ކޮމިޝަނަރ އޮފް ސްޕޯޓްސް

ލަތީފްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާކުރަން ފޮނުވާނެކަމުގެ އިންޒާރު ދީފި

އަލީ ރިފްޝާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފުގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާކުރަން ފޮނުވާނެކަމުގެ އިންޒާރު ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ހީނާ ސަލީމް) ދެއްވައިފިއެވެ.

ލަތީފަށް ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިދިޔަ ޖޫން 11ގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލުމާ ގުޅިގެން ވީއޭއެމްގެ ރައީސްގެ ހައިސިއްޔަތު ލަތީފަށް ގެއްލިފައިވާ ކަމަށެވެ.

އެ ކޮމިޓީ އުކުލަވާލުމާއެކު ރައީސްގެ ހައިސިއްޔަތު ލަތީފަށް ގެއްލިފައިވުމުން، ވީއޭއެމް ލެޓާހެޑާއި ރިފަރެންސް ނަމްބަރު ބޭނުންކޮށްގެން މުއާމަލާތު ކުރުމުގެ ރަސްމީ ހައިސިއްޔަތު އޭނާއަށް ލިބިފައިނުވާ ކަމަށާއި އެފަދައިން މުއާމަލާތް ކުރުމަކީ ޝަހުސު އޮޅުވާލުން ކަމަށް ހީނާ ސަލީމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ހީނާ ސަލީމްގެ ސިޓީގައި ވިދާޅުވީ ރަސްމީ ހައްސިއްޔަތެއް ނެތި އެފަދަ ލިޔުންތައް ތައްޔާރުކޮށް ވުޒާރާތަކަށް ފޮނުވުމަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ކަނޑައެޅިފައިވާ ގޮތުން ޖިނާއީ ކުށެއް ކަމުގައިވާތީ، ވީއޭއެމްގެ ލެޓާހެޑާއި ރިފަރެންސް ނަންބަރު ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ނަމުގައި ލިޔެކިޔުންތައް ނުފޮނުވުމަށާއި އެއްވެސް ފަރާތަކާ އެފަދައިން މުއާމަލާތު ނުކުރުމަށް ލަތީފަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި އެކަން ތަކުރާރު ކޮށްފިނަމަ، ގާނޫނާއި ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައެވެއެވެ.

އެކަމާ ގުޅޭގޮތުން ލަތީފް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރު ފޮނުއްވި އެއްވެސް ސިޓީއެއްގައި މަގާމު ގެއްލިފައިވާކަން އަންގާފައި ނުވާ ކަމަށެވެ.

ލަތީފް ވަނީ އެ ސިޓީތަކުގެ ކޮޕީއެއް ވެސް ހިއްސާކުރައްވައިފައެވެ. އޭގެ ތެރެއިން ވީއޭއެމްގެ މަސްއޫލިއްޔަތުތައް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރިކަން އެންގުމަށް ފޮނުވި ސިޓީ އެޑްރެސް ކުރައްވާފައިވަނީ "ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލްފާޟިލް މުހައްމަދު ލަތީފު" ޖައްސަވައިފައެވެ.

ޖޫން މަހުގެ 11ގައި ލަތީފަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ ވީއޭއެމްގެ ޒިންމާތައް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެސޯސިއޭޝަންގެ އޮފީހާއި އެންމެހައި ލިޔެކިޔުންތަކާއި އަދި އެހެނިހެން ސާމާނާއި ވަސީލަތްތަކާއި ތަކެތި ހަވާލުކުރުމަށް ވެސް އަންގާފައިވެއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ، އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އާއި އެ ކޮމިޓީގެ ނައިބު ރައީސް އަހްމަދު އިސްމާއީލާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމާއި މަރިޔަމް ޖުމާނާ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދެވެ.

ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރި މައްސަލައިގައި ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ އިން ވަނީ ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ. އަދި އެ ފެޑެރޭޝަނުން ބަލައިގަންނާނީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީކަން ފާހަގަކޮށް، އެސޯސިއޭޝަންގެ ހިންގުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އެފްއައިވީބީން ވަނީ އަންގައިފައެވެ.

މިމަހު އެފްއައިވީބީ އިން ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމާއި ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އާމިރަށް ފޮނުވި ސިޓީގައިވާ ގޮތަށް ވީއޭއެމް ސަސްޕެންޑްކޮށްފި ނަމަ، އެފްއައިވީބީ ގަބޫލުކުރާ މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުތަކާއި ގައުމީ ބީޗް ވޮލީ ޓީމުތަކަށް ވާދައެއް ނުކުރެވޭނެއެވެ. އަދި އެފްއައިވީބީގެ މެމްބަރުކަމުން ވެސް ވީއޭއެމް ދުރުކުރެވޭނެއެވެ. އެހެންކަމުން އަންނަ އަހަރު ރާއްޖޭގައި އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމުގެ ކުރިން ސަސްޕެންޑްކޮށްފި ނަމަ، އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެއަށް ގެއްލޭނެއެވެ.