ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ފުލުހަށް ހާޒިރުނުވާން، ރައީސް މައުމޫނު ފިއްލަވައިފިކަމަށް ޖާބިރު ތުހުމަތު ކޮށްފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނާ މައްސަލައިގައި، ފުލުހުން އޮފީހަށް ހާޒިރުވެވަޑައި ނުގަންނަވަންވެގެން، ރައީސް މައުމޫނު ފިއްލަވާފައިވާ ކަމަށް ޖާބިރު ތުހުމަތު ކުރައްވައިފިއެވެ.

ނިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި، ޖާބިރު އަތުން 29 މިލިއަން ރުފިޔާ ރައީސް މައުމޫން ނެންގެވުމަށްފަހު އެ ފައިސާ ރައްދު ކުރައްވާފައި ނުވާކަމަށް ބުނެ ޖާބިރު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅުއްވައިފައެވެ.

އަދި އެ މައްސަލައިގެ ބަޔާން ނެގުމަށް މިދިޔަ ހޯމަ ދުވަހުގެރޭ، ޖާބިރު ފުލުހުންނަށް ހާޒިރު ކުރި ނަމަވެސް، ފުލުހުންނަށް ބަޔާން ދެއްވުމަށް ޖާބިރު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

އެރޭ 8:00 އަށް ފުލުހުންގެ މައި އިދާރާއަށް ހާޒިރު ވުމަށްފަހު ޖާބިރު ވިދާޅުވީ، އޭނާ ބަޔާން ދެއްވާނީ ރައީސް މައުމޫންގެ ހާޒިރުގައި ކަމަށެވެ. އަދި ބަޔާން ދެއްވުމަށް ދެކޮޅު ހައްދަވައި ޖާބިރު އެތަނުން ނިކުންނަވައި ވަޑައިގެންނެވިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ދެއްކެވި ވާހަކައިގައި، ރައީސް މައުމޫނަށް އަމާޒު ކުރައްވައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅަކުވެސް މީހަކު އަތުން ފައިސާ ނެގުމަށްފަހު، ހެއްކެއް ނެތޭބުނެ ފައިސާ ނުދައްކައި ހުރުމަކީ ޓެކުމާއި ފޭރުމާއި ވައްކަން ކުރުން ކަމަށެވެ. އަދި ފުލުހުންނަށް ހާޒިރުވެ ވަޑައިނުގަތުމަށް ރައީސް މައުމޫނު ފިއްލެވުމަކީވެސް ޓެކުމާއި ފޭރުމާއި ވައްކަންކުރުމުގެ ހަރަކާތެއް ކަމަށްވެސް އޭނާ ވިދާލުވިއެވެ.

"ހެއްކެއް ނެތޭ ކިޔައިގެން އެ ލާރި ނުދީ ހުރެއްޖެއްޔާ އެ މައްސަލަ ބެލޭނެ، އެއަށް ކިޔަނީ ޓެކުމާއި، ފޭރުމާއި، ވައްކަން ކުރުން، ރައީސް މައުމޫނު ފިލާ ރައްކާވެއްޖެ މިހާރު، ފުލުސް އޮފީހަށް ހާޒިރު ނުވާން، އެވެސް ޓެކުމާއި ފޭރުމާއި ވައްކަން ކުރުން، އެއީ ޓެރަަރިޒަމްގެ ހަރަކާތެއް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ފައިސާ ހޯދަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މީހަކު ބުރަކޮށް މަސައްކަތް ކޮށްގެން ހޯދާ ފައިސާ ފޭރިގަނެ ހީލަތާއި މަކަރުން ދޯކާ ދިނުމަކީވެސް ޓެރަރިޒަމް ކަމަށް ޖާބިރު ތަކުރާރު ކުރެއްވިއެވެ.

"ނުލާހިކު ބުރަކޮށް މީހަކު މަސައްކަތް ކުރީމަ އެލާރި ފޭރިގަނެގެން، ވެރިކަމަށް ގެނެވުނީމަ އެމީހާއަށް މަކަރާއި ހީލަތް ހަދައި، ދޯކާ ދިނުމަށް ކިޔަނީ ޓެރަރިޒަމް، އެބައި މި ގާނޫނު (ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު) ގައި އިންނާނެތާ، މިއަދު ގާނޫނު ފާސްވުމުން އޮޕަރޭޝަނަށް އަންނާނެ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު ކުރައްވާތީ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ރައީސުންނަށް އިތުބާރު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.