އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަން (އޭބީބީއެފް)ގެ ނައިބު ރައީސްގެ މަގާމަށް ބޮޑީބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އައްބެ) އިންތިހާބުވެވަޑައިގެންފިއެވެ.
އިންޑޮނޭޝިއާގައި މިއަދު ކުރިއަށްދިޔަ އޭބީބީއެފްގެ އިލެކްޓޯރިއަލް ކޮންގްރެސްގައި ނައިބު ރައީސްގެ މަގާމަށް އިއްބެ އިންތިހާބުވެވަޑައިގެންނެވީ ހަތަރު އަހަރުގެ މުއްދަތަކަށެވެ. މީގެ ކުރިން އޭބީބީއެފްގެ އިސް މަގާމެއް ރާއްޖޭގެ މީހަކު ފުރައިފައެއް ނުވެއެވެ.
ފަހަކަށް އައިސް ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން ޓީމުން އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިއަހަރު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުން ވަނީ ފަސް މެޑެލް ހޯދައިފައެވެ.
ގައުމީ ބޮޑީބިލްޑިން ޓީމު މިހާރު ވާދަކުރަމުންދަނީ އިންޑޮނޭޝިއާގެ ބަތާމްގައި ކުރިއަށްދާ 53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައެވެ. މިދިޔަ ހުކުރު ދުވަހު ފެށި އެ މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެ މުބާރާތުގެ ކުރިން ބީބީއޭއެމް އިން ވަނީ ސަރުކާރުގެ އެހީގައި ގައުމީ ބޮޑީބިލްޑިން ޓީމަށް ބިދޭސީ ކޯޗެއް ވެސް ގެނެސްފައެވެ.
މިހާރު އިންޑޮނޭޝިއާގައި ކުރިއަށްދާ އެ މުބާރާތަށް ފަހު ގައުމީ ބޮޑީބިލްޑިން ޓީމު ދެން ވާދަކުރާނީ އަންނަ އަހަރު ރާއްޖޭގައި ބާއްވާ އޭޝިއަން ބޮޑީބިލްޑިން އެންޑް ޕިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައެވެ.