މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 42

އަބްދުﷲ ފާރޫގް ހަސަން

1

(24 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ބޭސްވެރި ކަމާއި އާއްމު ސިއްހަތު

ދިވެހިރާއްޖޭގެ އެހެނިހެން ރަށްރަށެކޭވެސް އެއްފަދައިން މަލިކުގައިވެސް ބަލިމީހުންނަށް ފަރުވާދިނުމުގެ ވަސީލަތަކަށް ކުރީގައި ބޭނުންކުރީ ދިވެހިބޭހާއި ފަންޑިތައެވެ. މަލިކުމީހުންނަކީ ދިވެހީންނެވެ. އެހެންކަމުން މަލިކު ދިވެހީންނަކީވެސް ހަށިތައް ކުދި ބަޔެކެވެ. ޢާންމު ޞިއްޙީ ޙާލަތު ރާއްޖޭގެ އެހެނިހެން ރަށްރަށެކޭ އެއްވެސް ތަފާތެއް ނެތެވެ.

ކުރީޒަމާނުގައި މަލިކުގައި އެންމެ ގިނައީ ބޭރަށް ހިންގުމާއި (ކޮލެރާ) ޖުޒާމުބައްޔާއި ފައިފަލަބައްޔެވެ. މިއީ ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައިވެސް ކަންހުރި ގޮތެވެ. މަލިކުމީހުންނަކީ ދަތުރުފަތުރުކުރުން ގިނަ (ޚާއްޞަކޮށް ދިގުކަރަ (އިންޑިޔާ) އާ ގުޅުންބޮޑު ބަޔަކަށް ވުމާއެކު ރާއްޖޭގެ އެހެނިހެން ރަށްރަށަށްވުރެ މަލިކުމީހުންނަށް ކަށިވިދުރި ޖެހުން ގިނައެވެ. ނަމަވެސް މަލިކުމީހުންގެ ތެރެއިންވެސް ކަށިވިދުރި ޖެހެނީ ބޭރުކަރަކަރަޔަށް ގޮސްއުޅޭ މީހުންނަށެވެ. އެއީ ރަށުގައި ޢާންމުކޮށް އުޅޭ ބައްޔެއް ނޫނެވެ.

މަލިކުމީހުންގެ ތެރެއިން ކަށިވިދުރި ޖެހޭ މީހުން ބައިތިއްބަނީ މަލިކު ފަޅުތެރޭގައި އޮންނަ ފަޅުރަށެއް ކަމުގައިވާ "ވިރިނގިލީ" (ވިލިނގިލީ) ގައެވެ.

ރާއްޖޭގެ އެހެނިހެން ރަށްރަށެކޭ އެއްގޮތަށް މަލިކުގައިވެސް ޖުޒާމްބަލި ޖެހޭ މީހުން އެހެން މީހުނާ ވަކިކުރިއެވެ. މަލިކުގައި ޖުޒާމްބަލީގެ މީހުން ބައިތިއްބާ އުޅުނީ ޢާންމުކޮށް މީހުން އުޅޭ ހިސާބާ ވަރަށް ދުރުގައި ރަށުގެ އުތުރުކޮޅުގައެވެ. ރަށުގެ އުތުރުކޮޅަށް މަލިކުމީހުން ކިޔަނީ ކޯޑިކޮޅެވެ. ޖުޒާމްބައްޔަށް އެމީހުން ކިޔަނީ ކޯޑިބަލި ކަމުގައި ވާތީއެވެ.

މަލިކުގެ ޖުޒާމްބަލީގެ މީހުންގެ މަރުކަޒަކީ ކޯޑިކޮޅު ކަމުގައި ހަމަޖެއްސުނު ދުވަސްވަރެއް ކަނޑައެޅިގެން އެނގޭކަށެއް ނެތެވެ. ނަމަވެސް މިކަން ވަރަށް ކުރީއްސުރެ ހިނގަމުން އަންނަކަން އެނގެއެވެ. އެރަށުގައި މިކަން ކުރާގޮތަކީ ޖުޒާމްބަލި ޖެހިފައިވާ މީހެއްކަމަށް ޝައްކު ކުރެވިއްޖެނަމަ ކަތީބުގެ ކުރިމައްޗަށް ޙާޟިރުކޮށް ގައިންގަޔަށް އަރާވަރުވޭތޯ ބެލުމަށްފަހު ގައިންގަޔަށް އަރާވަރު ވާނަމަ ކޯޑިކޮޅަށް ފޮނުވަނީއެވެ. އެއަށްފަހު އެމީހަކަށް ޖިފުޓިއެއް ޖަހައިދެއެވެ. ދެން އެމީހަކު ދިރިހުންނަނީ ގާތްތިމާގެ މީހުން އެކި މުއްދަތުގައި ގެންގޮސް ދުރުގައި ބަހައްޓާ ކާބޯތަކެއްޗާއި ބޯފެން ބޭނުންކޮށްގެންނެވެ. ކޯޑިކޮޅުގައި ތިބޭ މީހުންގެ ޢަދަދު ގިނަވުމުން އެތަން ވަކި އަވަށަކަށް ބަދަލުވިއެވެ. 1912 ވަނަ އަހަރުން ފެށިގެންވެސް އެއަވަށުގެ ކަންތައް ހިންގަނީ ސަރުކާރުންނެވެ. ނަމަވެސް އޭރަކު ބަލިމީހުންނަށް ފަރުވާއެއް ނުކުރެވެއެވެ. އެހާތަނުން ފެށިގެން ބަލިމީހުންނަށް ކާބޯތަކެއްޗާއި އުނުފޭރާމާއި މިފަދަ އެހެން ބާވަތްތައް ސަރުކާރުން ދެއެވެ. މީގެ އިތުރަށް ރެޑްކްރޮސްގެ ފަރާތުން ރަޖައާއި އެހެންތަކެތި ދެއެވެ. 1926 ގައި މަލިކަށް ޑޮކްޓަރަކު ހަމަޖެހުމުން ކޯޑިއަވަށުގެ ކަންތައްވެސް ވަނީ އޭނާގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ކުޑަކޮށް ފަރުވާކުރަންވެސް ފެށުނެވެ.

ކޯޑިކޮޅުގެ ކޮންމެ ބަލިމީހަކުވެސް ހުންނަނީ ވަކި ގެއެއްގައެވެ. އެތަންތަން ހަދައިދެނީ އެމީހުންގެ ގާތްމީހުންނެވެ. އެގެތައް ސާފުތާހިރުމެއެވެ. އެއަވަށުގެ ގެތަކުގެ ޢަދަދު 49 އަށް އެރިކަމަށްވެއެވެ. އެތާނގައި އޮފީސްބަޔަކާއި ގުދަނެއްވެސް ހެދުނެވެ. އަންހެނުންނަށް ޚާއްޞަ މިސްކިތަކާއި ފިރިހެނުންނަށް ޚާއްޞަ މިސްކިތެއް ޢިމާރާތް ކުރެވުނެވެ. މިސްކިތްތައް ހުރީ ރާނާފައެވެ. އަޅުގަނޑުމެން މަލިކަށް ދިޔައިރުވެސް އެދެމިސްކިތުގެ ގާގަނޑު ހުއްޓެވެ.

ފަހަކަށް އައިސް ބަލިމީހުންނަށް ބޭސްފަރުވާދިނީ މަލިކު ހޮސްޕިޓަލުގެ ޑޮކްޓަރ އެއަވަށަށް ގޮހެވެ. މީނާ ޒިޔާރަތް ކުރައްވަނީ ހަފްތާއަކު އެއްފަހަރުއެވެ. ޞިއްޙަތާބެހޭ އިންސްޕެކްޓަރވެސް ބަލިމީހުންނަށް ޒިޔާރަތް ކުރައްވައެވެ. ކައްކަނީ ބަލިމީހުން އަމިއްލައަށެވެ. ބޭނުންވާ އާދައިގެ ބޭސް ލިބެން ހުރެއެވެ. މަސްވެރިކަން ކުރާ އުޅަނދުފަހަރުވެސް ގެންގުޅުނެވެ.

(ނުނިމޭ)