ކެންސަރު ބައްޔަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސަންޖޭ ސުދީރު ވިދާޅުވީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް މިއަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިންޑިއާއަށް ކުރެއްވި ދަތުރުގައިވެސް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.
އެހެންކަމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކެންސަރު ބަލީގެ ފަރުވާއަށް ހާއްސަ 100 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހޮސްޕިޓަލަކީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާނެ ޕްރޮޖެކްޓެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ދިވެހިން ބޭސްފަރުވާއަށް ބޮޑު ހަރަދެއް ކުރާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، މި ހޮސްޕިޓަލު އިމާރާތްކުރުމުން ކެންސަރު ބަލީގެ ފަރުވާއަށް ދިވެހިން ކުރާ ހޭދަ ބޮޑު އިންސައްތައަކުން ދަށަށް ދާނެ ކަމަށެވެ.
މީގެއިތުރުން އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް ބްރޭންޑެޑް ބޭސް ހެޔޮ އަގެއްގައި ގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެސްޓީއޯއާއި އިންޑިއާގެ "އަމްރިތާ" ހޮސްޕިޓަލާ ދެމެދު ގާއިމުކުރާ އެއްބަސްވުމުގެދަށުން ބްރޭންޑެޑް ބޭސް ހެޔޮ އަގެއްގައި ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.