކުޑި ފާލަންތަކަކުން ގުޅާލައި، ބެޓެރިން އޮޕަރޭޓްކުރާ ބަގީ ކާރުގައި އެރަށްތަކުގެ ދެމެދު ދަތުރުކުރެވޭގޮތަށް ހަދައި އެރަށްތަކަކީ އާދަޔާ ހިލާފު ތަފާތު ގެސްޓް ހައުސް ސަރަހައްގެއްގެ ގޮތުގައި ތަރައްޤި ކުރުމެވެ.

ރައީސުލް ޖުމްހޫރިއްޔާ އާއި މިނިސްޓަރުން އަރިހު އާދޭސް ދަންނަވައިގެން، އަދި މުއައްސަސާތަކުގެ ކުރިމަތީ ޓެންޓް ޖަހައިގެން ރޭކުރަން ޖެހުނަސް، މަތީގައިވާ ކަންތައްތަކަށް ބާރުއަޅައި އައްޑޫ ރައްޔިތުންނަށް ހައްޤު މިންވަރަށް އައްޑޫ ތަރައްޤި ކޮށްދިނުމަށް ބާރުއެޅުމަކީ އެމް.ޑީ.ޕީ އަށް ނިސްބަތްވާ އައްޑޫގެ މަޖުލިސް މެންބަރުންނާއި، އެމް.ޑީ.ޕީ އަށް ނިސްބަތްވާ އައްޑޫގެ ކައުންސިލަރުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަވަސްގޮތެއްގައި ކުރަންޖެހޭ ކަމެކެވެ.