ބޮލީވުޑް

ލަވް ރަންޖަންގެ ފިލްމުންވެސް އަދި ރަމަޔާނާ ފިލްމުންވެސް ނުފެންނާނެ ކަމަށް ޝްރައްދާ ބުނެފި

މިއަހަރަކީ ބަތަލާ ޝްރައްދާ ކަޕޫރަށް ކާމިޔާބު އަހަރެކެވެ. ސާހޯ އަދި ޗިޗޯރު ސުޕާ ހިޓް ވުމާއެކު އޭނާ ދަނީ ހެޑްލައިން ތަކުން ޖާގަ ހޯދަމުންނެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޝްރައްދާ ވަނީ ލަވް ރަންޖަންގެ ފިލްމާ ގުޅިފައެވެ. އެ ފިލްމަށް އަދި ނަން ކިޔާފައި ނުވި ނަމަވެސް ބަތަލުންގެ ގޮތުގައި އަޖޭ އަދި ރަންބީރު ފެނިގެންދާނެއެވެ. ކުރިން ފިލްމާ ދީޕިކާ ގުޅޭ ގޮތަށް އޮތް ނަމަވެސް ލަވް ރަންޖަންއަށް ކޮށްފައިވާ މީޓޫ މޫވްމަންޓްގެ ތުހުމަތާ ގުޅިގެން ދީޕިކާ ވަނީ ފިލްމުން ވަކިވެފައެވެ.

މީގެ އިތުރުން ފިލްމު ރަމަޔާނާ އާވެސް ޝްރައްދާ ގުޅިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ފިލްމު ރަމަޔާނާ ޑައިރެކްޓް ކުރަނީ ޝްރައްދާގެ ސުޕާ ހިޓް ފިލްމު ޗިޗޯރުވެސް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު ނިތޭޝް ތިވާރީއެވެ.

ނަމަވެސް ޝްރައްދާ މިވަނީ މިފެތުރޭ އަޑުތައް ދޮގުކޮށްފައެވެ. ޝްރައްދާ ބުނި ގޮތުގައި އެ ދެފިލްމާވެސް ގުޅުމަށް އޭނާ އަށް އަދި ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް ނިތޭޝް އަކީ މަސައްކަތް ކުރަން ފަސޭހަ ޑައިރެކްޓަރެއް ކަމަށާއި އޭނާއާއެކު މަސައްކަތް ކުރަން އަދިވެސް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

ޗިޗޯރަކީ ޝްރައްދާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ތިން ވަނަ ސުޕާ ހިޓް ފިލްމެވެ.

ޝްރައްދާ މިވަގުތު މަސައްކަތް ކުރަމުން ދަނީ ފިލްމު ބާގީ ތިނެއްގައެވެ. ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށް ދާއިރު ސެޓުގެ ހަރަކާތްތައް އޭނާ ދަނީ މީސް މީޑިއާގައި ހިއްސާކުރަމުންނެވެ.

ބާގީ ތިނަކަށްފަހު ވަރުން ދަވަންއާއެކު ޝްރައްދާ ދެން ފަށާނީ ފިލްމު ސްޓްރީޓް ޑާންސާ ތީޑީގެ މަސައްކަތެވެ. ރެމޯ ޑިސޫޒާ ޑައިރެކްޓް ކުރާ އެ ފިލްމު އަންނަ އަހަރު ރިލީސްކުރާނެ ކަމަށްވެއެވެ.