ޚަބަރު

މުއިއްޒުގެ ވާހަކައަކީ ނުރައްކާތެރި ވާހަކައެއް، ތަހުގީގު ކުރަންޖެހޭ: އިދިކޮޅު

ޝަހީދާ އަބްދުﷲ ސައީދު

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުމަކީ ނުރައްކާތެރި ވާހަކައެއް ކަމަށާއި އެކަން ތަހުގީގު ކުރަންޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރު މުއިއްޒު އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ ދުރާލައި ބަޔަކު ރާވައިގެން ހިންގި ޓެރަރިސްޓް އަމަލެއް ކަމަށެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، މުއިއްޒު ދެއްކެވި ވާހަކައިގެ ހަގީގަތް ބަލަންޖެހޭނެ ކަމަށެވެ. އަދި މުއިއްޒު ލިޔުއްވި ފޭސްބުކް ޕޯސްޓުގެ މައްސަލާގައި އެއްވެސް ފަރާތަކުން އެއްޗެއް ވިދާޅުވެފައި ނެތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، މަޖިލިސް ތަޅުމުން މުއިއްޒު ފާހަގަކުރެވެނީ މަޑުމަައިތިރި މެމްބަރެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން މުއިއްޒު އެފަދަ ވާހަކައެއް ދައްކަވާނަމަ، ދައްކަވާނީ ވަރަށް ޒިންމާދާރު ކަމާއެކު ކަމަށެވެ. އެގޮތުން މުއިއްޒު ކުރެއްވި ތުހުމަތުތަކަކީ އިތުބާރު ކުރެވޭ ވާހަކައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

''އެމަނިކުފާނުގެ ފޭސްބުކް ސްޓޭޓަސްގައި އެވަރުގެ ނުރައްކާތެރި ވާހަކަފުޅެއް ވިދާޅުވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމަނިކުފާނު ޒިންމާދާރު ގޮތެއްގައި ކަމާ ބެހޭ ހުރިހާ މުއައްސަސާ އަކަށް އެ މައުލޫމާތު ހިއްސާ ކުރެއްވުމަށްފަހުގައި،" ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ޓެރަރިޒަމާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ސަމާސާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ވަރަށް ސީރިއަސް ވާހަކައެއް ކަމަށެވެ. އެހެންކަމުން ކަމާ ބެހޭ އިދާރާތަކުން އެމައްސަލަ ތަހުގީގު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް މެމްބަރު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ހާދިސާގެ ތަހުގީގު ކުރިއަށްދާގޮތް މީޑިއާއާ ހިއްސާ ކުރައްވަމުން ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ހާދިސާ ހިނގާފައި ވަނީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ބެލެވޭ ހެއްކެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.