މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 41

އަބްދުﷲ ފާރޫގް ހަސަން

ލިޔެކިޔަން ދަންނަ ނިސްބަތް:

ލަކުޑިދީބަށް ނިސްބަތްކުރާއިރު މަލިކުގެ ލިޔަންކިޔަން އެނގުމުގެ ނިސްބަތް ވަރަށް މައްޗެވެ. ލަކުޑިދީބުގައި ބޮޑެތިމީހުންނަށް ކިޔަވައިދިނުމުގެ މަޝްރޫޢެއް ފެށުނީ 1956 ގައެވެ. ނަމަވެސް އެދުވަސްވަރު މަލިކުގައި އެމަޝްރޫޢެއް ނުފެށުނެވެ. އެހެންކަމާއެކުވެސް 1971 ގެ ބޯހިމެނުމުގައި ވަރަށް ފުރިހަމަ އެއްވަނައަކަށް އަންނަނީ މަލިކެވެ. ތިރީގައި މިވަނީ 1971 ގެ ބޯހިމެނި ހިސާބުގެ ނަތީޖާއެވެ.

މަލިކުން ލިޔަންކިޔަން ނުދަތުން ފޮހެލެވޭތޯ ދަނީ މަސައްކަތް ކުރެވެމުންނެވެ. 1981 ގެ ބޯހިމެނި ހިސާބު ދައްކާގޮތުން 65.29 އިންސައްތަ ލިޔަންކިޔަން ދަނެއެވެ. ފިރިހެނުންގެ 71.40 އިންސައްތައެވެ. އަންހެނުންގެ 59.99 އިންސައްތައެވެ.

މަލިކުގައި ތިބި ގްރެޖުއޭޓުން:

އާދެ، މިލިސްޓަށް ވިސްނާއިރު ބީ.އޭ. ފާސްކޮށްފައި ތިބި މީހުން ސީމަނުންގެ ގޮތުގައި ތިބިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއީ އިންޑިޔާގެ ކަންތައް ހުންނަގޮތަށް ނިސްބަތްކުރާއިރު އާދައިގެ ކަމެކެވެ. އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި މަޤާމުތަކަށް ޤާބިލުމީހުން ނުލިބިގެން އުޅުނުކަމުގައިވިޔަސް އިންޑިޔާގައި ކުރިމަތިވެފައިވަނީ ވަޒީފާ ނެތުމުގެ މައްސަލައެވެ. ކުރިޔަށް އޮތްތާނގައިވެސް އިންޑިޔާގައި މިމައްސަލަދާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

މަލިކުގެ ލައިބްރަރީ:

މަލިކުގައި 1964 އިން ފެށިގެން ލައިބްރަރީގެ ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ޚަރަދުގައި ހިންގާ "ރީޑިންގރޫމް ކަމް ލައިބްރަރީ" އެއް، މަލިކުގައި ހުރެއެވެ. އެތާނގެ ލައިބްރޭރިޔަނަކީ މަލިކު ބޭކަލެކެވެ. މިސްޓަރ ކޭ.އާރު.ބީ. ޢަލީ އެވެ. އެތާނގައި އިނގިރޭސިބަހާއި މަލިޔާޅަމްބަހާއި ހިންދީބަހުގެ ފޮތް ފުދޭވަރަކަށް ހުރެއެވެ. ނަމަވެސް މަލިކުމީހުންގެ މާދަރީބަސް ކަމުގައިވާ މަހަލްބަހުގެ (ދިވެހިބަހުގެ) އެންމެ ފޮތެއްވެސް ނެތެވެ. ލައިބްރަރީގެ ބޭނުންކުރާ މީހުންގެ ތެރޭގައި ގިނައީ "ދަތުރުމީހުން" ނާއި "ދީބުމީހުން" ނެވެ. މަލިކުމީހުން ވަރަށްވެސް މަދެވެ.