ލައިފް ސްޓައިލް

ދުނިޔޭގެ ހިތުގެ ދުވަސް: ދުޅަހެޔޮ ހިތެއްގެ ވެރިއަކަށް ވާނީ ކިހިނެއް؟

ފަތޯނާ ފާއިޒު

ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި އެންމެ ގިނަ މީހުން މަރުވާ އެއް ބައްޔަކީ ހިތުގެ ބަލިތަކެވެ.

އެގޮތުން 1990 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ހިތުގެ ބަލިތައް ޖެހޭ މިންވަރު 50 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ދިރާސާއަކުން ދައްކައެވެ. ހިތުގެ ބަލިތަކުން ރައްކާތެރިވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާއިރު، އެކަމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ޑިޕާޓްމެންޓް އޮފް ޕްރި ހޮސްޕިޓަލް ކެއާގެ ސީނިއަރ ޓްރެއިނަރު އަޝިޝް ޝަރްމާ އަދި މެޑިކަލް ޑިރެކްޓަރ އެންޑް ކޮންސަލްޓަންޓް، ޑރ.ސަންތޯޝް ދާތަރު ލަފާ ދެއްވާ ގޮތުގައި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުން ފަދަ ހިތުގެ މައްސަލަތަކުން ދުރުހެލިވުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވިދާނެ މުހިންމު ކަންތައްތަކެއް ހުރެއެވެ.

މި ލިޔުމުގައި މި ބަލާލަނީ ހިތުގެ ދުޅަހެޔޮ ކަމަށްޓަކައި ޑޮކްޓަރުންގެ އިރުޝާދުގެ އަލީގައި ކުރެވިދާނެ މުހިންމު ކަންތައްތަކަށެވެ.

ސިއްހީގޮތުން ފައިދާ ހުރި ކާނާ ކެއުން: މިއީ ވަރަށް މުހިންމު ކަމެކެވެ. ތިބާގެ ކެއުމުގައި ހިމަނާ ތަކެތީގައި ޕްރޮޓީން، ކާބޯހައިޑްރޭޓްސް، ވިޓަމިންސް އަދި މިނެރަލްސް ހިމެނުމަކީ ދުޅަހެޔޮ ހިތެއްގެ ވެރިއަކަށް ވާން ބޭނުންވާނަމަ، ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން މޭވާއާއި ތަރުކާރީއާއި، ގޮވާމުގެ ބާވަތްތަކާއި، އޮމެގާ-3 އެކުލެވޭ ކާނާ ޑައިޓުގައި ހިމެނުމާއި އެހާ ގިނައިން ލޮނު އަދި ރެޑްމީޓް ބޭނުން ނުކުރުމަށްވެސް ޑޮކްޓަރުން ލަފާ ދެއްވައެވެ. ލޮނު މާ ގިނައިން ބޭނުންކުރާނަމަ، ކޮލެސްޓްރޯލް އަދި ލޭގެ ޕްރެޝަރު މައްޗަށް ދެއެވެ. މިއީ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާނެ ކަމެކެވެ.

ގަވައިދުން ކަސްރަތު ކުރުން: ކަސްރަތަކީ ދުޅަހެޔޮ ސިއްހަތެއްގެ ތަޅުދަނޑިއެވެ. ކަސްރަތު ކުރުމުގެ ސަބަބުން ތިބާއަށް "ފިޓް"ހަށިގަނޑެއް ލިބުމުގެ އިތުރުންވެސް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދެއެވެ. އެގޮތުން ކަސްރަތު ކުރުމަކީ، ހަށިގަނޑުގައި ލޭ ދައުރުކުރުމަށް އެހީތެރިވެދީ، ކޮލެސްޓްރޯލާއި، ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެއް ކަމުގައި ޑޮކްޓަރުން ފާހަގަކުރައްވައެވެ.

އަރާމު ކުރުމާއެކު ރަނގަޅަށް ނިދުން: ހިތުގެ ބަލިތައް އެންމެ ގިނައިން ޖެހެނީ "ސްޓްރެސް"ވުމުން ކަމަށް ގިނަ ޑޮކްޓަރުންނާ ހަވާލާދީ ސިއްހީ ލިޔުންތަކުގައިވެއެެވެ. ކަސްރަތު ކުރުމަކީ ހާސްވެ ކަންބޮޑުވުން ދުރުކޮށްދީ، ތިބާއަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. އެހެންކަމުން ހިތުގެ ދުޅަހެޔޮ ކަމަށްޓަކައި ގަވައިދުން ކަސްރަތުކޮށް، ރަނގަޅަށް ނިދުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ހަކުރާއި ލޭ މެއިންޓެއިން ކުރުން: ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވުމަކީ ހަށިގަނޑަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ހަކުރު ގިނައިން ބޭނުން ކުރުމުން އެކަމުގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި ހަކުރު ބަލި ހުންނަ މީހުންނަށް އެކަންޏެއް ނޫނެވެ. އެއީ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެއް ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

މިދެންނެވި ކަންކަމުގެ އިތުރުންވެސް ހިތުގެ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާއި، ބަރުދަން އިތުރު ނަމަ، ބަރުދަން ލުއި ކުރުމާއި، ދަގަނޑުގެ މާއްދާ ލިއްބައިދޭ ކާނާ ކެއުމާއި، ފެޓްސް ހިމެނޭ ކާނާ ކެއުން މަދު ކުރުން ހިމެނެއެވެ.