ސްޕެނިޝް ލަލީގާ

މެސީއާ ނުލައި، ބާސާ އިން ގެޓަފޭ ބަލިކޮށްފި

އަލީ ރިފްޝާން

އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި ކެޕްޓަން ލިއޮނެލް މެސީއާ ނުލައި، ސްޕެނިޝް ލަލީގާގައި ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އިއްޔެ ކުޅުނު އެ މެޗުގައި ގެޓަފޭ އަތުން ބާސާ މޮޅުވީ 0-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ބާސާއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ކާލެސް ޕެރޭޒް ފޮނުވާލި ހަމަލާ، ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ މަތަކުރި އިރު، މެޗުގެ 15 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ ގެޓަފޭގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އެ މެޗުގެ 41 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަމިއްލަ ހާފުގައި ހުރެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސުއަރޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގެޓަފޭގެ ގޯލްކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބާސާއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސުއަރޭޒް ފޮނުވާލި އެ ހަމަލާ ގެޓަފޭގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ތެރޭ ބާސާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޫނިއާ ފާޕޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެރޭޒް ފޮނުވާލި ހަމަލާއެއް، ގެޓަފޭގެ ކީޕަރު ސޮރިއާ މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ބާސާއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޕެރޭޒް ފޮނުވާލި ހަމަލާ ދިޔައީ ގެޓަފޭ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ބާސާގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލެންގްލެޓްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެން އެޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ. ނަމަވެސް ގެޓަފޭއަށް އޭގެ ފައިދާ ނެގިފައެއް ނުވެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސާ އޮތީ ލަލީގާގެ ތާވަލުގެ ހަތަރުވަނައިގައެވެ. ބާސާއަށް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ގްރެނޭޑާ އަދި ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް، އެއިން ކޮންމެ ޓީމަކަށް ވެސް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ގްރެނޭޑާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.