ޚަބަރު

ކިނޮޅަހަށް ކުރިމަތިވެފައިވާ ދަތިތައް ނައިބު ރައީސްއާ ހިއްސާކުރައްވައިފި

ފަތޯނާ ފާއިޒު

ރ. ކިނޮޅަހަށް ކުރިމަތިވެފައިވާ ދަތިތައް އެރަށު ކައުންސިލަރުން ނައިބު ރައީސް ފައިސަލް ނަސީމްއާ ހިއްސާކުރައްވައިފިއެވެ.

އެރަށު ކައުންސިރުން ވަނީ މިއަދު ހެނދުނު ނައިބު ރައީސްއާ ބައްދަލުކުރައްވައި، ރަށަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާ ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ކިނޮޅަހަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތެރެއިން، އެރަށު ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އެ ރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމާއި، ހުއްޓިފައިވާ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކިނޮޅަހުގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި، ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ހާއްސަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ކިނޮޅަހު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކިނޮޅަހު ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސްއާ މަޝްވަރާ ކުރައްވައިފައެވެ.

އެގޮތުން ރަށުގެ ތަރައްގީއަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކައުންސިލަރުން ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ކިނޮޅަހުގެ މުއްސަނދި ތާރީހު ދައްކުވައިދޭ "އިބްނު ބަތޫތާ މަންޒިލް" ގެ ނަމުގައި ކުޑަކުދީންނަށް ހާއްސަ ޕާކެއް ހެދުމުގެ މަޝްރޫއާއި ރަށުގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ނައިބު ރައީސްއާ ހިއްސާ ކުރެއްވިއެވެ.