ޚަބަރު

"ޖުހާ" ޕޭޖު ބްލޮކް ކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މާތް ވެގެން އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ދިވެހި ބަހުން ލިޔަމުންދިޔަ ފޭސްބުކް ޕޭޖް، ''ޖުހާ'' ބްލޮކް ކޮށްފިއެވެ.

އެގޮތުން މިހާރު ވަނީ އެ ޕޭޖަށް ނުވަދެވޭ ގޮތް ހަދާފައެވެ. "ޖުހާ" ޕޭޖް ބްލޮކް ކޮށްފައިމިވަނީ އެ ޕޭޖުގައި ދީނަށް ފުރައްސާރަކޮށް ލިޔުންތައް ލިޔަމުން އަންނަތާ ދުވަސްތަކެއް ފަހުން، އެކަން ފުލުހުންގެ ފަރާތުން ޓެކްނޮލޮޖީ މިނިސްޓްރީއަށް ހުށަހަޅާފައިވަނިކޮށެވެ. އަދި އާންމުންގެ ގިނަ ބަޔަކު ވެސް އެ ޕޭޖު ބްލޮކް ދިޔައީ ބްލޮކް ކުރަމުންނެވެ.

"ޖުހާ"ގެ ނަމުގައި ހިންގަމުންދިޔަ އެ ޕޭޖުގައި މާތް ﷲ އާއި އެކަނލާންގެ މާތް ރަސޫލާގެ އިތުރުން އައިޝަތުގެފާން އަދި ބައެއް ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ އިތުރުން ކީރިތި ގުރުއާނަށް ނިސްބަތްކޮށް ދިވެހި ބަހުން ހުތުރު ބަހުރުވައިގެން އެއްޗިހި ލިޔެފައި ހުރެއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން އަލީ ސޯލިހު އިއްޔެ ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހައި، ގިނަ ޕޯސްޓުތަކެއް ކުރަމުންދާ ބައެއް ފޭސްބުކް ޕޭޖުތައް ސަރުކާރަށް ފާހަގަވެފައިވާތީ، އެފަދަ ޕޭޖެއް ބްލޮކް ކުރަން ފުލުހުން ވެސް އެދިފައިވާ ކަމަށެވެ. އަލީ ސޯލިހު ވިދާޅުވީ އެމައްސަލަ ޓެލެކޮމިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް(ކޭމް)އަށް ހުށަހަޅާފައިވާ ކަމަށާއި އެފަދަ ޕޭޖުތަކާ ދެކޮޅަށް މީގެ ކުރިންވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރަމުންދާ ޕޭޖުތަކާއި ދީނަށް ފުރައްސާރަ ކުރަމުންދާ ޕޭޖުތައްވެސް ބްލޮކް ކުރުމަށް ކަމަށެވެ. އަދި އެކަމުގައި އެދެ ފިކުރާމެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް ވަނީ މިއަހަރުގެ ޖަނަވަރީ މަހު ހާއްސަ ކޮމެޓީއެއް ވެސް އުފައްދަވާފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.