ދިވެހި ޕްރިމިއާ ލީގު

މެޗަށް ހާޒިރުނުވުމުން ވިކްޓަރީ 40،000 ރުފިޔާ އިން ޖޫރިމަނާކޮށްފި

އަލީ ރިފްޝާން

ދިރާގު ދިވެހި ލީގުގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވުމުން ވިކްޓަރީ ސްޕޯޓްސް ކްލަބު 40،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗަށް ވިކްޓަރީ ހާޒިރުނުވުމުން ގްރީން ސްޓްރީޓްސް މޮޅުވީ ކަމަށް ވަނީ ނިންމައިފައެވެ. ވިކްޓަރީން މެޗަށް ހާޒިރުނުވުމުން ގްރީނަށް ވަނީ ތިން ޕޮއިންޓާއި ދެ ގޯލު ލިބިފައެވެ.

އެފްއޭއެމް އިން މައްސަލަ ބެލުމަށްފަހު ވިކްޓަރީން ދަނޑަށް ހާޒިރުވެފައިނުވާތީ ޕްރިމިއާ ލީގު މުބާރާތުގެ ގަވާއިދުގެ 11.6 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެކްލަބު 40،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމިއެވެ. ވިކްޓަރީއަށް ކުރިއަށް ހުރި މެޗުތަކުގައި ކުޅެވޭނީ އެ ފައިސާ ދައްކާ ހަލާސްކުރުމުންނެވެ.

ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމު ހަމަނުވެދާނެ ކަމަށް ވިކްޓަރީއާ މިހާރު ހަވާލުވެ ހުރި އެ ކްލަބުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ވެސް ވަނީ ބުނެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލައްޗޭ ބުނީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައިވަނީ ވަރަށް މަދު ކުޅުންތެރިން ކަމަށާއި ފަރިތަކުރުންތަކަށް ކުޅުންތެރިން ހަމަނުވަނީ ކްލަބުގެ ތެރޭގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ. އަދި ގްރީނާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިން ހަމަވާނެކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންނެވެ.

ވިކްޓަރީގެ ބައެއް ކުޅުންތެރިން މިވަގުތު ތިބީ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމާއެކު ނޭޕާލުގައެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވާ އިރު، މިމަހުގެ 29ގެ ނިޔަލަށް އެ މުބާރާތް ކުރިއަށްދާނެއެވެ.

ލައްޗޭ ބުނީ ޒުވާން ގައުމީ ޓީމުގައި ވިކްޓަރީގެ ހަ ކުޅުންތެރިން ތިބުމާ ގުޅިގެން އެ ޓީމު އަންނަންދެން ވިކްޓަރީގެ މެޗުތައް ފަސްކޮށްދިނުމަށް އެފްއޭއެމްގައި އެދުނު ނަމަވެސް، އެހެން ކްލަބުތަކުގައި ވެސް ޒުވާން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ތިބި ކަމަށް އެފްއޭއެމް އިން އެންގި ކަމަށެވެ. އެހެންކަމުން ހަމައެކަނި ވިކްޓަރީގެ މެޗުތައް ފަސްކުރުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް އެފްއޭއެމް އިން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ގިނަ ގޮންޖެހުންތަކަކާއެކު ވިކްޓަރީން މިސީޒަނަށް ނުކުތީ ވަރަށް ޒުވާން ސްކޮޑަކާއެކުއެވެ. ޓީމުގައި އިތުރު މައްސަލަތަކެއް ޖެހި، ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި ހުރި މުހައްމަދު އާދަމް ވެސް ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދީފައެވެ. ވިކްޓަރީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުސާރައިގެ މައްސަލައެވެ.

ވިކްޓަރީގެ އިތުރުން އެހެން ކްލަބުތަކުން ވެސް ދަނީ މުސާރައިގެ މައްސަލަތަކާ ކުރިމަތިލަމުންނެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެސްއޯއީގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މިއަހަރު އެ ކުންފުނިތަކުން އެއްބަސްވުންތައް އާކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއަހަރު ކްލަބުތަކަށް ފައިސާ ދެމުންދިޔައީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. އެކި ފަހަރުތަކުގެ މަތިން އެފްއޭއެމް އިން ފައިސާ ދޫކުރުމުންދާ އިރު، ފަހުން ފައިސާ ހަވާލުކުރަން ހަމަޖައްސާފައިވާ މުއްދަތު ފަހަނައަޅައިގެން ގޮސްފައިވާކަން ބައެއް ކްލަބުތަކުން ފާހަގަކުރެއެވެ. އެހެންކަމުން ގިނަ ކްލަބުތަކަށް ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.