ޚަބަރު

ވަޒީފާ ހޯދަން ފަސޭހަކުރަން އަންނަ މަހު ޖޮބް ޕޯޓަލް ލޯންޗް ކުރަނީ

މަރިޔަމް ޝަހުދާ

އަންނަ މަހު ޖޮބް ސެންޓަރުގެ ޕޯޓަލް ލޯންޗް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ފެށި ޓޫރިޒަމް ޖޮބް ފެއާގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޖޮބް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި މިހާރު މި ޖޮބް ސެންޓަރުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުންދާ އެހެން ޕްރޮޖެކްޓަކީ އަޅުގަނޑުމެންގެ ވައުދެއްގައި ވެސް ހިމެނޭ ޖޮބް ސެންޓަރު ގާއިމް ކުރުމުގެ މަސައްކަތް. އިރާދަ ކުރެއްވިޔާ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ޕޯޓަލް، ނުވަތަ ޖޮބް ސެންޓަރު ލޯންޗް ކުރާނަން.'' މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ބެލޭގޮތަށް ފަރުމާކޮށްފައިވާ މި ޕޯޓަލް ލޯންޗު ކުރުމާއެކު ރާއްޖޭގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް މި ޕޯޓަލްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރަން ބޭނުންވާ ބަޔަކު ތިބި ކަމަށް ސަރުކާރުން ބަލާނީ އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެ ގެންނަ ބިދޭސީން ވެސް މި ޕޯޓަލްގައި ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ނަމަވެސް ޕޯޓަލްގައި ރަޖިސްޓްރީވާ ބިދޭސީންނަށް ވަޒީފާ ދެވޭނީ އެ މަގާމަކަށް އެކަށީގެންވާ ދިވެއްސަކު ރަޖިސްޓްރީވެފައިނުވާ ނަމައެވެ. އަދި އެފަދަ ހާލަތެއްގައި މެނުވީ ބޭރު ފަރާތެއް ގެނައުމަށް ކޯޓާ ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، މި ޕޯޓަލްއާއެކު މިހާރު ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބި، މިހާރު ނުލިބޭ މުހިއްމު އެތައް މައުލޫމާތެއް ޖޮބް ސެންޓަރު މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އެގޮތުން މި ޕޯޓަލްގެ އެހީގައި ދިވެހިންގެ ތެރޭ ފަންނުވެރިން އެންމެ މަދު ދާއިރާތައް ދެނެގަނެވި އެ ދާއިރާތަކުން ދިވެހިން ތަމްރީނު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.