ދިވެހި ޕްރިމިއާ ލީގު

ވިކްޓަރީ ބަލިކޮށް، ޓީސީން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި

އަލީ ރިފްޝާން

ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީ އަތުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

ނޭޕާލުގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ވިކްޓަރީގެ ފަސް ކުޅުންތެރިޔަކު ހިމެނިފައިވުމުން އެޓީމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ އިތުރުން ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް ވެސް ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދީފައެވެ.

ފުރަތަމަ ބުރުގައި ވިކްޓަރީން ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗަށް ކުޅުންތެރިން ހާޒިރުނުވުމުން އެ މެޗު ގްރީނަށް ވަނީ ލިބިފައެވެ. އަދި އެންމެ ފަހުން ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ވިކްޓަރީން ނުކުތީ 11 ކުޅުންތެރިންނާއެކުއެވެ. ނިލަންދޫ އަތުން 6-0ގެ ނަތީޖާއަކުން ބަލިވި އެ މެޗުގައި ވިކްޓަރީގެ ބެންޗުގައި އެއްވެސް ކުޅުންތެރިޔަކު ނެތެވެ. ވިކްޓަރީން ޓީމު ހަމަކުރީ ބަދަލު ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ޖަހައިގެންނެވެ.

މިއަދު ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވިކްޓަރީގެ ބެންޗުން ފެނިގެންދިޔައީ ދެ ބަދަލު ކީޕަރުންނެވެ. ވިކްޓަރީން ގެނައި ހަމައެކަނި ބަދަލަކީ ވެސް ދެވަނަ ހާފުގައި އެއް ނަމްބަރު ކީޕަރު އަހްމަދު ހުސްނީގެ ބަދަލުގައި ކީޕަރު އަހްމަދު ރަމީޒް ކުޅެން ނެރުމެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ނިޝާމް މުހައްމަދު ރަޝީދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ނޭޕާލް ފޯވަޑް ބިމާލް ގާތީ މަގަރްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ވިކްޓަރީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ވެސް ޓީސީއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ނިޝާމް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިބްރާހިމް ސަފްރާޒް ފޮނުވާލި ހަމަލާ، ވިކްޓަރީގެ ކީޕަރު އަހްމަދު ހުސްނީ ވަނީ މަތަކޮށްފައެވެ. އަދި މެޗުގެ 44 ވަނަ މިނެޓުގައި އަކްރަމް އަބްދުލްޤަނީ (އަކޫ) ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ބިމާލް ފޮނުވާލި ބާރު ހަމަލާ ވެސް ވިކްޓަރީގެ ކީޕަރު ހުސްނީ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އިޝާން އިބްރާހިމް (ސައްޓު) ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަކޫއެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އަކޫ ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސައްޓުއެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ޓީސީން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. މުހައްމަދު އައްޒާމް ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސައްޓުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ދެވަނައަށް ޖެހިލި ޓީސީއަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ގްރީނަށް އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ކްލަބު އީގަލްސް އާއި ފަސްވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް، އެއިން ކޮންމެ ޓީމަކަށް ވެސް އަށް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. އީގަލްސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

މިއަދު ޓީސީ އަތުން ބަލިވި ވިކްޓަރީއަށް ޕޮއިންޓެއް ނުލިބި، އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ. ވިކްޓަރީ ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައިވާ އިރު، އެޓީމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރީނާއި އީގަލްސްއެވެ.