ޓެކްނޮލޮޖީ

އައިފޯނުގެ ފަހަތުގައި އިންނަ އެޕަލް ލޯގޯ، ނޮޓިފިކޭޝަން ލައިޓަކަށް؟

އައިފޯންގެ ފަހަތުގައި އިންނަ އެޕަލް ކުންފުނީގެ ލޯގޯ ޖަހާފައި ހުންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެހެން ފޯނު ކުންފުނިތަކުގެ ލޯގޯއާ އަޅާބަލާއިރު، އެޕަލްގެ ލޯގޯގައި ރީތިކަމެއް ހުރި ނަމަވެސް، އޭގެ މާ ބޮޑު ބޭނުމެއް ނެތެވެ. ނަމަވެސް އެކަން ވަރަށް އަވަހަށް ބަދަލުވެދާނެއެވެ.

އެޕަލް ކުންފުނިން އެދިފައިވާ ހުއްދައެއްގައިވާ ގޮތުން، ނޮޓިފިކޭޝަން ލައިޓެއްގެ ގޮތުގައި އައިފޯންގެ ފަހަތުގައި އިންނަ އެޕަލް ކުންފުނީގެ ލޯގޯ ވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ޔޫއެސް ޕެޓެންޓް އެންޑް ޓްރޭޑްމާކް އޮފީހުން އާންމުކުރި އެޕަލް ކުންފުނީގެ ހުއްދާގައިވާ ގޮތުން އެ ކުންފުނިން އެދިފައިވަނީ "އިލެކްޓްރޯނިކް ޑިވައިސެސް ވިތް އެޖެސްޓަބަލް ޑެކަރޭޝަން" އަކަށެވެ.

މީގެން ސިފަކޮށްދެނީ، ފޯނަށް އަންނަ ފޯން ކޯލެއް ނުވަތަ މެސެޖެއް ނުވަތަ އެކަހަލަ މުވާސަލާތީ ސިގްނަލްތައް މީހާގެ ސަމާލުކަމަށް ގެންނަން ފޯނުގެ ފަހަތުގެ ކުލަ ބަދަލުވުން ނުވަތަ ލައިޓް ފްލޭޝް ކޮށްލުމެވެ.

ނަމަވެސް މިއީ މުޅިން އާ ހިޔާލެއް ނޫނެވެ. މިދިޔަ އަހަރު ނުކުތް ރޭޒަރު ފޯން 2 އަދި މޮޓޮރޯލާ ވަން ޒޫމްގެ ފަހަތުގައި ހިމެނޭ މޮޓޮރޯލާ ލޯގޯ ނޮޓިފިކޭޝަން ލައިޓެއްގެ ގޮތުގައި ބޭނުންކުރެއެވެ.

އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް ނޮޓިފިކޭޝަނެއް އަތުވެއްޖެނަމަ ޑިވައިސްގެ ކޮންމެވެސް ހިސާބެއްގައި ހިމެނޭ ކުޑަ ލައިޓެއް ފްލޭޝް ނުވަތަ އެހެން ލައިޓަކުން ދިއްލާދެއެވެ.

އެހެންކަމުން މިއީ މާ ބޮޑު ފީޗާއެއް ނޫން ނަމަވެސް، މިއީ އައިފޯން ގެންގުޅޭ މީހުންނަށް ބޭނުންތެރި ފީޗާއަކަށް ވެދާނެއެވެ. އެއީ ފޯނު ބަންޑުން ބާވާފައި އޮންނައިރު މުހިންމު އެއްޗެއް މިސްވުން މަދުވާނެތީއެވެ.

އެޕަލްގެ ހުއްދާގައި ވަރަށް ގިނައިން "ސެލިއުލާ ޓެލެފޯން" ބޭނުންކޮށްފައި ހުރުމުން އެޕަލް އިން ކުރިއަށް ނެރޭ ފޯންތަކުގައި މި އާ ފީޗާ ހިމެނޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެގޮތުން 2015 ވަނަ އަހަރާ ހަމައަށް އެޕަލްގެ މެކްބުކް ހުޅުވާލުމުން އޭގެ ބޭރުގައި އިންނަ ލޯގޯ ދިއްލޭގޮތަށް އެޕަލް ފޯނުގެ ބޭރުގައި އިންނަ ލޯގޯ ދިއްލުމަކީ ވެސް ގާތް ކަމެކެވެ.

ނަމަވެސް އެޕަލް އިންސައިޑާގައި ބުނާގޮތުން، އެޕަލްގެ ހުއްދާގައި "އިލުސްޓްރޭޓިވް އިލެކްޓްރޯނިކް ޑިވައިސަސް"ގެ ގޮތުގައި ލެޕްޓޮޕަކާއި ޓެބްލެޓެއް އަދި ބެލެވޭ ގޮތުގައި އައިމެކެއްގެ ފޮޓޯ ވެސް ހިމަނާފައިވެއެވެ.