އިނގިރޭސި ޕްރިމިއާ ލީގު

ޝެފީލްޑް އަތުން ލިވަޕޫލަށް ހަނި މޮޅެއް

އަލީ ރިފްޝާން

މިސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ޝެފީލްޑް ޔުނައިޓެޑް އަތުން ހަނި ތަފާތަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ޕްރިމިއާ ލީގު މެޗުގައި ޝެފީލްޑް އަތުން ލިވަޕޫލް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއެކު އެންމެ ފަހުން ލިވަޕޫލް ކުޅުނު 23 ލީގު މެޗުން އެޓީމު ބަލިވެފައެއް ނުވެއެވެ. ފާއިތުވެދިޔަ 45 ލީގުގެ މެޗުގެ ތެރެއިން ލިވަޕޫލް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވަނީ ލިވަޕޫލްގެ ފޯވަޑް ސާޑިއޯ މާނޭއަށެވެ. މެޗުގެ 33 ވަނަ މިނެޓުގައި މާނޭއަށް ލިބުނު ހުސް ފުރުސަތަކުން އޭނާ ފޮނުވާލި ހަމަލާ ޝެފީލްޑްގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތަކުން މާނޭ ފޮނުވާލި ހަމަލާ އަމާޒުވީ ޝެފީލްޑް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޝެފީލްޑުން ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރަމުން ދަނިކޮށް، ލިވަޕޫލުން ވަނީ މެޗުގެ 70 ވަނަ މިނެޓުގައި ލީޑު ހޯދައިފައެވެ. ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލެންޑްސް މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޝެފީލްޑްގެ ގޯލްކީޕަރު ޑީން ހެންޑަސަންގެ އަތުން ބޯޅަ ދޫވެގެންނެވެ.

އޭގެ ހަތް މިނެޓު ފަހުން ވެސް ލިވަޕޫލަށް ލީޑު ހޯދުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލިވަޕޫލްގެ މިސްރު ފޯވަޑް މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ، ޝެފީލްޑްގެ ކީޕަރު ހެންޑަސަން ވަނީ މަތަކޮށްފައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާ އިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ 3-1ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖެސުސް އާއި ރިޔާދް މަހްރޭޒް އަދި ރަހީމް ސްޓާލިންއެވެ. އެވަޓަންގެ ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ކެލްވާޓް ލެވިންއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން ވަނީ 2-0ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ. ޗެލްސީން ކާމިޔާބުކުރި ދެ ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ޖޯޖިނިއޯ ލީޑު ހޯދައިދިން އިރު، ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިލިއަންއެވެ.

ރޭ ކުޅުނު މެޗުގައި ދިހަ ކުޅުންތެރިންނާއެކު ޓޮޓެންހަމް އިން ވަނީ 2-1ގެ ނަތީޖާއަކުން ސައުތުހެމްޓަން ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޓޮޓެންހަމް އިން ދިހަ ކުޅުންތެރިންނާއެކު ފުރިހަމަކުރަން ޖެހުނީ މެޗުގެ 31 ވަނަ ސާޖް އޮރިއޭއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އެ މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޓެންހުއީ އެންޑޮމްބެލޭ އާއި ހެރީ ކޭންއެވެ. އަދި ސައުތުހެމްޓަންގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އިންގްސްއެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ސިޓީއަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ވެސްޓް ހޭމްގެ ފަހަތުގައި އޮތް ހަ ޓީމަކަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. އޭގެ ތެރޭގައި ޗެލްސީ އާއި ޓޮޓެންހަމް އަދި އާސެނަލް ހިމެނެއެވެ.