ދުނިޔެ

ޗޭނު ޖަހައި، ބަންދުކޮށްގެން ގެންގުޅުނު ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ސަލާމަތްކޮށްފި

ނައިޖީރިއާގެ އިމާރާތެއްގެ ތެރޭގައި ޗޭޖު ޖަހައި، ބަންދުކޮށްގެން ގެންގުޅުނު ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ސަލާމަތް ކޮށްފިއެވެ.

ނައިޖީރިއާގެ އުތުރުގައި އޮންނަ ކަޑުނާ ސިޓީގައި ހުންނަ އިމާރާތެއްގައި ބަންދުކޮށްގެން ގެންގުޅުނު 300 އަށްވުރެ ގިނަ މީހުން އިއްޔެ ހިންގި ރެއިޑެއްގައި ސަލާމަތްކުރިއިރު، އެ ސީންގައި ހަރަކާތްތެރިވި ރޮއިޓާސްގެ ރިޕޯޓަރުން ބުނާގޮތުގައި އޭގެ ތެރޭގައި ގިނައީ އުމުރުން އުމުރުން ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ފިރިހެން ކުދިންނެވެ.

އޭގެ ތެރެއިން ގިނަ ކުދިންގެ ދެފައިގައި ޗޭނު ޖަހާފައި ހުރިއިރު، އަނެއްބައި ކުދިން ގެންގުޅުނީ ބޮޑެތި ފުރޮޅުގެ ދަގަނޑު ބައިގައި ޗޭނު ޖަހައިގެން ކަމަށް ރޮއިޓާސްގެ ރެޕޯޓަރުން ބުނެއެވެ.

ނައިޖީރިއާގެ ފުލުހުން ބުނީ، އެކުދިން ތިބި ސްކޫލަކީ އިސްލާމިކް ސްކޫލެއް ކަމަށާއި އެ މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ.

ނަމަވެސް އެ އިމާރާތުގެ ތެރޭގައި އެކުދިން ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ ކިހާ ދުވަހެއް ވަންދެން ކަމެއް ނޭނގެއެވެ.

ނައިޖީރިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ބަންދުކޮށްގެން ގެންގުޅުނު ކުޑަކުދިންނަށް އަނިޔާކޮށް، ކާންނުދީ އަދި ޖިންސީ އަނިޔާ ވަނީ ކޮށްފައެވެ. އަދި އެކަމުގެ ނިޝާންތައް ވެސް ބައެއް ކުދިންގެ ގައިން ފެންނަން ހުރިކަމަށްވެއެވެ.

މުސްލިމުން ގިނަ އަދަދަކަށް އުޅޭ އަދި ނައިޖީރިއާގެ އެންމެ ގިނަ ފަގީރުން އުޅޭ ނައިޖީރިއާގެ އުތުރުގައި ގިނަ އަދަދެއްގެ އިސްލާމީ ސްކޫލްތަކެއް ހުރެއެވެ. އުޅެންޖެހިފައިވާ ފަގީރުކަމާއެކު ގިނަ ބެލެނިވެރިން އެމީހުންގެ ދަރިންނަށް ކިޔަވައިދޭން ފޮނުވާފައި ތިބެނީ މިފަދަ ސްކޫލްތަކަށެވެ.