ދިވެހި ޕްރިމިއާ ލީގު

ނިލަންދޫ އަތުން ފޯކައިދުއަށް މޮޅެއް، ދެ ޓީމަށް ވެސް ރަތެއް

އަލީ ރިފްޝާން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ފޯކައިދޫ ފުޓްބޯލް ކްލަބުން ނިލަންދޫ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނިލަންދޫ އަތުން ފޯކައިދޫ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ކުޅުނު ފުރަތަމަ ބުރުގެ މެޗުގައި ނިލަންދޫ އަތުން ފޯކައިދޫ ވަނީ ބަލިވެފައެވެ.

އެ މެޗުގެ 23 ވަނަ މިނެޓުގައި ފޯކައިދުއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން މުހައްމަދު ސެޑިކް ފޮނުވާލި ހަމަލާ، އަމާޒުވީ ނިލަނދޫ ގޯލުގެ ހުރަސް ދަނޑިއަށެވެ. ރީބައުންސް ބޯޅަ، ފޯކައިދޫގެ ކުޅުންތެރިންނަށް ލިބުމުގެ ކުރިން ނިލަންދޫގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ފޯކައިދޫން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ފޯކައިދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ގަމާލްއެވެ. ސެޑިކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖައިލަމް ބޮލުން ފޮނުވާލި ބޯޅަ ނިލަންދޫ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ނުކުތުމާއެކު ހަލީލް ގަމާލް ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު އެ ބޯޅަ ނިލަންދޫގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް ފޯކައިދުއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ހުސައިން ފަޒީލް ފޮނުވާލި ހަމަލާ، ނިލަންދޫގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނިލަންދޫން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހިލޭ ޖެހުމަކުން އަހްމަދު ސާޖިދު ދިން ބޯޅައަކުން ނިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ޑިފެންޑަރު ކިންގްސްލީއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނިލަންދޫގެ ބިދޭސީ ކުޅުންތެރިޔާ ޓޮޝިކީ އޮކަމޮޓޯއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޓޮޝިކީ ފޮނުވާލި ހަމަލާ ފޯކައިދޫގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް މަތަކުރި އިރު، މެޗުގެ 74 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ފޯކައިދޫން އަލުން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ފޯކައިދުއަށް އެ ޕެނަލްޓީ ލިބުނީ ނިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެޑިކަށް ކިންގްސްލީ ކުރި ފައުލަކާ ގުޅިގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، ފޯކައިދުއަށް ލީޑު ހޯދައިދިނީ ސެޑިކެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ނިލަންދޫގެ އަހްމަދު ސާޖިދާއި ފޯކައިދޫގެ މުހައްމަދު ޖައިލަމަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. ރެފްރީގެ އެ ނިންމުމާ ގުޅިގެން ދެ ޓީމުން ވެސް ނުރުހުން ފާޅުކުރިއެވެ.

ޕްރިމިއާ ލީގު ތާވަލުގައި ފޯކައިދޫ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ހަ ވަނައިގައެވެ. ނިލަންދޫ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގައެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ މާޒިޔާއެވެ. ކުޅުނު ނުވަ މެޗުން މާޒިޔާއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. ދެވަނައިގައި އޮތް ގްރީނާއި ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބު، އެއިން ކޮންމެ ޓީމަކަށް ވެސް ނުވަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ގްރީން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް އީގަލްސްއަށް ނުވަ މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް އަށް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.