ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

ކާމިޔާބު އަންހެނެއްގެ ފަހަތުގައި ތިބެނީ ކާމިޔާބު ގިނަ އަންހެނުންތަކެއް: ވިމްގެ ރައީސާ

ފަތޯނާ ފާއިޒު

ކާމިޔާބު ކޮންމެ އަންހެނެއްގެ ފަހަތުގައި، ކާމިޔާބު ގިނަ އަންހެނުންތަކެއް ތިބޭ ކަމަށް ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް(ވިމްއެމްވީ)ގެ ރައީސާ މިންހާ ފާއިޒު(މިންނު) ވިދާޅުވެއްޖެއެވެ.

ވިމްއަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ވިމްގެ ރައީސާ މިންނު ވިދާޅުވީ، ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނަ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެއް ކަމަށެވެ. އެހެންނަމަވެސް ޒަމާނަށް އައި ބަދަލުތަކާއެކު، ވިމްއިން މަސައްކަތް ކުރަނީ އެކަން ބަދަލުކޮށް، އަންހެނުންނަކީވެސް ކާމިޔާބު ބަޔަކަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރުމެންނަކީ (ވިމްއަކީ) ތިޔައިގެ ތެރެއިން ކޮންމެ އަންހެނަކަށް ކުރިއަށްދާން އެހީވާން ތިބި ކާމިޔާބު އަންހެނުންތަކެއް" މިންނު ވިދާޅުވިއެވެ.

މިންނު ވިދާޅުވީ ވިމްއަށް ދެ އަހަރު ފުރިފައިވާއިރު، އަންނަ އަހަރުވެސް ގިނަ ކަންތައްތަކެއް ހާސިލު ކުރުމަކީ އެއޯގަނައިޒޭޝަނުގެ އަމާޒެއް ކަމަށެވެ. އެގޮތުން، އަންހެނުންނަކީ ގައުމެއްގެ ތަރައްގީގައި ކިހާ މުހިންމު ހިއްސާއެއް އަދާކުރާ ބައެއްކަން ހާމަކޮށްދިނުމަށް ވިމްއިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ އަންހެނުން ތިބިކަން ފާހަގަކުރައްވައި މިންނު ވިދާޅުވީ، އެފަދަ އަންހެނުންނަށް ހާއްސަކޮށްގެން އާ ޕްރޮޖެކްޓެއް ވިމްއިން ފަށާނެ ކަމަށެވެ.

"ބީ ޔުއަރ އޯން އައިޑަލް"ގެ ނަމުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ އެ ޕްރޮޖެކްޓްގެ ދަށުން 10 ދުވަހުގެ ތެރޭގައި ފަސް ރަށަކަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިންހާ ވިދާޅުވީ އެ ދަތުރުތަކުގައި ބައިވެރިވާނީ އެކި ރޮނގުތަކުން ކުރިއަރާފައިވާ އަންހެނުންގެ ތެރެއިން މީގެ ކުރިން ވިމްއިން ދޭ އެވޯޑުތައް ހާސިލު ކުރި 20 އަންހެން ބޭފުޅުން ކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ގިނަ އަންހެން ވިޔަފާރިވެރިންތަކެއް ދިމާވެ، އެމީހުންގެ ތަޖުރިބާ ހިއްސާކުރުމުގެ މަގުފަހި ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިންނު އިތުރަށް ވިދާޅުވީ އެކި މަސައްކަތްތަކުގައި ކުރިއަރަމުން އަންނަ އަންހެނުންނަށް ދޭ އެވޯޑުތައް ކުރިއަށް އޮތްތަނުގައިވެސް ވިމްއިން ދޭނެ ކަމަށާއި، އެ އެވޯޑުތައް ދޭ ކެޓަގަރީތައް އިތުރު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. މީގެ އިތުރުން ވިމްއިން ބާއްވާ މަސައްކަތު ބައްދަލުވުންތައްވެސް އިތުރު ކުރާނެ ކަމަށް މިންނު ވިދާޅުވިއެވެ.

ވިމް އަކީ ގްލޯބަލް ވިމަން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮތްޕެވެ. ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންގެ ހުނަރު ތަރައްގީކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ބަޔަކަށް ހެދުމަށް ވިމް އިން މަސައްކަތް ކުރެއެވެ.