ދުނިޔެ

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ތުރުކީގެ އެންމެ ބޮޑު ސިޓީ، އިސްތަންބުލްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ތުރުކީގެ ޑިޒާސްޓާ އެންޑް އެމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، 5.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިން ހެލުން އައިސްފައިވަނީ މަރްމަރާ ކަނޑުގެ 6.99 ކިލޯ މީޓަރު އަޑިއަށް ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ބިންހެލުން އައިގަޑީގައި އިމާރާތްތައް ގުޑި އަދި ބައެއް އޮފީސްތަކާއި ސްކޫލްތަކުން ވަގުތީ ގޮތުން މީހުން ހުސްކުރިއެވެ.

ބިންހެލުމަށްފަހު އިސްތަންބުލްގެ މޭޔަރު އެކްރެމް އިމަމޮގްލޫ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިންހެލުމުގެ ސަބަބުން އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި، އެ ބާރުގަދަ ބިންހެލުން އައުމުގެ ކުރިން މިއަދު ހެނދުނު ވެސް އިސްތަންބުލްއަށް 3.6 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އައިސްފައެވެ.

ތުރުކީއަށް އައި ބިންހެލުންތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވީ އިޒްމިތް ނަަމަކަށް ކިޔާ ސިޓީއަށް 1999 ވަނަ އަހަރު އައި ބިންހެލުމުގައެވެ. އެ 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 17000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.