ސްޕެނިޝް ލަލީގާ

އޮސަސޫނާ ބަލިކޮށް، ރެއާލް އެއްވަނައަށް

އަލީ ރިފްޝާން

ސްޕެނިޝް ލަލީގާގައި އޮސަސޫނާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އޮސަސޫނާ އަތުން ރެއާލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ރެއާލުން ލީޑު ހޯދީ 36 ވަނަ މިނެޓުގައެވެ. ޓޯނީ ކްރޫޒް ދިން ރީތި ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ 19 އަހަރުގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އޮސަސޫނާ ގޯލުގެ މަތީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުންދިޔައީ ރެއާލުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ކަސެމީރޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ 18 އަހަރުގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އަސަސޫނާ ގޯލުގެ ތިރީ ކަނަކަށެވެ.

އެ ނަތީޖާއާއެކު ރެއާލް ވަނީ ކުޅުނު ހަ މެޗުން ހޯދި 14 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އެތުލެޓިކް ކްލަބަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތީ ގްރެނާޑާއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ ކުޅުނު ހަ މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.