ފަނޑިޔާރުންގެ ޖަމިއްޔާގެ އާންމު ޖަލްސާއެއް ވައިބާ ގުރޫޕެއްގައި ބާއްވަން ނިންމައިފިއެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ޝުއައިބު ހުސެން ޒަކަރިއްޔާ ސޮއިކުރައްވައި، ޖަލްސާގައި ބައިވެރިވުމަށް މެންބަރުންނަށް ފޮނުވި ދައުވަތު ލިޔުމުގައި ބުނެފައިވަނީ، އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ނިޝާނާއި ދިދަ ފާސްކުރަން ބާއްވާ އެ ޖަލްސާ ކުރިއަށް ދާނެ ގޮތުގެ އުސޫލު ވެސް ވަނީ ދައުވަތު ކަރުދާހާއެކު އާންމުކޮށްފައެވެ.
އެ އުސޫލުގައިވާ ގޮތުން ވައިބާ ގުރޫޕުގައި ބައިވެރިކުރާނީ މެންބަރުން އެކަންޏެވެ. އަދި މެމްބަރުން ގުރޫޕަށް ވައްދާނީ ހިންގާ ކޮމެޓީގެ މެންބަރުންނެވެ. އަދި ޖަލްސާ ފެށުމުގެ 30 މިނެޓްކުރިން ޖަލްސާގައި ފާސްކުރަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ވައިބާ ގުރޫޕުގައި ހިއްސާކޮށް ޕިންކޮށްފައި ހުންނާނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
އުސޫލު ބުނާގޮތުން، ޖަލްސާ ފެށުމަށް ކަނޑައެޅިފައިވާ ވަގުތުގައި ވައިބާ ގުރޫޕުގައި އެ މެމްބަރަކު ހިމެނިފައިވާނަމަ، އެ މެމްބަރަކު ޖަލްސާއަށް ހާޒިރުވި ކަމަށް ބަލާނެއެވެ. އަދި ޖަލްސާ ފެށޭނީ ރިޔާސަތު ޖަލްސާ ފެށިއްޖެކަން އިއުލާން ކުރުމުންނެވެ.
ޖަލްސާ ފެށިއްޖެކަން އިއުލާންކުރުމަށްފަހު އެޖެންޑާގައިވާ އައިޓަމާމެދު މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓް ދިނުމަށް ޕޯލެއް ހުޅުވާނެ ކަމަށާއި ވޯޓު ނަގާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ. އަދި ޖަލްސާ ނިންމުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ޖަލްސާއަށް ހާޒިރުވި މެންބަރުން އެޖެންޑާގައިވާ ކަންކަމަށް ވޯޓްދީ ނިމިއްޖެނަމަ އެކަން އަންގައި ޖަލްސާ ނިންމާލާނެއެވެ.
ޖަލްސާ ނިމުމުން ގުރޫޕުން މެންބަރުން އުނިކޮށް ގުރޫޕު ފޮހެލާނެ ކަމަށާއި ޖަލްސާ ހިނގަމުންދާއިރު ޔައުމިއްޔާގެ ބޭނުމަށް ގުރޫޕުގައި ދެކެވޭ ވާހަކަތައް ނޯޓްކުރާނެ ކަމަށް ވެސް އާންމު ޖަލްސާގެ ދައުވަތާއެކު ފޮނުވާފައިވާ އުސޫލުގައި ބުނެފައިވެއެވެ.
ފަނޑިޔާރުންގެ ޖަމުއިއްޔާގެ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ހެނދުނު 10:00 ގައެވެ. މިޖަލްސާގައި ފަނޑިޔާރުންގެ ޖަމިއްޔާގެ ނިޝާނާއި ދިދަ ފާސްކުރާނެއެވެ.