ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

ވިމެން އިން މެނޭޖުމެންޓް މޯލްޑިވްސްގެ ދެވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ވިމެން އިން މެނޭޖުމެންޓް މޯލްޑިވްސް (ވިމް)ގެ ދެވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފިއެވެ.

މިއަދު ހަވީރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސެއިން އާއި ޑެޕިއުޓީ މިނިސްޓަރު ފާތިމަތި އުމްނާ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.

ވިމްގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވަނީ ވިމްގެ އާ ޕްރޮޖެކްޓް ''ބްލޫމް އެންޑް ބްލޯސަމް'' ތައާރަފުކޮށްފައެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވިމްގެ ރައީސާ މިންހާ ފާއިޒު (މިންނު) ވަނީ އަންނަ އަހަރު ވިމް އިން ކުރަން ނިންމާފައިވާ މަސައްކަތްތައް ތައާރަފުކޮށްދީފައެވެ. އެގޮތުން "ބްލޫމް އެންޑް ބްލޮސޮމް" ޕްރޮޖެކްޓްގެ އިތުރުން "ބީ ޔޯ އޯން އައިޑަލް" ޕްރޮޖެކްޓެއް ވިމް އިން އަންނަ އަހަރު ކުރިއަށްގެންދާނެ ކަމަށް މިންނު ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު އަންހެނުންގެ ދުވަހާ ދިމާކޮށް ވިމް އިން ބާއްވާ ވިމެންސް ޑޭ ރަން އާއި ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމެން އެވޯޑު ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން މިންނު ފާހަގަކުރިއެވެ. 

ވިމްގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރީ ވިމްގެ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑް 2018 އަދި 2019ގެ އެވޯޑު ލިބިފައިވާ ފަރާތްތަކެއްގެ ޕެނަލަކާވެސް އެކުގައެވެ.

"ޓުވޯޑްސް ސަކްސެސްފުލް ޖާނީ" ގެ ނަމުގައި ބޭއްވި މި ޕެނަލްގައި ވިމްގެ ޗެއާޕާސަން ޑރ. ސުލޯޗަނާ ސެގެރާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޕެނަލް މޮޑެރޭޓްކޮށްދެއްވީ ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރ އިބްރާހީމް ނަސްރީންއެވެ. ޕެނަލްގައި ބައިވެރިވި ވިމްގެ އެވޯޑް ލިބިފައިވާ ފަރާތްތަކުން ވަނީ އެމީހުން މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތަކާއި އެކަންކަމުން އަރައިގަތް ގޮތް ހިއްސާކޮށްފައެވެ. އަދި ކާމިޔާބީއާ ހަމައަށް އެމީހުން ވާސިލްވި ގޮތްތައްވެސް ވަނީ ހިއްސާކޮށްފައެވެ.

ވިމްގެ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑް 2018 އަދި 2019 ވަނަ އަހަރު ހާސިލުކޮށްފައިވާ ފަރާތްތަކުގެ އިތުރުން ވިމް އަށް އެކި ގޮތްގޮތުން އެހީތެރިވެވަޑައިގެންނެވި ބޭފުޅުން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ވިމް އަކީ ގްލޯބަލް ވިމަން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮތްޕެވެ. ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންގެ ހުނަރު ތަރައްގީކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ބަޔަކަށް ހެދުމަށް ވިމް އިން މަސައްކަތް ކުރެއެވެ.