ކޮލަމް

ކެޔޮނިރު ކޮލަމް: ދިވެހި ޓޫރިޒަމް އިންޑަސްޓްރީ ދިވެހިންގެ އެއްޗަކަށް ހެދުން

މުހައްމަދު ބުޝްރީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް އިއްޔެ ފާހަގަ ކުރެވިގެންދިޔައިރު ވަރަށް ގިނަ ބޭފުޅުން ވަރަށް ގިނަ ސުރުހީ އަޅުއްވައިފިއެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެޅުއްވި ސުރުހީއަކީ ޕްލާސްޓިކާ ދުރުވާން އެމަނިކުފާނުގެ ވުޒާރާއިން ކުރި މަސައްކަތްތަކުގައި މުވައްޒަފުން މިނިސްޓްރީގައި ހަފުތާއެއް ވަންދެން ފެން ނުބޮއެ އުޅެންޖެހުނު ވާހަކައެވެ. ޕްލާސްޓިކާ ދުރުވާން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ތަކަކީ ތައުރީފު ހައްޤު މަސައްކަތްތަކެކެވެ. މިމަސައްކަތް މިހާރަށްވުރެވެސް ވަރުގަދަކޮށް، ލަނޑުދަނޑިއަކަށް ވާން ޖެހެނީ، ދިވެހި ރާއްޖެއަކީ 100 ޕަސެންޓް ޕަލާސްޓިކް ފްރީ ޤައުމަކަށް ހެދުމެވެ.

ފަތުރުވެރިކަމުގެ ދުވަހުގައި އެކި ބޭފުޅުން އެޅުއްވި ސުރުހީތަކުގެ ތެރެއިން، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ސުރުހީއެއް އެޅުއްވިއެވެ. ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރީ، ދިވެހިންގެ ހިނިތުންވުމާއި ދިވެހިންގެ މެހެމާންދާރީގެ ސަބަބުން ކަމަށެވެ. ތެދުފުޅަކަށް ވެދާނެއެވެ. ނަމަވެސް ދިވެހިބަސް ނޭނގޭ މުސްކުޅި ޓޫރިސްޓުން ކުރިމަތީ އެމީހުންނަށް ވަނަމަކަށް "މުސްކުޅި ބެއްޔާ" އޭ ކިޔާފަ ހިނިގަނޑެއް ޖަހާލުމަކީ އަދި މެހެމާންދާރީގެ ހިނިތުންވުމެއްވެސް ނޫނެވެ. އަދި ރެއަކަށް ދެހާސް ޑޮލަރަށް ވިއްކާ ކޮޓަރި ހުންނަ ރިސޯޓުގައި ލިބޭ ހަމައެކަނި ހިދުމަތަކީ މޫދާއި، ބީޗާއި، ސްޕާ އާއި، ވޯޓަރ ސްޕޯރޓްސް ކަމުގައި ވާނަމަ އެހެން ޤައުމުތަކުން ނިކަން އަވަހަށް ދިވެހި ވައްތަރުގެ ޓޫރިޒަމް ދަސްކޮށް، ކޮޕީކޮށްފާނެކަންވެސް ދަންނަން ޖެހެއެވެ.

ރާއްޖޭގައި އާރިސޯޓެއް ހުޅުވުމުން އެހަބަރު ނޫހުގައި ޖަހާއިރު އާރިސޯޓްގެ ތައާރަފުގައި އަބަދުކަހަލަ ގޮތަކަށް އޮންނާނީ އެއްވާހަކަ އެކެވެ. އެރިސޯޓުން ދުނިޔޭގެ އެކި ޤައުމުތަކުގެ ކެއުން ލިބޭ ތަފާތު ރެސްޓޯރެންޓް ހުންނާނެ ވާހަކަ އާއި، ވޯޓަރ ސްޕޯރޓްސް އާއި ސްޕާ ހުންނާނެ ވާހަކައެވެ. އަދި، މޫދު ކޮޓަރި ހުންނާނެ ވާހަކައެވެ. އެނިމުނީ އެވެ. ދިވެހިރާއްޖޭގެ ޓުރިޒަމަށް ބައި ޤަރުނު ފުރެން ކައިރި ވެފައި ވާއިރު ރިސޯޓްތަކުގެ ކޮންސެޕްޓް ބަދަލު ވަނީ ވަރަށް މަޑު ދުވެލީގައެވެ. މިއަށްވުރެ ހަލުވިކަމާއި އެކު ދިވެހި ޓޫރިޒަމް ރީބްރޭންޑް ކުރަން އެބަޖެހެއެވެ. ދިވެހި ޓޫރިޒަމްގެ މައިގަނޑު ޕްރޮޑަކްޓަކީ ސާފު މޫދާއި ބީޗް އަދި މޫދު ކޮޓަރިއާއި ވޯޓަރ ސްޕޯރޓްސް ކަން ޔަޤީނެވެ. މި ޕްރޮޑަކްޓް ހިމެނޭގޮތަށް އާކަންކަން ތައާރަފު ކޮށް، ރީބްރޭންޑް ނުކުރާނަމަ ދުވަސް ކޮޅަކުން އެހެން ޑެސްޓިނޭޝަން ތަކުން މިގޮތް ކޮޕީކޮށް، ދިވެހި ޓޫރިޒަމްގެ ޔުނީކްކަން ގެއްލިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ.

މިސާލަކަށް ފަސް ބުރީގެ ރޫމް އަޅައިގެން، އެއަރކޯން ނުކޮށް، ވެންޓިލޭޝަން ރަނގަޅުކޮށް، ބީޗް ރޫމް ހަދައި، ބޭސިކް ހިދުމަތާއެކު ބެކް ޕެކާރސްއަށް ހާއްސަކޮށް، އަގުހެޔޮ ޓޫރިޒަމްއަށް ޙާއްސަ ރިސޯރޓް ހެދުމަކީވެސް އާ ކޮންސެޕްޓެކެވެ. ނުވަތަ ޑިއުޓީ ފްރީ ޝޮޕިންގ އަށް ހާއްސަކޮށް، ޗައިނާ ފަދަ ޝޮޕިންގ މާރކެޓްތަކަށް ހާއްސަކޮށްގެން، ޝޮޕިންގ މޯލްއާއެކު އިންޓެގްރޭޓެޑް ޓޫރިޒަމް ތައާރަފް ކުރުމަކީވެސް ކުރަން ޖެހޭ ކަމެކެވެ. އެނބޫދޫ ފަޅުގައި ހުޅުވާފައިވާ ކްރޮސް ރޯޑްސް ޕްރޮޖެކްޓަކީ މިފަދަ ތަނެކެވެ. އަދި ރަލާއި އޫރުމަސް ފަދަ ތަކެތި ނުވިއްކާ ގޮތަށް ހަލާލު ޓޫރިޒަމްގެ ވިޔަފާރި އަކީވެސް މެލޭޝިޔާ ފަދަ ޤައުމުތަކުން މިހާރުވެސް ގަދަޔަށް މާކެޓް ކުރަމުން އަންނަ ނިޝް މާރކެޓެކެވެ. ހަލާލް ޓޫރިޒަމަކީ ވެސް ދިވެހި ޓޫރިޒަމް އިންޑަސްޓްރީއަށް ގެންނަން ޖެހޭ އާ ކޮންސެޕްޓެކެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި މިމައުލޫއަށް އަލިއަޅުވާލައްވާފައި ވެއެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވިޔަފާރި ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތައް ކަމަށާއި މީގެ ތެރޭގައި ދިވެހި ރާއްޖޭގައި އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަމަށެވެ. ރައީސްގެ ލިސްޓުގައި ފާހަގަ ކުރައްވާފައިވާ ކުޅިވަރުގެ ޓޫރިޒަމް އާއި މެޑިކަލް ޓޫރިޒަމް އަކީ ރާއްޖެއަށް ވަރަށް ތަފާތު ކޮންސެޕްޓަކަށް ތައާރަފު ކުރެވިދާނެ ޓޫރިޒަމް އެކެވެ.

މިސާލަކަށް، ބޭރުގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކުން ވިންޓަރ ބްރޭކުގައި ހޫނު މާހައުލެއްގައި ޓްރެއިނިންގް ކޭމްޕް ހަދަން ޤަތަރު ފަދަ ޤައުމުތަކަށް ވަރަށް ގިނައިން ދެއެވެ. މިފަދަ ފުޓުބޯޅަ ކޭމްޕް ހެދޭނެ ގޮތަށް ފަރުމާ ކުރެވޭ ހާއްސަ ރިސޯޓެއް ރާއްޖޭގެ ބޮޑު ފަޅުރަށެއްގައި ތަރައްޤީކޮށް "ފުޓުބޯޅަ ކޭމްޕް ރިސޯރޓެއް" ތަރައްޤީ ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމް ނުވަތަ ކްރިކެޓް ސްޓޭޑިއަމް އަޅައިގެން ބޭރުގެ ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި މެޑިކަލް ޓޫރިޒަމް ވަރަށް ތަފާތު އާގޮތަކަށް ގެނައުމަށްޓަކައި ބޭރުގެ ފައިސާވެރިން މުސްކުޅިވެ، ރިޓަޔަރ ކުރަން ވުމުން އައިސްތިބޭ "އޯލްޑް އޭޖް ލަގްޒަރީ ހޯމް" ކޮންސެޕްޓަށް، ހޮސްޕިޓަލް ހިމެނޭ ގޮތަށް، ވަކި ރިސޯޓެއް ހެދުމަކީ މެޑިކަލް ޓޫރިޒަމްގެ އާ ކޮންސެޕްޓަކަށް ވެދާނެއެވެ.

ހަމައެފަދައިން ބިޔަ ބޮޑުރަށެއް، ކިޔަވާކުދިން ނިދާނެ ޑޯރމެޓްރީއާއެކު، ޔުނިވަރސިޓީއާއި، ޕޮލިޓެކްނިކް ފަދަ ތަންތަން ހިމެނޭ ގޮތަށް ބޮޑު "އެޑިއުކޭޝަނަލް ރިސޯރޓެއް" ވެސް ހެދިދާނެއެވެ. މިއީ އެޑިއުކޭޝަނަލް ޓޫރިޒަމްގެ އާ ވައްތަރަކަށް ވެދާނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފު ކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި ވިދާޅުވުމަކީ ހަމައެކަނި ސުރުޚީ އަޅުއްވާލެއްވުމަށް ވިދާޅުވި އެއްޗަކަށް ނުހައްދަވައި ތަފާތު ޔުނީކް ކޮންސެޕްޓްތަކުގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފު ކުރުމަކީ އެމަނިކުފާނުގެ ދައުރުގެ ބާކީ އޮތް ހަތަރުވަރަކަށް އަހަރުގެ ލަނޑުދަނޑިއަކަށް ހައްދަވާނެކަމަށް އުއްމީދު ކުރެވެއެވެ.

ދިވެހި ޓޫރިޒަމް އިންޑަސްޓްރީ ފުޅާވެ، އަހަރަކު އެތައް އާ ރިސޯރޓެއް ހުޅުވޭކަމުގެ ޚަބަރުތައް އާއްމުވެ، ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އަހަރުން އަހަރަށް އިތުރުވާ ކަމުގެ ޚަބަރުތައް ނޫސްތަކުން ފެންނަ އިރު ދިވެހީންނަށް މިކަމުން ލިބެން ޖެހޭ ހަޤީޤީ ފޮނިމީރުކަން އަދިވެސް ނުލިބެއެވެ. ރިސޯރޓް ތަކުގެ ސީނިއަރ ވަޒީފާތަކުގައި ގިނައީ ބޭރު މީހުންނެވެ. މުޅި އިންޑަސްޓްރީއަށް ބަލާއިރު 50 އިންސައްތަ އަށްވުރެ ވެސް ގިނައީ ބިދޭސީންނެވެ. ސީނިއަރ މެނޭޖްމެންޓް ވަޒީފާތައް 100 ޕަރސެންޓް ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޤަވާއިދު ހަދަން ޖެހެއެވެ.

ރައީސް ސޯލިހުގެ ޚިތާބުގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމުން ރާއްޖެއަށް ލިބޭ އާމްދަނީއާ އަޅާ ބަލާއިރު ވަކިވަކި ފަރުދުންގެ އިގްތިސާދަށް އެނގުންވާ މިންވަރު އަދިވެސް މާ ކުޑައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް ލިބިފައިވާ މަގުބޫލުކަމުގެ ފައިދާ މިހާރަށް ވުރެ ފުޅާ ގޮތެއްގައި ވަކިވަކި ދިވެހީންނަށް ނުވަތަ ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.

ކިތައްމެ ރިސޯރޓެއް ހުޅުވިއަސް މަށަށް ކީއްހޭ. މަށަށް އެކަމުންވާ ފައިދާއެއް ނެތޭ ދިވެހީންނަށް ނުބުނެވޭ ވަރަށް، ދިވެހި ޓޫރިޒަމް އިންޑަސްޓްރީގެ ފައިދާ ދިވެހި ފަރުދުންނާ ހަމައަށް ގެނެސްދިނުމަކީ ސަރުކާރުގެ ޒިއްމާއެކެވެ. ތައުލީމާއި، ސިއްހަތާއި، އުމްރާނީ ޚިދުމަތްތަކާއި، ހާއްސަ އެލަވަންސްތައް ތައާރަފުކޮށް، ރައްޔިތުމީހާގެ ޖީބަށް ބަރުވާނެގޮތަށް ހަދަން ޖެހެއެވެ. ދިވެހި ޓޫރިޒަމް އިންޑަސްޓްރީ އަކީ ހަމައެކަނި މަދު މަހުޖަނުން ކޮޅެއްގެ ޖީބު ބަރުކޮށް، ދިވެހީން ބާކީކޮށް، ބަނގާޅު މީހުންނާއި، ސިލޯނު މީހުންނާއި ނޭޕާލު މީހުންނާއި ފިލިޕީންސް މީހުން ގެނެސް ރިސޯރޓްތަކުގެ ވަޒީފާތައްދޭ އިންޑަސްޓްރީއެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓަރާއި، ނައިބު ރައީސާއި، ރައީސުލް ޖުމްހޫރިއްޔާ އިއްޔެ އެޅުއްވި ސުރުހީތަކުން އުއްމީދު އާވެއްޖެއެވެ. ދެން އޮތީ ސުރުހީތައް އަމަލީ މަސައްކަތަށް ބަދަލު ކުރައްވަންވީ ވަގުތެވެ. މިސަރުކާރުގެ ދައުރުގެ ބާކީ އޮތް ހަތަރު އަހަރުގައި މިއުއްމީދުތައް ހަޤީގަތަށް ބަދަލުވާތަން ދުށުމަކީ ދިވެހި ރައްޔިތުން އެދިއެދި ތިބޭނެ ކަމެއްކަން ޔަޤީނެވެ.