ދިވެހި ޕްރިމިއާ ލީގު

ހާލުގައި އޮތް ވިކްޓަރީ އަތުން ނިލަންދުއަށް ފަސޭހަ މޮޅެއް

އަލީ ރިފްޝާން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ނިލަންދޫ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީ އަތުން ނިލަންދޫ މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ. ވިކްޓަރީން މެޗު ކުޅެވޭ ވަރަށް މިއަދު ކުޅުންތެރިން ހަމަކުރި ނަމަވެސް، ބަދަލެއް ކޮށްލުމަށް ބެންޗުގައި ކުޅުންތެރިޔަކު ނެތެވެ. ވިކްޓަރީއަށް 11 ކުޅުންތެރިންގެ ހަމަކުރެވުނީ ބަދަލު ދެ ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ނެރެގެންނެވެ. އެ ހާލަތާ ވިކްޓަރީން ކުރިމަތިލަމުންދަނީ ނޭޕާލުގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ގައުމީ ޓީމާއެކު ވިކްޓަރީގެ ފަސް ކުޅުންތެރިޔަކު ގޮސްފައިވުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވުމުން 40،000 ރުފިޔާ އިން ވިކްޓަރީ ޖޫރިމަނާކޮށް، ކުރިއަށް ހުރި މެޗުތައް ކުޅެވޭނީ އެ ފައިސާ ދެއްކުމުން ކަމަށް އެފްއޭއެމް އިން އެންގިއެވެ. ވިކްޓަރީއަށް މިއަދުގެ މެޗު ކުޅެވިފައިވަނީ އެފްއޭއެމް އިން އެ ކްލަބަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ޖޫރިމަނާ ފައިސާ އުނިކުރާ ގޮތަށް އެއްބަސްވެގެންނެވެ.

މިއަދު ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ނިލަންދޫން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޓޮޝީކީ އޮކަމޮޓޯ ދިން ބޯޅައަކުން ނިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޮޑޮކޫ ކުއެކޫ ލޫކަސްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ވިކްޓަރީ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނިލަންދޫން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ދިން ބޯޅައަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އުސާމްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ނިލަންދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ނިލަންދޫން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ވިކްޓަރީގެ ޑިފެންސަށް ހެދުނު ގޯހެއްގައި ފައިދާ ނަގައި، ޓޮޝީކީ ދިން ބޯޅައަކުން ނިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އޮޑޮކޫއެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

އޭގެ ދެ މިނެޓު ފަހުން ފެނުނު ލަނޑަކީ ވިކްޓަރީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނިލަންދޫން ނެގި ކޯނަރެއް ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި، ވިކްޓަރީގެ ހުސައިން ޝިހުބާންގެ ފައިގައި ޖެހިފައި އެ ބޯޅަ ވަދެފައިވަނީ ބައިކޮޅަށެވެ.

މެޗުގައި ނިލަންދޫން ޖެހި ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެނިކޮށެވެ. މެޗުގެ 87 ވަނަ މިނެޓުގައި ވިކްޓަރީގެ ޑިފެންޑަރު ޝިހުބާނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނިލަންދޫގެ ބިދޭސީ ފޯވަޑް އޮޑޮކޫ ހެޓްރިކް ފުރިހަމަކުރި އިރު، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވިކްޓަރީގެ ޑިފެންސަށް ހެދުނު އިތުރު ގޯހެއްގެ ފައިދާ ނަގައި ނިލަންދޫގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނަބީލެވެ.

ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ހޯދި ހަ ޕޮއިންޓާއެކު ނިލަންދޫ އޮތީ ތާވަލުގެ އަށްވަނައިގައެވެ. މިއަދު ނިލަންދޫ އަތުން ބަލިވި ވިކްޓަރީ އޮތީ ތާވަލުގެ ފުލުގައެވެ. އެޓީމު ކުޅުނު އަށް މެޗުން ވެސް ވަނީ ބަލިވެފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މާޒިޔާއަށް ކުޅުނު އަށް މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.